Roadha Mihaaru
އެންމެ ވަރުގަދަ ޑްރަގް ކާޓެލްގެ ވެރިން އަތުލައިގެންފި

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޑްރަގް ކާޓެލްގެ އިސް ދެ މީހުން އަތުލައިގެންފި

26 ޖުލައި 2024

މުޅި ދުނިޔޭގައި ވެސް އެންމެ ބާރުގަދަ އެއް ޑްރަގް ކާޓެލް ކަމަށްވާ މެކްސިކޯގެ ސިނަލޮއާގެ އެންމެ އިސް ދެ މީހުން އެމެރިކާގެ ޓެކްސަސް އިން ބުރާސްފަތި ދުވަހު އަތުލައިގެންފި އެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ބާރުގަދަ އެއް ޑްރަގް ކާޓެލް ކަމަށްވާ މެކްސިކޯގެ ސިނަލޮއާގެ އެންމެ އިސް ދެ މީހުން އެމެރިކާގެ ޓެކްސަސް އިން ބުރާސްފަތި ދުވަހު އަތުލައިގެންފި އެވެ.

އެމެރިކާގެ އެޖެންޓުން އަތުލައިގަތީ ސިނަލޮއާ ކާޓެލްގެ އެއް ފައުންޑަރު ކަމަށްވާ އިސްމާއެލް ޒަމްބާޑާ ގާސިއާ (އެލް މާޔޯ) އާއި އެހެން ފައުންޑަރެއް ކަމަށްވާ ޔޯކިން ގުޒްމަން (އެލް ޗަޕޯ) ގެ ދަރިއެއް ކަމަށްވާ ޔޯކިން ގުޒްމަން ލޮޕޭޒް ކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. ގާލަންޑް ވަނީ ސިނަލޮއާ އަކީ ޑްރަގް ޓްރެފިކިންގައި އެންމެ އަނިޔާވެރި އަދި ނުރައްކާ އެއް ޖަމާއަތުގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އެލް ޗަޕޯ މީގެ ކުރިން ހައްޔަރުކޮށް އެމެރިކާއިން ވަނީ އޭނާ އުމުރަށް ޖަލަށް ލައިފަ އެވެ.

މި މީހުން ހައްޔަރުކުރަން ހިންގި ސިއްރު އޮޕަރޭޝަންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް އެލް މާޔޯ އެމެރިކާސަރަހައްދަށް ވެެއްދީ އޭނާޔަށް ނޭނގި ކަމަށެވެ.

ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމްބާޑާ މެކްސިކޯގެ ދެކުނު ސަރަހައްދަކަށް ދާން ޕްރައިވެޓް ޖެޓެއްގައި ދާން އެއްބަސްކުރުވީ ގުޒްމަން ލޮޕޭޒް އެވެ. ނަމަވެސް އުތުރަށް ދަތުރުކޮށް ޖެޓް ޖެއްސީ ޓެކްސަސްގެ އެލް ޕާސޯއަށެވެ. އަދި ޖެޓް ޖެއްސުމާ އެކު ގުޒްމަން އެމެރިކާގެ އެޖެންޓުންނަށް އަމާންދިނީ އެވެ. ޒަމްބާޑާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެންނެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނީ އެލް ޗަޕޯގެ ދަރި ގުޒްމަން މިކަން ކުރީ ޒަމްބާޑާ އަށް ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ.

އެލް ޗަޕޯގެ މައްޗަށް ހިންގި ކޯޓު އަޑުއެހުންތަކުގައި އޭނާގެ ވަކީލް ކުރިން ބުނެފައިވާ ގޮތުގައި ކާޓެލް ހިންގަނީ ޒަމްބާޑާ އެވެ. އޭނާ އުޅެނީ މެކްސިކޯގެ ފުލުހުންނާއި މުޅި ސަރުކާރަށް ރިޝްވަތު ދީގެން ކަމަށާއި އޭނާއަށް އެހާ ބާރު ގަދަކޮށް މިނިވަންކޮށް އުޅެވެނީ އެހެންވެ ކަމަށް ވަކީލް ބުނެފައިވެ އެވެ.

އުމުރުން 76 އަހަރުގެ ޒަމްބާޑާ މީގެ ކުރިން ދުވަހަކު ވެސް ޖަލަށް ލާފައިވާ ކަމަކަށް ނުބެލެވެ އެވެ.

މަސްތުވާ ނުރައްކާތެރި ބާވަތެއް ކަމަށްވާ ފެންޓަނިލް އުފެއްދުމާއި އެމެރިކާއަށް އެ އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި މި ދެ މީހުންގެ މައްޗަށް އެތައް ދައުވާއެއް އެމެރިކާއިން އުފުލަ އެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ޑްރަގް ޓްރެފިކްކުރާ ކަމަށް ބެލެވޭ ސިނަލޮއާގެ އެއް ފައުންޑަރު އެލް ޗަޕޯ 2019 ވަނަ އަހަރު ޖަލަށް ލުމަށް ފަހު މިއީ އެ ކާޓެލް އަށް ދެވުނު އެންމެ ބޮޑު ގެއްލުން ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެމެރިކާގައި އެތައް ބަޔަކު މަރުވަމުންދާ ފެންޓަނިލް އާއި އެހެން ޑްރަގްތައް އެމެރިކާއަށް އެތެރެކުރަމުންދާ ކާޓެލްގެ "ހިތަށް" ދިން ހަމަލާއެއް ކަމަށެވެ.