14 މާޗް 2019
ކޮންމެ މަހަކު ވެސް އަތޮޅުން ކޮންމެވެސް ބަޔަކު މާލެ އަށް ހިޖުރަކުރެ އެވެ. އަތޮޅު ތައުލީމީ މަރުކަޒަށް ކިޔަވަން ދާން ދަތުރުކުރެވޭނެ ގޮތެއް ނެތެވެ. ހޮސްޕިޓަލެއް ހުއްޓަސް ހިދުމަތުގައި ފެންވަރެއް ނެތެވެ. މާ ގިނަ ވަޒީފާތަކެއް ނެތެވެ. ލިބޭ އާމްދަނީން ގެދޮރުއެޅޭނެ ފޯރުންތެރިކަމެއް ނެތެވެ. އެހެންކަމުން، މީގެ 35 އަހަރު ފަހުން، ގދ އަތޮޅުގެ އާބާދީ 11،000 އިން 3،000 އަށް ވެއްޓޭނެއޭ ބުންޏަސް އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހު ރަޝީދު ހައިރާންވެވަޑައެއް ނުގަންނަވަ އެވެ.
ކޮންމެ މަހަކު ވެސް އަތޮޅުން ކޮންމެވެސް ބަޔަކު މާލެ އަށް ހިޖުރަކުރެ އެވެ. އަތޮޅު ތައުލީމީ މަރުކަޒަށް ކިޔަވަން ދާން ދަތުރުކުރެވޭނެ ގޮތެއް ނެތެވެ. ހޮސްޕިޓަލެއް ހުއްޓަސް ހިދުމަތުގައި ފެންވަރެއް ނެތެވެ. މާ ގިނަ ވަޒީފާތަކެއް ނެތެވެ. ލިބޭ އާމްދަނީން ގެދޮރުއެޅޭނެ ފޯރުންތެރިކަމެއް ނެތެވެ. އެހެންކަމުން، މީގެ 35 އަހަރު ފަހުން، ގދ އަތޮޅުގެ އާބާދީ 11،000 އިން 3،000 އަށް ވެއްޓޭނެއޭ ބުންޏަސް އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހު ރަޝީދު ހައިރާންވެވަޑައެއް ނުގަންނަވަ އެވެ.
"މަހެއްގެ މައްޗަށް ތިނަދޫން އެކަނި ވެސް މާލެ އަށް އެބަ ހިޖުރަކޮށްލާ އެވްރެޖްކޮށް ހަތަރެއް ނުވަތަ ފަސް މީހުން. އަތޮޅުގެ އެހެން ރަށްރަށަށް ބެލިޔަސް ރަށަކުން މަހަކު އެވްރެޖްކޮށް މީހަކު ވަރު އެބަ ދޭ،" ނާސިހު ވިދާޅުވި އެވެ.
"ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާ 2014-2045" ދައްކާ ގޮތުން އެންމެ ފަހުގެ ބޯހިމެނުން އޮތް 2014 އިން ފެށިގެން 40 އަހަރު ފަހުން ރާއްޖޭގައި އޮންނާނެ ކަމަށް ބެލެވޭ މިލިއަނަކާ ގާތްކުރާ އާބާދީގެ 64 ޕަސެންޓް (ހަމައެކަނި ދިވެހިންގެ އާބާދީ އަށް ބަލާ ނަމަ 54 ޕަސެންޓް) ދިރިއުޅޭނީ މާލޭގަ އެވެ. އެއާ ހިލާފަށް އަތޮޅުތަކުގެ އާބާދީ ކުޑަވެ، އެންމެ ބޮޑެތި އަތޮޅުތަކުގެ އާބާދީ އެ މުއްދަތުގައި ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ވެއްޓިގެންދާ އިރު އެންމެ ބޮޑު ފަޅުކަމެއް އަންނާނީ ދިވެހިންގެ އާބާދީގެ 70 ވަރަކަށް ޕަސެންޓް ހުލިވެގެންދާނެ ކަމަށް ބެލެވޭ ގދ އަތޮޅަށެވެ. އަދި ގއ. ހިމަނައިގެން ހުވަދޫން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު، ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައި ގެއްލޭނެ އެވެ.
ވަކިވަކި އަތޮޅުތަކުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 2014ގައި ހުރި އަދަދުތަކާއި 2054އާ ހަމައަށް ދާއިރު އަންނާނެ ކަމަށް ބެލެވޭ ބަދަލު
މިދިޔަ އަހަރު ނެރުނު އާބާދީގެ އަންދާޒާގައި، ވަކިވަކި ރަށްރަށުގެ އާބާދީ އަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް މިދިޔަ މަހު ޝާއިއުކުރި އިރު ފެންނަނީ ރާއްޖޭގެ އެހެން ހިސާބުތަކުން މީހުން މަދުވެ މާލެ ސަރަހައްދުތަކުގެ ތޮއްޖެހުން ހައްތަހާ ބޮޑުވެގެންދާ މަންޒަރެވެ. އަދި އެކަން އެ ގޮތަށް ވިޔަ ނުދޭން ވަރުގަދަ ސިޔާސަތުތަކެއް ބޭނުންވާ ކަމެވެ.
"އެ ބާރުވެރިކަން ސަރުކާރުތަކުން ރައްޔިތުންނަށް ދެއްވަންވީ. އޭރުން މި ތަންތަން މުއްސަނދިވެގެން ދާނެ. އޭރުން މީހުން ބޭނުމެއް ނުވާނެ ހިޖުރަކުރާކަށް."
ޔޫއެންއެފްޕީއޭއާ ގުޅިގެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން، 2014ގެ ބޯހިމެނުމުގެ ނަތީޖާ އަށް ބިނާކޮށް، އާބާދީގެ އަންދާޒާ ތައްޔާރުކޮށްފައި ވަނީ ދަރިމައިވުމާއި ވިހާމަރުވުމާއި ހިޖުރަކުރުން މިހާރު ހުރި މިންގަނޑުތަކަށް ބަލައި ކުރިމަގުގައި ވެގެންދާނެ ގޮތުގެ ތަސައްވުރެއް ހެދުމަށް ފަހުގަ އެވެ. އަދި އާބާދީ އަށް ބަދަލު އަންނާނެ ފަދަ ތަރައްގީގެ މަޝްރޫއުތަކާއި ލިބެން ހުރި އެހެނިހެން އިދާރީ މައުލޫމާތުތަކާއި ސަރުކާރުގެ އޮފީސްތަކާއި ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާ ވެސް ބޭނުންކޮށްފައިވެ އެވެ.
ގދ ގެ އިތުރުން ތ، ވ، ގއ އަދި މ ގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ވެސް 35-60 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް އަންދާޒާކުރެވެ އެވެ. ޖުމްލަ 20 އަތޮޅަށް ބަލާ އިރު، ޓޫރިޒަމް ފައްކާވެފައި އޮތް މާލެ އަތޮޅާއި މާލެއާ ޖެހިގެން ދެކުނަށް އޮތް އަރިއަތޮޅުގެ ދެ ބުރި ފިޔަވައި، 2014 އަށް ވުރެ 2054ގައި ދިވެހިން ގިނަވާނީ ހަތް އަތޮޅެއްގަ އެވެ. އެ އަތޮޅުތަކުގެ އާބާދީ އަށް އިތުރުވަނީ 100 އާއި 3،000އާ ދެމެދުގެ އަދަދުތަކެކެވެ. އަދި ހއ، ބ، ޅ، ތ، ގއ، ގދ އަދި ސ. ފަދަ، ބައި ބޯ ނުވަތަ ބިން ބޮޑެތި، އަތޮޅުތަކުން ގިނަ އަދަދެއްގެ ދިވެހިން މަދުވެ އެވެ.
އާބާދީ އަށް އެންމެ ބޮޑެތި ބަދަލުތައް އަންނާނެ ތަންތަން
"އަތޮޅުތެރެއިން އާބާދީ ދަށްވަނީ ގިނަ އަދަދެއްގެ މީހުން މާލެ އާއި މާލެ ކައިރި ސަރަހައްދަށް ހިޖުރަކުރުމާއި ދަރިމައިވާ ރޭޓް ދަށްވުމުންނެވެ،" އާބާދީ އަންދާޒާގެ ހުލާސާ ރިޕޯޓުގައި ބުނެފައިވެ އެވެ.
"މާލޭގައި ދިރިއުޅޭ ދިވެހި އާބާދީ މި އަންދާޒާގެ މުއްދަތުގެ ތެރޭގައި އިތުރުވެގެންދާނެ އެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ އަތޮޅުތަކުން މާލެ އަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެފައި ވުމުންނެވެ."
އެ އަންދާޒާ ދައްކާ ގޮތުން، މިހާރު ހިޖުރަކުރުން ހުރި މިންވަރުގައި އިތުރުވަމުން ދާ ނަމަ، 2030 ވަނަ އަހަރު މާލޭގައި ދިރިއުޅޭ ދިވެހިންގެ އަދަދު އަތޮޅުތަކުގައި ދިރިއުޅޭ ދިވެހިންގެ އަދަދާ އެއްވަރުވާނެ އެވެ.
ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގެ ޖުމްލަ އާބާދީ އަށް ބަލާ އިރު 2054އާ ހަމައަށް ދާ އިރު މާލޭގެ އާބާދީ 2014ގައި ހުރި ވަރަށް ވުރެ 207 ޕަސެންޓް ބޮޑުވާނެ އެވެ.
އާބާދީ އަންދާޒާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ދެ ބޯހިމެނުމަށް ބަލާ އިރު (2006 އަދި 2014) އަތޮޅުތަކުން އަހަރަކު 2،200 ދިވެހިން މާލެ އަށް ހިޖުރަކުރެ އެވެ.
އަތޮޅުތަކުން މީހުން މަދުވުމާއި މާލޭގެ ތޮއްޖެހުން ގުޅިލާމެހިފައި އޮތުމުގެ ފަހަތުގައި ހުރީ، ރާއްޖޭގެ ކޮންމެ ހިސާބަކަށް ބެލިޔަސް، އެއް ސަބަބުތަކެކެވެ. އެކަން އެންމެ ބޮޑަށް އިހުސާސްކުރާ އެއް އަތޮޅަކީ ދިރިއުޅޭ ދިވެހިންގެ އާބާދީ 11،695 އިން 3،619 އަށް (69 ޕަސެންޓް) ކުޑަވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ގދ އެވެ.
"ދުނިޔެ ތަރައްގީވާ ގޮތުން ރަށްރަށުގެ މީހުންނަށް އެބަ މަޖުބޫރުވޭ އެ މީހުންގެ ދަރިންނަށް ކިޔަވައިދީ ރަނގަޅު ސިއްހީ ފަރުވާ ހޯދުމަށްޓަކައި މާލެ ކޮޅަށް ބަދަލުވާން،" އަތޮޅު ކައުންސިލްގެ ރައީސް ނާސިހު ފާހަގަކުރެއްވި އެވެ.
"އަނެއް މައްސަލައަކީ އަމިއްލަ ގެދޮރުވެރިކަން ނެތުން. ފްލެޓެއް އެއްޗެއް ލިބޭތޯ ޒުވާނުން ހަމަ އެ ހިޖުރަކޮށްލަނީ. ރަށްވެހިކަން މާލެ އަށް އެ ބަދަލުކޮށްލަނީ."
އާމްދަނީ ހޯދަން މަސްވެރިކަމާއި ދަނޑުވެރިކަން އޮތަސް އަދި މިހާރު ރިސޯޓުތައް ހަދަމުން އަޔަސް، ނުވަ ރަށެއްގައި މީހުން ދިރިއުޅޭ ހިތްގައިމު ގދ ގައި އަސާސީ ބޭނުންތަކެއް ނުފުއްދެ އެވެ. "ތައުލީމަކަށް ވާ ކަހަލަ ތައުލީމެއް" އޮތް ވެރިރަށް ތިނަދު އަށް ކޮންމެ ދުވަހަކު ދަތުރުކުރެވޭނެ ގޮތެއް ނެތެވެ. ބޮޑު ހޮސްޕިޓަލެއް އަޅާފައި ހުއްޓަސް، ރަނގަޅު ފެންވަރުގެ ޑޮކްޓަރުންނެއް، މާ ބޮޑެތި ޚިދުމަތްތަކެއް ނެތެވެ.
"މުޅި ހުވަދު އަތޮޅުގައި ވެސް މި އޮތީ ހަމަ ކޮމިއުނިޓީ ހެލްތު ފެންވަރުގައި ދެވޭ ޚިދުމަތެއް. ހައުސިން އަށް ބަލަންޏާ ތިނަދޫގައި ކޮންމެވެސް ވަރަކަށް ރަނގަޅު ގެދޮރުގެ ކަންކަން. އެހެން ނަމަވެސް އެހެން ރަށްރަށުގެ މީހުންނަކަށް ގެދޮރެއް ނޭޅޭ، ލިބޭ އާމްދަނީއަކުން،" ކައުންސިލްގައި ތިނަދޫ އުތުރު ދާއިރާ ތަމްސީލްކުރައްވާ ނާސިހު ވިދާޅުވި އެވެ.
"އެހެންވީމާ މި އަތޮޅުގެ ގިނަ ރަށްރަށުގެ މީހުންނަށް ދެކެވެނީ ތިނަދު އަށް ވުރެ މާލެ ސަރަހައްދުގައި ދިރިއުޅުން މާ ފަސޭހަ ކަމަށް."
މާ ކުރިން މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުން ވެސް، އެނބުރި ދާނެ ސަބަބެއް އަދިވެސް ނެތެވެ. އޭގެ ބަދަލުގައި ރަށުގައި ތިބި އެ މީހުންގެ އާއިލާތައް ވެސް މާލެ އަށް ގެންދަނީ އެވެ.
ގދ. މަޑަވެލި -- ފޮޓޯ: މަޑަވެލި ކައުންސިލް ފޭސްބުކް ޕޭޖް
ނާސިހު ފަދަ ކައުންސިލަރުންނަށް، ރަށްރަށް ދޫކޮށް މީހުން ދިޔުމުގެ ފަހަތުގައި މިހާރު އޮތީ އެންމެ ސަބަބެކެވެ؛ މުއްސަނދިވުމުގެ ބާރެއް އަތޮޅުތަކަށް ނެތުމެވެ.
ރަށްރަށުގެ ހާލަތު ރަނގަޅުކުރެވޭނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކުން ކަމަށް ވާތީ އެފަދަ ނިޒާމެއް އޮތީ ގެނެސްފަ އެވެ. އެކަމަކު އަތޮޅުތަކަށް އެއްވެސް ކަހަލަ ހަގީގީ ބާރެއް، އިހުތިޔާރެއް ނުދީ ހަމައެކަނި ނަމެއްގައި އޮތް އެ ނިޒާމުގައި އަތޮޅުގެ ވަސީލަތްތަކުން ސީދާ މަންފާ ހޯދުމުގެ މިނިވަންކަމެއް އަތޮޅަކަށް ނެތެވެ. ނާސިހުގެ ބަހުން ނަމަ، އަތޮޅުތަކާއި ރަށްތައް ހިންގަން ހުރީ "ރަށްރަށުގެ ރައްޔިތުން ރަށްރަށުގައި ތިބުމަށް ފުރުސަތުތަކެއް ހުޅުވައިދެވޭ ކަހަލަ ބާރެއް ނެތް" ކައުންސިލްތަކެކެވެ.
"ލާމަރުކަޒީ ގާނޫނުގައި އެބަ އޮވޭ، އަތޮޅުގެ ފަރުތަކާއި ފަޅުތަކާއި ގިރިތަކާ މި ތަންތަން ބަލަހައްޓަން ޖެހޭ ފަރާތޭ އަތޮޅު ކައުންސިލަކީ. އެހެން ނަމަވެސް އެއިން ތަނެއް އެހެން ބަޔަކަށް ކުއްޔަށް ދީ، ނަފާއެއް ހޯދޭނެ ގޮތެއް ނޯވޭ ކައުންސިލަކަށް،" އޭނާ ފާހަގަކުރެއްވި އެވެ.
"މި އަތޮޅުގައި އެބަ ހުރި ވަރަށް ރީތި ކުދިކުދި ރަށްރަށް ވެސް. އެހެން ނަމަވެސް މީގެ ރަށަކާ ކައިރިވެލިޔަސް ނިމުނީ. މިތާ ތިބޭ ކުދިންނަށް ފަޅުރަށަކަށް ގޮސް ޕިކްނިކު އަރާލެވޭނީ. އާއްމުންނަށް ދެވޭ ދެ ރަށް އޮންނަނީ. ރިސޯޓުތަކުން ފަޅު ރަށްރަށަށް މީހުން އަރާތީ، ބައެއް ފަހަރު އާއްމުންނަށް ފުރުސަތެއް ނުލިބި ވެސް ދޭ."
އަތޮޅުގައި ހުރި ފަޅުރަށްތައް ރިސޯޓުތަކުން ބޭނުންކުރާ އިރު އެކަމުން ކައުންސިލަށް ވަންނަ އާމްދަނީއެއް ނެތެވެ. ދުނިޔޭގެ ފެންވަރުގެ ރާޅާއަޅާ ތަންތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަތުން ލިބޭ ފީއެއް ނެތެވެ.
"ވަރަށް ގިނަ ރިސޯޓުތަކުން ނުރަސްމީކޮށް ރަށުގެ އިސް މީހުންނަށް ގުޅާފައި ބުނާނެ، މިވެނި ރަށެއް ދީބަލާށޭ، ޕިކްނިކު ދާން. ތިމަންނަމެން ބޭނުމޭ މަހަކު 4،000 ޑޮލަރަށް އެ ތަން ހިފަން. އެހެން ނަމަވެސް އެ ރަށަކީ އެގްރިކަލްޗާ މިނިސްޓްރީގެ ރަށަކަށް ވާތީ އަޅުގަނޑުމެންނަކަށް ނޯވޭ އެއްޗެއް ނެގޭކަށް،" ނާސިހު ވިދާޅުވި އެވެ.
"ޔޮޓްތަކުގައި އައިސް ފަޅުތެރޭގައި އަޅައިގެން ވެސް ތިބޭ. ރާޅާއަޅާ ޕޮއިންޓްތަކުގައި ދެ ހަފްތާ ވަންދެން ތިބޭ އިރު ބައި ރުފިޔާ ވެސް އަޅުގަނޑުމެންގެ ކައުންސިލަށް ވަންނަނީއެއް ނޫން. އަޅުގަނޑަކަށް ނޭނގޭ ސަރުކާރަށް ވަންނަ ކަމެއް ވެސް."
ނާސިހު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފައިލް ފޮޓޯ: އެމްޑީޕީ
ނާސިހު ދެކެވަޑައިގަންނަވާ ގޮތުގައި އަތޮޅުތައް ފަޅުވަމުންދާ މައްސަލައިގެ ހައްލަކީ ބާރުތައް ލާމަރުކަޒީ ވުމެވެ.
"ގާނޫނުތަކުގެ ބާރުވެރިކަން ވެސް ޑީސެންޓްރަލައިޒް ވުން. ކަންކަން ތަންފީޒުކުރަން ތިބެނީ ކައުންސިލްތައް ކަމަށް ވަންޏާ ކައުންސިލްތަކަށް އެ ބާރުވެރިކަން ލިބުން،" އޭނާ ވިދާޅުވި އެވެ.
"އެ ބާރުވެރިކަން ސަރުކާރުތަކުން ރައްޔިތުންނަށް ދެއްވަންވީ. އޭރުން މި ތަންތަން މުއްސަނދިވެގެން ދާނެ. އޭރުން މީހުން ބޭނުމެއް ނުވާނެ ހިޖުރަކުރާކަށް."
އާބާދީ އަންދާޒާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރިއަށް ހުރި އަހަރުތަކުގައި މާލެ އާއި އަތޮޅުތަކުގެ އާބާދީ އަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކުގެ މައުލޫމާތަކީ ސިޔާސަތު ކަނޑައެޅުމާއި ޕްރޮގްރާމްތައް ރޭވުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އަދި ސަރުކާރާއި ޕްރައިވެޓް އިންވެސްޓްމެންޓްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންކުރެވޭނެ އަގުހުރި ވަސީލަތެކެވެ.
"އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުތަކާއި އެހެނިހެން އިޖުތިމާއީ-އިގްތިސޯދީ ސިޔާސަތުތައް އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަކުން މި މައުލޫމާތުގެ ބޭނުންހިފުން ވަރަށް މުހިއްމު،" އެންބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވެފައިވެ އެވެ.
Island level projections are an important base for targeting policy directives at local level. Island level population projections are now available on our website. Read more on https://t.co/O63BGGqtdm pic.twitter.com/Vd5EBDt8sc
— Statistics Maldives (@statsmaldives) February 24, 2019
"ގަޑުބަޑުކޮށްފައިވާ" ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް "ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް" ގާއިމްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. ކައުންސިލްތަކަށް އާމްދަނީ އާއި ޓެކްސް ލިބޭ ނިޒާމެއްގެ ތެރެއިން އިގްތިސޯދީ ހައިސިއްޔަތު ފަހިކޮށްދޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. އެއީ "ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ފަޅާއި ފަރާއި ކަނޑާއި ވާއެންމެހާ ވަސީލަތްތަކުން ލިބޭ ކުލީގެ އިންސައްތައެއް އެ ކައުންސިލަކަށް ލިބޭނެ ގޮތް" ހަމަޖައްސައިދީގެންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި މިދިޔަ އަހަރު ގދ. ހޯނޑެއްދޫގައި ވާހަކަފުޅު ދައްކަވަނީ. - ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މެނިފެސްޓޯގައިވާ ގޮތުން އެފަދަ ވަސީލަތްތައް "ބޭނުންކުރުމުގެ ގޮތް ކަނޑައަޅައި، ތަރައްގީކޮށް، ހިންގުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބިދެވޭނެ އެވެ. އަދި އަތޮޅު ކައުންސިލްގެ އިހުތިސާސްގައިވާ ރިސޯޓް ހިންގާ ރަށްރަށުގެ ކުއްޔާއި ސިނާއީ މަސައްކަތް ހިންގާ ފަޅު ރަށްރަށާއި އެހެނިހެން ތަންތަނުގެ ކުލީގެ އިންސައްތައެއް، (ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވެސް ހަމަހަމަވާނޭ ފަދަ ނިޒާމެއް ކަނޑައެޅި) އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ލިބިދެވޭނެ އެވެ. ބިމުގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރިތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދެވޭނެ އެވެ."
މި މުހިއްމު ވައުދު ފުއްދުމުގެ ވައުދުތަކާ އެކު، ވެރިކަންކުރާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރަމުންދާ އިރު ދެން އޮތީ މި ސަރުކާރުގައި އަތޮޅުތަކަށް ބާރުވެރިކަން ލިބޭނެތޯ ބަލަން ތިބުމެވެ. ނާސިހު ފަދަ އެމްޑީޕީގެ ކައުންސިލަރުންނަށް ވެސް އެކަން ގަބޫލުކުރެވޭނީ "އެ ބާރުތައް ގާނޫނަކުން ލިބުނީމަ" އެވެ.
"މި ސަރުކާރުން އެ ބާރުތައް ދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އަޅުގަނޑަށް އެބަ އޮތް. އެހެން ނަމަވެސް އަޅުގަނޑު އަމިއްލަ ގޮތުން އެކަން ގަބޫލުކުރާނީ އެ ބާރުތައް ލިބިގެން ދިޔައިމަ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެސް މަސައްކަތުން ގެނައި ސަރުކާރެއް މިއީ. އެހެން ނަމަވެސް އެ ބާރުތައް ގާނޫނަކުން ލިބުނީމަ، އާނ، އެ އޮތީ ލިބިފައި. އެ ހިސާބުން ދެން ގަބޫލުކުރެވޭނީ."
އާބާދީގެ 46 ޕަސެންޓް މީހުން ހިޖުރަކޮށްފައިވޭ
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް
"މާލޭގައި ކީއްކުރަން އަޅާ ބިޔަ ބްރިޖެއް؟"
އެމްޑީޕީގެ ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑި ހުހަށް!
މާލޭގެ ދާއިރާތައް ބެހީ އެންމެ އިންސާފުވެރިކޮށް: އީސީ
މާލެ ތޮއްޖެހުމުގެ އަސްލަކީ މަރުކަޒީ ވިސްނުން: ރައީސް
ދާއިރާ ލިބުމާއި ނުލިބުމުގައި "ދަފްތަރުގެ ނުބައި ރޯލު"
ރާއްޖޭގެ އާބާދީ 40 އަހަރު ފަހުން!
40 އަހަރު ފަހުން އާބާދީގެ 54 ޕަސެންޓް މާލޭގައި!
އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފ. އަތޮޅު މީހުންނަށް