Roadha Mihaaru
ވަގުކަލޭގެއަށް ތިޖޫރި ނުހުޅުވުނު، ފުލުހުން އެ ހޯދައިފި

ވަގުކަލޭގެއަށް ތިޖޫރި ނުހުޅުވުނު، ފުލުހުން އެ ހޯދައިފި

23 މާޗް 2019

ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން މިއަދު ހޯދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން މިއަދު ހޯދައިފި އެވެ.

ފުލުހުން ބުނީ އެ ތިޖޫރި ހުޅުވަން މަސައްކަތްކޮށްފައި ހުއްޓަސް އެކަން ކާމިޔާބުނުވި ކަމަށެވެ. އެހެންކަމުން ތިޖޫރީގައި އެ ހުރިހާ ފައިސާއެއް ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި ވައްކަމާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ތިޖޫރި އޮތް ތަން ފުލުހުންނަށް އެނގުނީ ތަހުގީގުގައި ލިބުނު މައުލޫމާތުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

އެއީ އުނގޫފާރު ވެސްޓް ބީޗް ރެސްޓޯރެންޓް ހިންގާ މީހާގެ ގޭގައި ހުރި ތިޖޫރިއެކެވެ.

އުނގޫފާރުގެ ކައުންސިލް މެމްބަރު ހުސެއިން އާސިފް "މިހާރު" އަށް ވިދާޅުވީ އެ ވައްކަން ކުރީ ރެސްޓޯރަންޓް ހިންގާ މީހާގެ އަންހެނުން ވިހައިގެން ހޮސްޕިޓަލްގައި ބާއްވާފައި އޮއްވައި ކަމަށެވެ. އަދި ވައްކަން ކުރި އިރު އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޭގައި ކެމެރާތައް ވެސް ހުންނާނެ. އެކަމަކު ކެމެރާ ހުރި ދިމާލަކުން ނޫން ވަނީ. އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އަލަމާރީގައި އެ ތިޖޫރި ހުއްޓައި ގެންދިޔައީ،" ހުސެއިން ވިދާޅުވި އެވެ.

"ރެސްޓޯރަންޓް ވެރިމީހާގެ އަންހެނުން ހޮސްޕިޓަލުން ދޫކޮށްލާތީ ގޭގެ އެންމެން ހޮސްޕިޓަލަށް ދިޔަ ވަގުތެއްގައި މިކަމެއް ހިނގީ."