Roadha Mihaaru
ތަރައްގީއަށް 1.4 ޓްރިލިއަން ޑޮލަރު ހޭދަކުރާނަން:މޯދީ

ތަރައްގީ އަށް 1.4 ޓްރިލިއަން ޑޮލަރު ހޭދަކުރާނަން: މޯދީ

09 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 9) - އިންޑިއާ އަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ 1.4 ޓްރިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 9) - އިންޑިއާ އަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ 1.4 ޓްރިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ އެ ގައުމުގެ ދަނޑުވެރިންނަށް 300 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ވައުދުވެފަ އެވެ. ބީޖޭޕީން އާއްމު ކުރި މެނިފެސްޓޯގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި ވަނީ ހިންދޫންގެ ވޯޓު ހޯދާނެ ގޮތްތައް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކަޝްމީރުގެ މީހުންނަށް ގާނޫނު އަސާސީގައި ދީފައި އޮންނަ "ޚާއްސަ ހާލަތު" އުވާލުމާއި އަޔޯދިޔާގައި 1992 ވަނަ އަހަރު ހިންދޫން ތަޅާލި މިސްކިތް ހުރި ތަނުގައި ބޮޑު ފައްޅިއެއް އެޅުން ހިމެނެ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީން ހުށަހެޅި މެނިފެސްޓޯ އަށް ރައްދު ދިނުމުގެ ގޮތުން މޯދީ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިންޑިއާގެ ތަރައްގީ އަށް ހޭދަކުރާ 1.4 ޓްރިލިއަން ޑޮލަރުގެ ތެރޭން 50 ސިޓީގައި މެޓްރޯ ޓްރޭން ގާއިމް ކުރާނެ ކަމަށެވެ. ކޮންމެ ދަނޑުވެރިއަކަށް 6،000 ރުޕީސް (86 ޑޮލަރު) ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ދަރަނިވެރިވެގެން އިންޑިއާގެ އެތައް ދަނޑުވެރިންނެއް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.

އިންޑިއާ ބަދަލު ކުރުމަށް މޯދީ ވަނީ 75 ކަމެއް ހުށަހަޅުއްވައިފަ އެވެ. އިނގިރޭސިންގެ އަތުން މިނިވަންވިތާ 75 އަހަރު ފުރުން 2022 ވަނަ އަހަރު ފާހަގަކުރާ އިރު އެ ލަނޑުދަނޑިތައް ހާސިލް ކުރަން ބޭނުންވާ ކަމަށް މޯދީ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީން ވަނީ އިންޑިއާގެ އެންމެ ފަގީރު 250 މިލިއަން މީހުންނަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ދޭނެ ކަމަށް ވައުދުވެފަ އެވެ.

ކޮންގްރެސް ޕާޓީން ބުނެފައި ވަނީ ބީޖޭޕީން 2014 ވަނަ އަހަރު ވެރިކަމަށް އަންނަން ވައުދުވެފައި ވަނީ އަހަރަކު 20 މިލިއަން ވަޒީފާ އުފައްދަން ކަމަށާއި އެކަމަކު ގައުމުން އަހަރަކު ވަނީ 4.7 މިލިއަން ވަޒީފާ ގެއްލިފައި ކަމަށެވެ.

"ޒުވާނުންގެ ކުރިމަގު ވަނީ ބަނަވެފައި،" ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.