Roadha Mihaaru
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް

ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

17 އޯގަސްޓް 2023

ރަށްރަށުގައި ސޯލާ ހަކަތައަށް ހާއްސަ ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާ 23.9 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) އަށް މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށްރަށުގައި ސޯލާ ހަކަތައަށް ހާއްސަ ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާ 23.9 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) އަށް މިއަދު ހަވާލުކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ގެންދާ އެރައިސް ޕްރޮޖެކްޓުގެ ދަށުން 24 ރަށެއްގައި 40 މެގަވޮޓް އަވަބެޓްރީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓު ކޯޕަރޭޝަނާއި ގުއަޑިން ނަންޖީންގް އޮޓޯމޭޝަން ކޯ ލިމިޓެޑާއި ސީނޯ ސޮލާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

އެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖާ ވަންގް ޕެއިޓާ ވަނީ ސޮއިކުރައްވައިފަ އެވެ.

އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ހަމަޖައްސާފައިވަނީ އައްޑޫގެ ހަ ރަށާއި ފުވައްމުލަކު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ބ. އޭދަފުށީ، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލީ، ށ. ފުނަދޫގެ އިތުރުން ލ. އަތޮޅުގެ 10 ރަށުގަ އެވެ.

މިނިސްޓްރީން ބުނީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެ ވަގުތެއްގައި ބޭނުންކޮށް، އިތުރުވާ ކަރަންޓު ރައްކާކޮށްދޭނެ ކަމަށެވެ. އަދި އެ ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެ ރަށެއްގެ ޑިމާންޑުގެ ނިސްބަތް ޖުމްލަ 30 ޕަސެންޓަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާއްމުކޮށް ކަރަންޓު ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުއެއް ލިބޭނެކަމަށް ބުންޏެވެ.

އެ މަޝްރޫއުން، 40 މެގަވޮޓްގެ އެނާޖީ ސްޓޯރޭޓް ސިސްޓަމް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ގާއިމްކުރުމަށް ވެސް ރާވާފައިވެ އެވެ. ސޯލާ އަދި ބެޓްރީ ނިޒާމް ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށް ވެސް މަޝްރޫއުގެ ތެރެއިން ރާވާފައިވެ އެވެ.

މިނިސްޓްރީން ބުނީ ބޭރުގެ އެހީއާއެކު ހިންގާ މި ފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަރަންޓު އުފެއްދުން ކަމަށެވެ. ހަކަތައިގެ ދާއިރާއިން މި ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްރީޒޯ އެމިޝަން ގައުމަކަށް ހެދުމެވެ.