Roadha Mihaaru
ޑިޖިޓަލް ރައިޒްގައި ބީއެމްއެލްގެ ޕްރެޒެންޓޭޝަނެއް

ކެންޔާގައި ބޭއްވި ކޮންފަރެންސެއްގައި ބީއެމްއެލްގެ ހާއްސަ ޕްރެޒެންޓޭޝަނެއް!

26 މާޗް 2019

ކެންޔާގެ ނެއިރޯބީގައި ކުރިއަށްދާ "ޑިޖިޓަލް ރައިޒް 2019" ގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެ ހާއްސް ޕްރެޒެންޓޭޝަނެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކެންޔާގެ ނެއިރޯބީގައި ކުރިއަށްދާ "ޑިޖިޓަލް ރައިޒް 2019" ގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެ ހާއްސް ޕްރެޒެންޓޭޝަނެއް ދީފި އެވެ.

މި ކޮންފަރެންސްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް ފޯރުކޮށްދޭ ގޮތާ ގުޅޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ. މި ޕްރެޒެންޓޭޝަންގައި އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކާޑު ދޫކުރުމާއި ޕީއޯއެސްގެ ޚިދުމަތާއި ސެލްފް ސާވިސް ބޭންކިންނާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންހެ ހިދުމަތްތައް ތައާރަފްކުރުމުގެ އިތުރުން ޕޭމަންޓް ގޭޓްވޭ އާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ވެސް އެ ބޭންކުން ރާއްޖޭގައި ދެމުން އަންނަ ކަމަށެވެ.

ބީއެމްއެލުން އިންގިލާބީ ބަދަލުތަކެއް ރާއްޖޭގެ ބޭންކިން ސެކްޓަރަށް ގެނެސްފައިވާ ކަމަށާއި ކަސްޓަމަރުން އިހްތިޔާރުކުރާ ކޮންމެ ވަސީލަތެއް މެދުވެރިކޮށް 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ބްރާންޗެއް ގާއިމުކުރުމަކީ މާލީ ގޮތުން ފަސޭހަ ކަމެއް ނޫން ކަމަށާއި ބޭންކިގެ ބްރާންޗް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ޕީއޯއެސް އާއި ކާޑު ބޭނުންކޮށްގެން ތައާރަފްކުރެވުނު "ކޭޝް އެޖެންޓް" ހިދުމަތާ އެކު، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބޭންކިން ހިދުމަތް ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް ކަސްޓަމަރުން 39 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ އިރު 98 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަން ކަމަށް އޭނާ ވިދާޅުވި އެވެ. ބޭންކުގެ ގިނަ ހިދުމަތްތަކެއް އޮންލައިން ޕްލެޓްފޯމުން ލިބޭއިރު 77 ޕަސެންޓް ކަސްޓަމަރުން އިންޓަނެޓާއި މޯބައިލް ބޭންކިންގެ ހިދުމަތް ހޯދަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ޕްރެޒެންޓޭޝަން ދެއްވަނީ-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ޕްރެޒެންޓޭޝަން ދެއްވަނީ-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން އަންނަނީ 188 ރަށާއި 129 ރިސޯޓުގައި ހިދުމަތް ދެމުންނެވެ. ބޭންކުން އަންނަނީ ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ދޫކުރަމުންނެވެ. މި ކާޑުގެ ހިދުމަތާ އެކު ނަގުދު ފައިސާ ބޭނުންކުރަން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެ ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޕާސްޕޯޓު ކާޑާއި މަސްވެރިންނަށް ހާއްސަކޮށްގެން "މަސްވެރިޔާ ކާޑު" ވެސް މިހާރު ތައާރަފްކޮށްފަ އެވެ.

މި ކޮންފަރެންސްގެ ހަވާސާގައި ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ސްޓްރެޓެޖީ އާ ބެހޭ ގޮތުން ޑިޖިޓަލް ބޭންކިންގް ސޮލިއުޝަން ދޭ ކުންފުނިތަކާއި، ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ދޭ ކުންފުނިތަކާ އެކު ބީއެމްއެލްގެ ފަރާތުން ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސްގައި އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕްގެ ބޭންކުތަކާއި، ޑިޖިޓަލް ބޭންކިން ސޮލިއުޝަން ދޭ ކުންފުނިތަކާއި، ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ދޭ ކުންފުނިތަކުން ޖުމްލަ 80 ފަރާތުން ބައިވެރިވެފައިވެ އެވެ.