Roadha Mihaaru
ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކް ފާހަގަކުރަނީ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކް ފާހަގަކުރަނީ

27 މާޗް 2019

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކާ ގުޅޭ ހާއްސަ ހަރަކާތްތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކާ ގުޅޭ ހާއްސަ ހަރަކާތްތައް ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށްޓަކައި ސްކޫލުތަކުގައި ހަރަކާތްތައް ކުރިގެންދާ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އެސެމްބްލީގައި ހާއްސަ ސްޕީޗެއް ދީފައިވާ ކަމަށެވެ. މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މި ސްޕީޗްތައް ދީފައިވަނީ އެމްއެމްއޭގެ މުވައްޒަފުންނާއި މާލީ އިދާރާތަކުގެ މީހުންނެވެ. ރަށްރަށުގެ ސްކޫލްތަކުގައި މި ސްޕީޗް ދީފައި ވަނީ މާލީ އިދާރާތަކުގެ ބައެއް ފަރާތްތަކާއި އެ ސްކޫލްތަކުން ކަނޑައަޅާ މީހުންނެވެ.

މި ސްޕީޗްގައި ގްލޯބަލް މަނީ ވީކްގެ ތީމް ކަމަށްވާ "ލާން، ސޭވް، އާން" އާ ބެހޭ ގޮތުން މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ. މިފަދަ މައުލޫމާތުތައް ދިނުމުގެ ބޭނުމަކީ ސްކޫލު ކުދިންނަށް ފައިސާ ރައްކާކުރުމާއި އަމިއްލަ ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ކުޑައިރުއްސުރެ ވިސްނުން ބައްޓަން ކުރުމަށް ހިތްވަރު ދިނުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލް ކުދިން ވަނީ މިއަދު އެމްއެމްއޭ އަށް ގޮސް އެމްއެމްއޭގެ އެކި ޑިވިޝަންތަކުން ކުރާ މަސައްކަތްތައް ބަލައިފަ އެވެ. މީގެ އިތުރުން މާލީ ބައެއް އިދާރާތަކަށް ގޮސް އެ ފަރާތްތަކުގެ މައުލޫމާތު ވެސް ސްކޫލު ކުދިންނަށް ދީފައިވެ އެވެ.

ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް ހަފްތާއަކަށް ދެމިގެންދާ ގޮތަށް ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން މިއަދު އޮންނާނީ ޔޫތް އޮންޓަޕްރިނިއާސް ފޯރަމެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ވަނީ ހަމަޖެހިފަ އެވެ.