Roadha Mihaaru
ވޯޓުލެއްވުމުގެ ކުރިން މޯދީ މަންމަގެ އަރިހަށް

ވޯޓުލެއްވުމުގެ ކުރިން މޯދީ މަންމަގެ އަރިހަށް

23 އެޕްރީލް 2019

ގުޖުރާތު (އެޕްރީލް 23) - އިންޑިއާގެ ދިގުދެމިގެންވާ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވޯޓު ދެއްވުމުގެ ކުރިން މަންމާފުޅުގެ އަރިހަށް ވަޑައިގެން އިހްތިރާމް އަދާކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުޖުރާތު (އެޕްރީލް 23) - އިންޑިއާގެ ދިގުދެމިގެންވާ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވޯޓު ދެއްވުމުގެ ކުރިން މަންމާފުޅުގެ އަރިހަށް ވަޑައިގެން އިހްތިރާމް އަދާކުރައްވައިފި އެވެ.

ތޭރަ އަހަރު މޯދީ ޗީފް މިނިސްޓަރުކަން ކުރެއްވި ގުޖުރާތަށް ވަޑައިގެން އަހުމަދުއާބާދުގައި، މަތިހުޅުވާފައިވާ ޖިޕެއްގައި ވޯޓުލައްވަން ވަޑައިގެންނެވި އިރު ސަޕޯޓަރުންނަށް ގެންދެވީ އަތުގެ އިޝާރާތުން ސަލާމަތް ކުރައްވަމުންނެވެ.

އިންތިޚާބުގައި މޯދީ ވާދަކުރައްވަނީ އުތުރުގެ އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީއަށެވެ. އެ ސިޓީގައި ވޯޓުލުން އޮންނާނީ މެއި 19 ވަނަ ދުވަހު އެވެ.

ވޯޓުގެ ކުރިން މޯދީ މަންމައާ ބައްދަލު ކުރައްވަނީ.

ގުޖުރާތަކީ މޯދީގެ އުފަން އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ވެއްޓެވި ސްޓޭޓް ކަމަށްވާތީ އެ ސްޓޭޓުގެ ގޮނޑިތައް މޯދީއަށާއި ބީޖޭޕީ އަށް ވަރަށް މުހިންމެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބުގައި ވެސް މޯދީ ވަނީ ގުޖުރާތުގެ ވަޑޮޑަޑަރާގެ ޕާލަމެންޓް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ވަރަނަސީ އަށް ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރައްވާފައިވާތީ ވަޑޮޑަޑަރާގެ ގޮނޑި ދޫކޮށްލެއްވީ އެވެ.

ވޯޓުގެ ކުރިން މޯދީ ފުރަތަމަ ވަޑައިގެންނެވީ މަންމާފުޅާ ބައްދަލު ކުރެއްވުމަށް ގާނދީނަގަރަށެވެ. އޭގެ ފަހުން އަހުމަދުއާބާދަށް ވަޑައިގެން ވޯޓުލެއްވުމަށް ފަހު ހިންގަވާފައި ވަޑައިގެންނެވީ ބީޖޭޕީގެ ކެންޑިޑޭޓަކާ އެކު އެވެ. ބޮޑީގާޑުން ވަށާލާފައިވާ އިރު ވޯޓު ދެއްވުމަށް ފަހު އިނގިލީގައި ކުރެއްސެވި ދެލި ވަނީ ސަޕޯޓަރުންނަށް ދައްކަވާލައްވައިފަ އެވެ.