Roadha Mihaaru
"އިންޓްރެސްޓް ބޮޑީ ލޯނު ދައްކާނެކަން ޔަގީން ނުވާތީ"

އިންޓްރެސްޓް ރޭޓު ބޮޑުވަނީ ލޯނު ދައްކާނެކަން ބޭންކުތަކަށް ޔަގީން ނުވާތީ: ނަސީރު

06 ފެބުރުއަރީ 2019

ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ބޮޑުވާ އެއް ސަބަބަކީ އެ ލޯނުތައް އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން ބޭންކުތަކަށް ކުޑަވާތީ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ބޮޑުވާ އެއް ސަބަބަކީ އެ ލޯނުތައް އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން ބޭންކުތަކަށް ކުޑަވާތީ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

އާންމުންނާއި ވިޔަފާރިތަކުގެ ދަރަނީގެ ވަނަވަރު އެނގޭނެ ވެބްސައިޓް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަސީރު ވިދާޅުވީ، ލޯނު އިންޓްރެސްޓް ބޮޑުވުމަކީ ފައިސާ ހޯދުމަށް ކުންފުނިތަކަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ. އަދި ލޯނެއް ހޯދުމަށް ރަހުނެއް ބޭނުން ވުމަކީ ވެސް ދިމާވާ ގޮންޖެހުން ކަމަށް ވިދާޅުވި އެވެ. އެހެންވެ، ދަރަނީގެ ވަނަވަރު ފަސޭހައިން ބެލޭނެ ގޮތެއް ހަމަޖެހުމަކީ ލޯނު އިންޓްރެސްޓް ކުޑަކުރުމަށް ބާރަކަށް ވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ލޯނެއް ނަގަން ދާ ބައެއް މީހުންނަކީ ލޯނު ދެއްކުމުގެ ގާބިލް ކަން ހުރި ނަމަވެސް، ލޯނު އަނބުރާ ދެއްކުމުގެ ނިޔަތް ނެތި ލޯނަށް އެދޭ މީހުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ. އެހެންވެ، ގަވަރުނަރު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް ކްރެޑިޓް އިންފޮމޭޝަން ރަޖިސްޓްރީއެއް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޭންކުތަކުން ލޯނު ދޭ އިރު ކުރިއަށް އޮތް ތަނުގައި މިކަން މިހާރަށް ވުރެ ފަސޭހައިން ބެލޭނެ އެވެ.

ރާއްޖޭގެ މާލީ ދާއިރާ ކުރިއަރަމުން އަންނައިރު އެންމެ މުހިއްމު ކަމަކީ މާލީ މަންފާ ހުރިހާ ފަރާތްތަކަށް ލިބުން ކަމަށް ނަސީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިގްތިސާދީ ކުރިއެރުން ގައުމަށް ލިބޭނީ، އިންވެސްޓް ކުރާނެ ފައިސާ ލިބިގެން ކަމަށެވެ. އަދި އަމިއްލަ ފަރުދުންނަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމަށް މިހާރަށް ވުރެ ރަނގަޅަށް އުސޫލުތައް ގާއިމުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު އަހްމަދު ނަސީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ގަވަރުނަރު އަހްމަދު ނަސީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

"އެންމެ ބޮޑަށް ރާއްޖޭގައި ފާހަގަކުރެވެނީ، އަދި ވޯލްޑް ބޭންކުގެ ޑުއިން ބިސްނަސް ރިޕޯޓުތަކުން ވެސް އެނގިގެންދަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ފައިނޭންސް ނުލިބުން. ފައިނޭންޝަލް ސެކްޓާ ކުރިއަރުވަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ފަސޭހަކަމާ އެކު ވީހާ ވެސް ކުޑަ އަގެއްގައި ފައިނޭންސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން،" އޭނާ ވިދާޅުވި އެވެ.

މިއަދު ތަފާރަފްކުރި ކްރެޑިޓް އިންފޮމޭޝަން ޕޯޓަލްގައި، ކޮންމެ ވިޔަފާރިއަކަށް ވެސް ނުވަތަ ފަރުދަކަށް ވެސް އައިޑީ ކާޑު ނަންބަރު ޖަހާލައިގެން ދަރަނީގެ ވަނަވަރު ބަލައިލެވޭނެ އެވެ.

މީގެ އަށް އަހަރު ކުރިން އެމްއެމްއޭ އިން ވަނީ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއެއް ގާއިމުކޮށްފަ އެވެ. މިހާތަނަށް 17،000 ދަރަނީގެ ވަނަވަރު އެ ބިއުރޯއިން ހޯދާފައިވެ އެވެ. އަލަށް ތައާރަފްކުރި ވެބްސައިޓާ އެކު ވަކި ވަކި ފަރުދުންނަށް ވެސް މި މައުލޫމާތުތައް އޮންލައިންކޮށް ލިބޭނެ އެވެ.