Roadha Mihaaru
އޮޅުވާލައިގެން ބިދޭސީން އެތެރެކުރި މައްސަލަތައް ބަލަނީ

ގަވައިދާހިލާފަށް ކޯޓާ ހޯދައިގެން ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ބަލަނީ

21 މާޗް 2019

ގަވައިދާ ހިލާފަށް ރާއްޖެ އަށް ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގަވައިދާ ހިލާފަށް ރާއްޖެ އަށް ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޮޅުވާލައިގެން ބިދޭސީން އެތެރެކޮށް އަދި އެ މީހުން ގެނައުމަށް ފަހު ޒިންމާ އަދާކުރުމުގައި އިހުމާލުވެގެން މި އަހަރުގެ މިހާތަނަށް 67 ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އާއްމު ފަރުދުންނާއި ކުންފުނިތައް ވެސް ހިމެނެ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި އެ ބިދޭސީން އެތެރެކޮށްފައި ވަނީ އޮޅުވާލައިގެން ކޯޓާ ހޯދައިގެންނެވެ. އެގޮތުން ކޯޓާ ހޯދުމަށް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާއިރު، މަސައްކަތާއި މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ބިދޭސީން ގެނައުމުގެ ހުއްދަ ވަނީ ދޫކޮށްފަ އެވެ.

މި ކަމުގައި ތުހުމަތު ކުރެވޭ 27 ކުންފުންޏަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ ތަނުން ބުންޏެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން ދާއިރު، އެކަމުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި މިހާރު ލައްކައަކަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން އުޅޭއިރު އޭގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ މީހުން ގިނަ އެވެ. އިމިގްރޭޝަނުން މިހާރު އަންނަނީ އެ ފަދަ މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.