Roadha Mihaaru
މެކްސިކޯ ބޯޑަރުގެ ފާރަށް އެއް ބިލިއަން ޑޮލަރު ދެނީ

މެކްސިކޯ ބޯޑަރުގެ ފާރަށް އެއް ބިލިއަން ޑޮލަރު ޕެންޓަގަނުން ދީފި

26 މާޗް 2019

ވޮޝިންޓަން (މާޗް 26) - މެކްސިކޯ އާއި އެމެރިކާ ބޯޑަރުގައި ރާނާ ފާރަށް އެއް ބިލިއަން ޑޮލަރު އާމީ އިންޖިނިއާސް އަށް ދިނުމަށް ޕެންޓަގަން އިން ހުއްދަ ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 26) - މެކްސިކޯ އާއި އެމެރިކާ ބޯޑަރުގައި ރާނާ ފާރަށް އެއް ބިލިއަން ޑޮލަރު އާމީ އިންޖިނިއާސް އަށް ދިނުމަށް ޕެންޓަގަން އިން ހުއްދަ ދީފި އެވެ.

މިއީ ބޯޑަރުގެ ފާރަށް ފައިސާ ހަމަޖައްސައިދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި އިމަޖެންސީގެ ދަށުން ދޫކުރި ފުރަތަމަ ފަންޑެވެ. ޓްރަމްޕުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ފާރު ރޭނުމަށް ބޭނުންވާ ފައިސާ ދިނުމަށް ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ގައުމުގެ ދެކުނު ބޯޑަރަކީ ބޮޑު "ކްރައިސިސް" އެއް ކަމަށެވެ. އަދި އެމެރިކާ އަށް މުޖްރިމުން ވަނުން ހުއްޓުވޭނީ ބޯޑަރުގައި ފާރެއް ރާނައިގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މެކްސިކޯ ބޯޑަރުގައި ރާނަނީ 57 މޭލު (91 ކިލޯ މީޓަރު) ދިގު ފާރެކެވެ. އެ ފާރުގެ އުސްމިނަކީ 18 ފޫޓް (ފަސް މީޓަރު) އެވެ.

ޕެންޓަގަންގެ ބަޔާނުގައި ބުނެފައި ވަނީ ފާރު ރޭނުމަށް އެއް ބިލިއަން ޑޮލަރު ބޭނުން ކުރުމުގެ ހުއްދަ އާމީ އިންޖިނޭރިއާސް އަށް އެކްޓިން ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝަނަހާން ދެއްވާފައިވާ ކަމަށެވެ.

ޑިމޮކްރެޓިކް ސެނެޓަރުން ވިދާޅުވަނީ ޕެންޓަގަނުން ފައިސާ ޓްރާންސްފާ ކުރުމުގައި ކޮންގްރެސްގެ ކަމާބެހޭ ކޮމިޓީތަކުން ހުއްދަ ހޯދައިފައި ނުވާ ކަމަށެވެ.

ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދޭން ކޮންގްރެސް އިން ދެކޮޅު ހެދުމުން ޓްރަމްޕް އިމަޖެންސީ އިއުލާން ކުރެއްވީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ. ޑިމޮކްރެޓިކް މެންބަރުން ބުނަނީ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ޓްރަމްޕް ކުރެއްވި ކަމެއް ކަމަށެވެ. އަދި ޓްރަމްޕުގެ ނިންމުން ބަދަލު ކުރުމަށް ހައުސް އިން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ގަރާރު ވީޓޯ ކުރައްވައިފަ އެވެ.