Roadha Mihaaru
އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ

އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ

20 މާޗް 2019

އުރީދޫގެ ޕޯސްޓް ޕެއިޑާއި ސުޕަނެޓް ކަސްޓަމަރުންނަށް ހަ މަހުގެ ޕްރައިމް ވީޑިއޯ މެމްބާޝިޕް ހިލޭ ހޯދުމުގެ ފުރުސަތެއް އެމޭޒަންއާ ގުޅިގެން ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫގެ ޕޯސްޓް ޕެއިޑާއި ސުޕަނެޓް ކަސްޓަމަރުންނަށް ހަ މަހުގެ ޕްރައިމް ވީޑިއޯ މެމްބާޝިޕް ހިލޭ ހޯދުމުގެ ފުރުސަތެއް އެމޭޒަންއާ ގުޅިގެން ހުޅުވާލައިފި އެވެ.

އުރީދޫން މިއަދު ބުނީ، ސުޕަނެޓް ކަސްޓަމަރުންނާއި ޕޯސްޓް ޕެއިޑް 1،000ރ. އިން މަތީގެ ޕްލޭނެއް ނަގާފައިވާ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ މީހުންނަށް ވެސް މި ހިދުމަތުގެ ތެރެއިން ފައިދާ ލިބޭނެ އެވެ. އެގޮތުން، ހިދުމަތަށް ޝަރުތު ހަމަނުވާ ނަމަ، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުނެ އެވެ. އަދި އަންލިމިޓެޑް ކޯލާއި އަންލިމިޑެޓް އެސްއެމްއެސް އާއި އުރީދޫ ޕޯސްޓް ޕެއިޑް 1،000ރ. އާއި 1،499ރ. އާއި 1،99ރ. ގެ ޕްލޭނެއް ކަސްޓަމަރުންނަށް ނެގޭނެ އެވެ.

އުރީދޫ އެޕާއި އުރީދޫ ވެބްސައިޓާއި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ވަދެވޭނެ އެވެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ހިދުމަތް ހޯދަމުން އަންނަ ނަމަ ކަސްޓަމަރުންގެ މެމްބާޝިޕް އުރީދޫން އެކްޓިވޭޓް ކޮށްދޭނެ އެވެ.

ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ފިލްމް، ޓީވީ ޝޯ، ސްޓޭންޑް އަޕް ކޮމެޑީ، ކުޑަކުދިންގެ ޝޯ ތައް އަދި ބައިނަލްއަގްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯ ތައް ވެސް ބަލައިލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާ އެކު ހޯދޭނެ ހިދުމަތެއް ތައާރަފްކޮށްފަ އެވެ. އެގޮތުން، އޭރު ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ އަޖުމަބެލުމުގެ ގޮތުން މުޅިން ހިލޭ ހަތް ދުވަހު ބޭނުންކުރުމަށް ފަހު ފުރަތަމަ ހަ މަހަށް، މަހަކު 49 ރުފިޔާގެ ފީ އަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް ބޭނުން ކުރެވޭ ގޮތް ފަހިކޮށްދީފަ އެވެ. އަދި ޕްރައިމް ވީޑިއޯ މެމްބަޝިޕް ހިދުމަތް ބޭނުން ކުރުމަށް 5ޖީބީގެ ޑޭޓާއާ އެކު މަހަކު 191ރ. ގެ ފީ އަކަށް ހިދުމަތް ހޯދޭނެ އެވެ.

ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާ އެކު ސްޓްރީމްކޮށް ޑައުންލޯޑް ކުރެވޭނެ އެވެ. ޕްރައިމް ވީޑިއޯ ބެލުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުން ކުރެވޭނެ އެވެ. އަދި ސްމާޓް ޓީވީ އާއި ގޭމިން ކޮންސޯލް މެދުވެރިކޮށް primevideo.com އިން ހިދުމަތް ހޯދޭނެ އެވެ.