Roadha Mihaaru
އެމްޑީޕީން ހޯދި ކާމިޔާބަށް ރަނިލް މަރުހަބާ ވިދާޅުވެއްޖެ

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބަށް ރަނިލް މަރުހަބާ ވިދާޅުވެއްޖެ

09 އެޕްރީލް 2019

މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމާ ގުޅިގެން، ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަނަސިންހަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމާ ގުޅިގެން، ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަނަސިންހަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު މެންދުރު ފޯނުން ގުޅުއްވާ، ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އަށް އިންތިހާބުން އެހާ ބޮޑު ކާމިޔާބީއެއް ލިބުމުން ރަނިލް ތަހުނިޔާ ވިދާޅިވި އެވެ. ބޮޑު ވަޒީރު ރަނިލް އަށް ރައީސް ޝުކުރުއަދާ ކުރައްވައި، އެމްޑީޕީ އަށް ދިވެހިން ކުރާ ތާއީދު ބަލައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ދިވެހިންނަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް

ދެ ގައުމު ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން ދަމަހައްޓަން މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމަށް ފައިދާ ވާނެ ގޮތަށް އެކި ދާއިރާތަކަށް ހާއްސަ ސަމާލުކަން ދީގެން ގުޅުން ބަދަހިކުރައްވާނެ ކަމަށް ވެސް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި ސަރަހައްދީ ވިޔަފާރީގެ ދާއިރާ އަށް ހާއްސަ ސަމާލުކަމެއް ދޭން ދެ ގައުމުގެ ވެރިން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެމްޑީޕީއަށާއި ރައީސަށް އިއްޔެ ތަހުނިޔާ ވިދާޅުވެފަވެ އެވެ.

އިންތިޚާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދައިފަ އެވެ. މިފަދަ ބޮޑު އަޣުލަބިއްޔަތެއް ރާއްޖޭގެ ތާރީޚުގައި ވެސް އެހެން ޕާޓީއަކަށް ލިބިފައެއް ނުވެ އެވެ.