Roadha Mihaaru
އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް

އަވިން ހަކަތަ އުފައްދަން ގިނަ މަޝްރޫއުތަކެއް

09 އެޕްރީލް 2019

އަވި ނެތް ދުވަހެއް ރާއްޖޭގައި މަދުވާނެ އެވެ. އެކަމަކު އަވިން ލިބެން އޮތް ނަފާ އެންމެ ރަނގަޅަށް ދިވެހިންނަށް އަދި ހޯދިފައެއް ނެތެވެ. ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން "ސަން ބާތު" ކުރުން ފިޔަވަ އެވެ. ނަމަވެސް މިހާރު އަވިން ލިބެން އޮތް ހުރިހާ ފައިދާއެއް ނެގޭނެ ގޮތަކަށް ބައެއް ސިޔާސަތުތަައް އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން އެންމެ ފުޅާކޮށް ފައިދާ ނެގެން އޮތީ އަވިން ހަކަތަ އުފައްދައިގެންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަވި ނެތް ދުވަހެއް ރާއްޖޭގައި މަދުވާނެ އެވެ. އެކަމަކު އަވިން ލިބެން އޮތް ނަފާ އެންމެ ރަނގަޅަށް ދިވެހިންނަށް އަދި ހޯދިފައެއް ނެތެވެ. ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން "ސަން ބާތު" ކުރުން ފިޔަވަ އެވެ. ނަމަވެސް މިހާރު އަވިން ލިބެން އޮތް ހުރިހާ ފައިދާއެއް ނެގޭނެ ގޮތަކަށް ބައެއް ސިޔާސަތުތަައް އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން އެންމެ ފުޅާކޮށް ފައިދާ ނެގެން އޮތީ އަވިން ހަކަތަ އުފައްދައިގެންނެވެ.

މިހާރު ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ ބޭރުން އެތެރެކުރާ ޑީސަލް ބޭނުންކޮށްގެން، ދައުލަތުގެ ވަރަށް ބޮޑު ސަބްސިޑީއަކާ ވެސް އެކުގަ އެވެ. ދައުލަތުން ކުރަން ޖެހޭ ބޮޑު ހޭދައިގެ އިތުރުން އެއީ ތިމާވެއްޓަށް ވެސް ނުރައްކާތެރި ވަސީލަތެކެވެ.

ރާއްޖެއަށް އެންމެ ގުޅެނީ އަވިން ކަރަންޓް

އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ތަފާތު ގޮތްތައް ހުރެ އެވެ. ވައިން ކަރަންޓް އުފައްދަން ރާއްޖޭގައި ތަފާތު ޕްރޮޖެކްޓްތައް ހިންގާފައިވެ އެވެ. ނަމަވެސް އެކަން އެހާ ކާމިޔާބެއް ނޫނެވެ. ދެން އޮތް އަނެއް ގޮތަކީ ކަނޑުގެ އޮއިން ހަކަތަ އުފެއްދުމެވެ. ނަމަވެސް އެއީ އަގު ބޮޑު ނިޒާމެކެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ބޮޑު ފުރުސަތެއް އޮތް އަދި އެންމެ އެކަށީގެންވާ ގޮތަކީ ވެސް އަވިން ކަރަންޓް އުފެއްދުމެވެ. އެފަދަ ބައެއް ޕްރޮޖެކްޓްތައް މިހާރު މިވަނީ، އާ އުއްމީދުތަކަކާ އެކު، ފަށައިފަ އެވެ.

ހުޅުމާލޭގައި ސޯލާ ޕެނަލް ހަރުކުރަނީ: މިއީ ރާއްޖޭގައި ކުރެވެން އޮތް ކަމެއް

ހުޅުމާލޭގައި ސޯލާ ޕެނަލް ހަރުކުރަނީ: މިއީ ރާއްޖޭގައި ކުރެވެން އޮތް ކަމެއް

އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ ސްކޭލިން އަޕް އޮފް ރިނިވަބަލް އެނާޖީ ޕްރޮގްރާމް (އެސްރެޕް) ގެ ދަށުން ދެ ބަޔަކަށް ބަހާލައިގެން 40 މެގަވޮޓްގެ ސޯލާ ޕެނެލް ހަރުކޮށް ހިދުމަތް ދޭން ފަށަން ވަނީ ނިންމާފަ އެވެ. މިއީ މިގޮތަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓް އުފައްދަން މަސައްކަތް ކުރާ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

އެ ޕްރޮޖެކްޓްގެ ތެރެއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްމަންޓްގެ ބައި ކަމަށް ވާ ޕޮއިސްޑްއަށް މިހާތަނަށް ޖުމްލަ 105 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 55 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި 50 މިލިއަން ޑޮލަރަކީ ލުއި ލޯނެވެ. ޕޮއިސްޑްގެ ތެރެއިން މިހާތަނަށް 2.31 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށް ނިމިފައިވާއިރު 7.5 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރުމުގެ މަަސައްކަތް ހަތަރު އަތޮޅެއްގައި ދަނީ ކުރިއަށެވެ.

އެސްރެޕްގެ ދެވަނަ ބަޔަކީ ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓަށް އަމާޒުކޮށް ހިންގާ "އެސްޕަޔާ" އެވެ. ވޯލްޑް ބޭންކާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަށް ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ 11.68 މިލިއަން ޑޮލަރު ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ގެރެންޓީ މެކޭނިޒަމްގެ ތެރެއިން 40 މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓްތައް، އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ އަމިއްލަ ފަރާތްތަކުން ސޯލާ ޕެނެލް ބޭނުންކޮށްގެން ހަކަތަ އުފައްދައިގެން ދައުލަތަށް ވިއްކާ ގޮތަށެވެ. އެގޮތުން އެސްޕަޔާގެ ދަށުން މަދުވެގެން 20 މެގަވޮޓްގެ ސޯލާ ޕީވީ ޖެހުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

"އަމާޒަކީ އިންވެސްޓްމަންޓުތަކަށް ރައްކާތެރިކަން ޔަގީންކޮށްދޭ ވެއްޓެއް ގާއިމްކޮށްދީގެން އަމިއްލަ ފަރާތްތަކުގެ އިތުބާރު ހޯދައި އެ ފަރާތްތަކުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އެކަށީގެންވާ އަގެއްގައި ޔުޓިލިޓީގެ ކަރަންޓް ވިއުގަޔަށް ފޮނުވޭނެ މަގު ފަހިކުރުން،" އެ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަން އޮފިސަރު އިފާދު ވަހީދު ވިދާޅުވި އެވެ.

ސޯލާ ޕެނަލް ހަރުކޮށްފައި: ހަކަތައަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިދާނެ

ސޯލާ ޕެނަލް ހަރުކޮށްފައި: ހަކަތައަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިދާނެ

އެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2014 ގައި ފަށައިގެން ހުޅުމާލޭގެ 1،000 ހައުސިން ޔުނިޓުގައި މިހާރު ވެސް ވަނީ 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. މިދިޔަ އަހަރު އެ ޕެނަލްތައް މެދުވެރިކޮށް ކަރަންޓް ނަގަން ވެސް ވަނީ ފަށައިފަ އެވެ.

އެ ނިޒާމުން 20 އަހަރުގެ ތެރޭގައި ޖުމްލަ 44 މިލިއަން ޔުނިޓު އުފެއްދޭނެ އެވެ. މިނިސްޓްރީން ބުނިގޮތުގައި އެއިން ސްޓެލްކޯއަށް ގާތްގަނޑަކަށް 13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ އެވެ. އެ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރުވަނީ ފަސް މެގަވޮޓްގެ ސޯލާ ޕެނެލް ޖަހާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސޯލާ ޕެނެލް ޖަހަން ނިންމާފައިވަނީ ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގަ އެވެ.

އިފާދު ވިދާޅުވި ގޮތުގައި އެސްޕަޔާގެ އިތުރު ފިޔަވަހިތަކެއް ކުރިއަށް ގެންދަން މިހާރު ވަނީ އަމަލީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން އައްޑޫ ސީޓީގެ ބައެއް ސަރަހައްދުތަކާ ބެހޭ ސާވޭތަކެއް ވަނީ ހަދައިފަ އެވެ.

ސަރުކާރުގެ ދުރު ރާސްތާ އަމާޒަކީ ކޮންމެ ރަށެއްގައި ދުވާލު ގަޑީގެ އެންމެ މަތީ ލޯޑްގެ 30 ޕަަސެންޓް ކަރަންޓް އަވިން ހޯދުމެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ އެއީ އަވިން ދިވެހިންނަށް ހޯދައިގަނެވޭނެ ފައިދާއަކަށް ވާނެ އެވެ.