Roadha Mihaaru
ވެންގާ ފީފާގެ އިސް މަގާމަކަށް

ވެންގާ ފީފާގެ އިސް މަގާމަކަށް

14 ނޮވެމްބަރ 2019

ލަންޑަން (ނޮވެމްބަރު 14) - މަޝްހޫރު އެކި ކްލަބްތަކުގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް އަޑުފެތުރުނު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 14) - މަޝްހޫރު އެކި ކްލަބްތަކުގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް އަޑުފެތުރުނު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވެއްޖެ އެވެ.

ފްރާންސަށް އުފަން އުމުރުން 70 އަހަރުގެ ވެންގާ އަށް ފީފާގެ މި މަގާމު ދޭން އެންމެ ފުރަތަމަ މަޝްވަރާކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު އޭރު އަނގަބަހުން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ފަހުން ކަންތައްތައް މަޑުޖެހުނީ އެވެ. ވެންގާ ވަނީ އޭގެ ފަހުން އެކި ކްލަބްތަކުގެ ކޯޗުކަމާ ހަވާލުވާން ވެސް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ހުސްވި ބަޔާން މިއުނިކްގެ ކޯޗުގެ ވަޒީފާ ވެސް ހިމެނެ އެވެ.

"އަހަންނަށް މި ނެގުނީ ވަރަށް މުހިއްމު ވަރަށް ބޭނުންތެރި ޗެލެންޖެއް. ބޭނުންވަނީ ރަނގަޅު މަސައްކަތްތަކެއް ކުރަން،" ވެންގާ ބުންޏެވެ.

ޓެކްނިކަލް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުރެ ވެންގާ އަދާކުރާނީ އަންހެން އަދި ފިރިހެން ފުޓްބޯޅަ ތަރައްގީކުރުމަށް ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތަކެވެ. ޓެކްނިކަލް ޑިވެލޮޕްމަންޓް ހެޑްގެ ރޯލާ އެކު ވެންގާ އިތުރު ދެ މަގާމެއް ވެސް ފުރާނެ އެވެ. އެއީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑްގެ މެމްބަރުކަމާއި ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕްގެ ޗެއާމަންގެ މަގާމެވެ.

ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު ވެންގާ އެ ޓީމާ ވަކިވީ މީގެ އެއް އަހަރު ކުރިންނެވެ. ފީފާ އިން ވެންގާ ގެންދަން ޝައުގުވެރިވީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ވެންގާ ފާއިތުވި މަސްތަކުގައި ގިނަ ޕެނަލްތަކެއްގައި ފާޅުކޮށްފައިވާ ހިޔާލުތަކާ މެދު ހިތްހަމަ ޖެހިގެންނެވެ. އަދި އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ފުޓްބޯޅަ ޑިވެލޮޕްކުރުމުގައި ކޮންސަލްޓަންޓެއްގެ ވަޒީފާ ވެސް ވެންގާ ވަނީ އަދާކޮށްފަ އެވެ.

ފްރާންސުގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. ޖަޕާނުގައި މަސައްކަތްކުރިއިރު ވެންގާ ވަނީ ތަފާތު އެކި ރޮނގުރޮނގުން ޖަޕާން ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވެފަ އެވެ.