Roadha Mihaaru
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފައަށް އެދެން ފާސްނުވި

އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިސްތިޝާރީ ލަފައަށް އެދެން މަޖިލިހުން ފާހެއް ނުވި

27 މާޗް 2019

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނަން އާންމު ކޮމިޓީން ނިންމި މައްސަލައިގައި އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދެން ރައްޔިތުންގެ މަޖިލިހުން މިއަދު ފާހެއް ނުވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނަން އާންމު ކޮމިޓީން ނިންމި މައްސަލައިގައި އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދެން ރައްޔިތުންގެ މަޖިލިހުން މިއަދު ފާހެއް ނުވި އެވެ.

މަޖިލިހުގެ އާންމު ކޮމިޓީން ގެނައި ބަދަލުގައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، ގާނޫނުއަސާސީގެ ދަށުން އެ ބޭފުޅުން މަގާމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ، އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ސުޕްރީމް ކޯޓުގެ ހިޔާލު ހޯދަން ސިޓީއެއް ފޮނުއްވައިފަ އެވެ.

މަޖިލިހުން ފޮނުވި ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ބުނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރެއްގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ. މީގެކުރިން، އެކަމުގެ ލަފައެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގާރަރަކުން ނޫނެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ފެނޭތޯ މަޖިލިހުގައި ވޯޓަށް ނެގުމުން އެކަން ކުރަން ނުފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދެއްވި އެވެ. ލަފާ ހޯދަން ފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރެކެވެ.

މަޖިލިހުން މިގޮތަށް ނިންމުމާ ގުޅިގެން، އާންމު ކޮމިޓީގެ ނިންމުމަށް މަޖިލިހުގައި ވޯޓަށް ނަގަން ޖެހެ އެވެ. ކޮމިޓީގެ ރިޕޯޓަށް ވޯޓު ނުނަގާ އޮތީ ޕާޓީތަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި މަޖިލީހުން ފާސް ކުރާ ގަރާރަކުން އެ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ މާނަ ކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަ ކަމާމެދު އުފެދޭ ސުވާލުތަކުގެ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ނަމަވެސް، އެ މައްސަލަ އަށް މިއަދު ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން މަޖިލިހަށް ދީފައި އޮންނަ ބާރެއް ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ބުނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން، އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.