Roadha Mihaaru
ޕެރަމޯޓާގައި ފެށި ދަތުރު ފ. އަތޮޅުން ނިންމާލައިފި

ޕެރަމޯޓާގައި ފެށި ދަތުރު ފ. އަތޮޅުން ނިންމާލައިފި

14 މާޗް 2019

ޕެރަމޯޓާގައި ރާއްޖެ ވަށައި އުދުހުމުގެ ދަތުރު ފ. އަތޮޅުން އިއްޔެ ނިންމާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕެރަމޯޓާގައި ރާއްޖެ ވަށައި އުދުހުމުގެ ދަތުރު ފ. އަތޮޅުން އިއްޔެ ނިންމާލައިފި އެވެ.

ބުރަކަށީގައި ހަރުކޮށްފައި ހުންނަ ބުރަފައްޗެއް ބޭނުންކޮށްގެން، ވައިކުޑައިގެ އެހީގައި އުދުހޭ، ޕެރަމޯޓާގެ ދަތުރުތައް މި މަަހުގެ ދެ ވަނަ ދުވަހު ފެށީ ހއ. ތުރާކުނުންނެވެ. ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ "ސްކައި ގައިސް" އިން އިންތިޒާމް ކޮށްގެން ބާއްވާ މި ހަރަކާތް މާދަމާ ނިންމާލަން ހަމަޖެއްސީ އައްޑޫ އަށެވެ. ނަމަވެސް ވައި ދަތުރުކުރާ ގޮތް ބަދަލުވެފައި ހުރުމުން ފ. އަތޮޅާ ހަމައިން ވަނީ ނިންމާލައިފަ އެވެ.

ރާއްޖޭގެ ރަށެއް މަތިން، ޕެރަމޯޓާގައި އުދުހެނީ.--ފޮޓޯ: ސްކައި ގައިސް

ރާއްޖޭގެ ރަށެއް މަތިން، ޕެރަމޯޓާގައި އުދުހެނީ.--ފޮޓޯ: ސްކައި ގައިސް

ވައިގެ ކުޅިވަރުތައް އިންތިޒާމު ކުރާ ސްކައި ގައިސްގެ މެނޭޖިން ޑިރެކްޓަރު ޖާވިދު ހުސައިން ވިދާޅުވީ ބޭރުގެ 10 ޕައިލެޓުންނާ އެކު ފެށި ދަތުރުގައި 751 ކިލޯމީޓަރު ވަނީ ކަޑައްތުކޮށްފަ އެވެ. ޕްލޭންކުރިގޮތަށް ނުދެވުނަސް ތަފާތު ތަޖުރިބާއާއެކު ކާމިޔާބުކަމާއެކު "މޯލްޑިވްސް ޕެރަމޯޓާސް 2019" ނިންމާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ޕެރަމޯޓާ ދުއްވާ ޕައިލެޓުންގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ހޯދާފައިވާ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮމާންގެ އިތުރުން ސައުތު އެފްރިކާގެ މީހުން ހިމެނެ އެވެ.

"ހުވަދޫ ކަނޑު ހުރަސްކުރަން ބެލިއިރު ވައި ވަރަށް ބޮޑަށް ބަދަލުވެފައި ހުރީ. އެހެންވެ ފ. އަތޮޅަށް ނިންމާލީ،" ޖާވިދު ވިދާޅުވި އެވެ.

ރާއްޖޭގެ މަތިން ޕެރަމޯޓާގައި އުދުހުމުގައި ބައިވެރިވި ބައެއް ޕައިލެޓުން.--ފޮޓޯ: ސްކައި ގައިސް

ރާއްޖޭގެ މަތިން ޕެރަމޯޓާގައި އުދުހުމުގައި ބައިވެރިވި ބައެއް ޕައިލެޓުން.--ފޮޓޯ: ސްކައި ގައިސް

އެ ހަރަކާތް ނިންމުމުގެ ހަފުލާ މާދަމާ ރޭ ހުދުރަންފުށީގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ޖާވިދު ވިދާޅުވީ ހަރަކާތް ބޭއްވުމުގެ މަގުސަދު ވަރަށް ބޮޑަށް ހާސިލްވެފައިވާ ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް އާއްމުން ހޭލުންތެރި ކުރެވިފައިވާ ކަމަށާއި ގެސްޓް ހައުސް ޓޫރިޒަމް ވެސް ވަރަށް ރަނގަޅަށް ޕްރޮމޯޓުކުރެވިފައިވާ ކަމަށެވެ.

އެއަށްވުރެ ބޮޑަށް މުޅި ރާއްޖެ ވަށައި ޕެރަމޯޓާގެ ހަރަކާތެއް ބާއްވާނެ ކަމަށެވެ.

ގާތްގަނޑަކަށް 500 ފޫޓާއި 1،000 ފޫޓާ ދޭތެރޭގެ އުސް މިނެއްގައި އުދުހުމުގެ ހަރަކާތް ސްޕޮންސާކޮށްފައިވަނީ ދިރާގުންނެވެ.