Roadha Mihaaru

ކޯލިޝަންގެ ކޮންމެ މީހަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓޭ ބުނުމުގެ ފުރުސަތު އެބައޮތް: ރައީސް

29 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވެސް އެއީ ސަރުކާރު ކެންޑިޑޭޓޭ ބުނެ ކެމްޕެއިން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވެސް އެއީ ސަރުކާރު ކެންޑިޑޭޓޭ ބުނެ ކެމްޕެއިން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް އެހެން ވިދާޅުވިއިރު، އާންމު އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވާދަކުރައްވާ ބައެއް ބޭފުޅުން އެއީ ސަރުކާރު ކެންޑިޑޭޓުން ކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވާތީ އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ޚާއްސަކޮށް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި ދެން ތިބި ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން އެހެން ވިދާޅުވާތީ އެއީ ހޫނު ބަހުސަކަށް ވެސް ވަނީ ވެފަ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނެއް ނުތިއްބަވާނެ ކަމަށާއި ތިބޭނީ ސަރުކާރު ދަމަހައްޓައި، ސަރުކާރު ނަގަހައްޓައި، ސަރުކާރު ހިފަހައްޓައި، ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ކެންޑިޑޭޓުން ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، ނަޝީދުގެ ފާޑުވިދާޅުވުން އައުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ، ކޯލިޝަންގެ ކޮންމެ ބޭފުޅަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓޭ ވިދާޅުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެއީ ގޯސް ވާހަކައެއް ނޫން އެ ދައްކަނީ. ކޯލިޝަންގައި ޖޭޕީ އެބައޮތް. އަދާލަތު. ރައީސް މައުމޫން ހިމެނޭ. އެމްޑީޕީ އެބައޮތް. އޮންނައިރުގައި އެ ހުރިހާ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއީ ސަރުކާރު ކެންޑިޑޭޓޭ. އެގޮތަށް އެ ވިދާޅުވަނީ. އެ އަކު ނެތް ގޯހެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކެންޑިޑޭޓޭ ބުނުމުގެ ފުސަތު އެމްޑީޕީގެ ބޭފުޅުންނަށް ވެސް އޮންނާނެ އެވެ.

ރައީސް އިބްޜާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްޜާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިސާލަކަށް އެއް ތަނަކަށް އެބަތިބި އަޅުގަނޑުމެން ތިން ޕާޓީން ކުރިމަތިލާފައިވާ ދާއިރާތައް. މިސާލަކަށް ވައިކަރަދޫ ދާއިރާ. އެމްޑީޕީ ކެންޑިޑޭޓެއް އެބަހުރި. އަދާލަތު ކެންޑިޑޭޓެއް އެބަހުރި. ޖޭޕީ ކެންޑިޑޭޓެއް އެބަހުރި. މިއީ މުޅިން ވެސް ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ ކެންޑިޑޭޓުން. މިއިން ކޮންމެ ބޭފުޅަކަށް ވިދާޅުވެވޭނެ ތިމަންނަ މިއީ ސަރުކާރު ކެންޑިޑޭޓޭ ކޯލިޝަން އޮންނަހާ ހިނދަކު،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ ވަކި ކެންޑިޑޭޓުންގެ ކެމްޕެއިނަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، އެމަނިކުފާނާއި ނަޝީދާ ދެބޭފުޅުން ނިންމަވާފައި ވަނީ ވަކި ތާވަލެއްގެ ތެރެއިން ވީހާ ވެސް ބޮޑަކަށް މުޅި ރާއްޖެ ކަވަރު ކުރެވޭތޯ ކަމަށެވެ.

"އެއީ ގޯސް ވާހަކައެއް ނޫން އެ ދައްކަނީ. ކޯލިޝަންގައި ޖޭޕީ އެބައޮތް. އަދާލަތު. ރައީސް މައުމޫން ހިމެނޭ. އެމްޑީޕީ އެބައޮތް. އޮންނައިރުގައި އެ ހުރިހާ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއީ ސަރުކާރު ކެންޑިޑޭޓޭ. އެގޮތަށް އެ ވިދާޅުވަނީ. އެ އަކު ނެތް ގޯހެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އަން މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އެއްކޮށް އަދި ދެ ބޭފުޅުން ވަކިވަކިން ވެސް ބައެއް ދާއިރާތަކަށް ވަޑައިގެން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.