Roadha Mihaaru
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި

ގަވައިދަށް ގެންނަން އުޅޭ ބަދަލަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ފޮނުވައިފި

19 މާޗް 2019

ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް މަޖިލިހުގެ ގަވައިދަށް ކޮމިޓީން ގެންނަ އިސްލާހަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް މަޖިލިހުގެ ގަވައިދަށް ކޮމިޓީން ގެންނަ އިސްލާހަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅައިފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ މަޖިލިހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ދެއްވި ގޮތަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އިއްޔެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޒިޔާއު ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ކޮމިޓީން ނިންމި ގޮތުގެ ޑްރާފްޓެކެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން އުޅޭ އިސްލާހާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ނުކުރާ ކަމަށް އެމްޑީޕީން ބުނުމުންނެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރި ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން، އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

އެކަމަކު، އެމްޑީޕީން ބުނީ ގަވައިދަށް ކޮމިޓީން ބަދަލު ގެނައިއިރު، ހުކުމްގައި ހުރި ބައިތައް ނެތް ކަމަށެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

އިސްލާހުގައި، ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ބޭފުޅުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ.

އޭގައި ވަނީ ވަޒީރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް މައްސަލަ ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަޖިލިހުގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ މީހަކު މަގާމުން ވަގުތުން ވަކިވާނެ ކަމަށް ވެސް އިސްލާހުގައި ފާހަގަ ކުރި އެވެ.

އެމްޑީޕީގެ މެމްބަރުން ހިތްހަމަނުޖެހުނީ ސުޕްރީމް ކޯޓުން ހުކުމެއް އޮއްވައި، ވަޒީރެއް، ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައި ފާސްކޮށްފިނަމަ، ވަގުތުން މަގާމު ގެއްލޭ ގޮތަށް ގަވައިދުގައި ހިމެނުމުންނެވެ. މިއީ ސުޕްރީމް ކޯޓުން ކުރި ހުކުމާ ތައާރަޒްވާ ކަމެއް ކަމަށް ވެސް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ބުނެފަ އެވެ.