Roadha Mihaaru
މިއީ އެންމެ ގިނަ ޓޫރިސްޓުން މާލެ ފޭބި ދުވަސް

މިއީ އެންމެ ގިނަ ޓޫރިސްޓުން މާލެ ފޭބި ދުވަސް

10 އެޕްރީލް 2019

ޖުމްހޫރީ މައިދާން އާއި ލޯކަލް މާރުކޭޓް ސަރަހައްދު އޮތީ ޓޫރިސްޓުންނާ އެކު ފުރިފަ އެވެ. އެއް ދުވަހެއްގައި އެހާ ގިނަ ޓޫރިސްޓުން މީގެ ކުރިން ފެނިފައެއް ނުވާނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖުމްހޫރީ މައިދާން އާއި ލޯކަލް މާރުކޭޓް ސަރަހައްދު އޮތީ ޓޫރިސްޓުންނާ އެކު ފުރިފަ އެވެ. އެއް ދުވަހެއްގައި އެހާ ގިނަ ޓޫރިސްޓުން މީގެ ކުރިން ފެނިފައެއް ނުވާނެ އެވެ.

މިއީ މާލެއަށް އެންމެ ގިނަ ޓޫރިސްޓުން ފޭބި ދުވަހެވެ. މާލޭގެ ބަނދަރަށް މިއަދު ނަގިލި ތިރިކުރި، ބިޔަ ކްރޫޒްލައިނާ، އެމްއެސްސީ މެގްނިފިކާ އިން 1،000 ޓޫރިސްޓުން މާލެ ފައިބާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިއަދު ހަވީރު ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އުޅުނެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒްލައިނާގެ ތެރޭގައި ހިމެނޭ އެމްއެސްސީ މެގްނިފިކާ އިން ފޭބި ޓޫރިސްޓުން ހަމައެކަނި އުޅުނީ މާލޭގެ އެކި ތަންތަން ބަލައި، ވިޔަފާރިކުރުމުގައެއް ނޫނެވެ. އޭގެ ތެރެއިން 600 އަށް ވުރެ ގިނަ ޓޫރިސްޓުން ކައިރި ރިސޯޓްތަކަށާއި އެހެން ތަންތަނަށް ގޮސްފައިވެ އެވެ.

ކްރޫޒް ޝިޕުން ފޭބ ބައެއް ޓޫރިސްޓުން މާލޭގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކްރޫޒް ޝިޕުން ފޭބ ބައެއް ޓޫރިސްޓުން މާލޭގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މެގްނިފިކާ ރާއްޖެ އައީ ގާތްގަނޑަކަށް 2،500 ޓޫރިސްޓުންނާ އެކުގަ އެވެ. މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދު މިއަދު އޮތީ އޭގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފަ އެވެ. ރައީސް އޮފީހުގެ ހުޅަނގު ކަންމަތިން ފެށިގެން މުޅި ސަރަހައްދު އޮތީ ދުއްވާ އެއްޗިއްސަށް ބަންދުކޮށްފަ އެވެ.

މާލޭގެ އެކި ތަންތަނާ ބެހޭ މައުލޫމާތު ދީ، ވިޔަފާރިއާ ބެހޭ ކަންކަން އޮޅުންފިލުވައިދޭން ޖުމްހޫރީ މައިދާން ސަރަހައްދުގައި މޭޒުތައް ހުއްޓެވެ. އެ މޭޒުތަކުގައި ތިބި މީހުން ޓޫރިސްޓުންނަށް މާލޭގެ މުހިއްމު މައުލޫމާތުތަކާއި، ހެދުން އެޅުމުގައި ވިސްނަން ޖެހޭ ކަންކަން ކިޔައިދިނެވެ.

އެމްއެސްސީ މެގްނިފިކާ ބޯޓުގެ އެތެރޭގެ މަންޒަރެއް--ފޮޓޯ:ގޫގުލް

އެމްއެސްސީ މެގްނިފިކާ ބޯޓުގެ އެތެރޭގެ މަންޒަރެއް--ފޮޓޯ:ގޫގުލް

އެމްއެސްސީ މެގްނިފިކާ

- 964 ފޫޓު: ބޯޓުގެ ދިގުމިން

- 2500: ދަތުރުކުރެވޭ ޓޫރިސްޓުންގެ އަަދަަދު

- 1،200: ބޯޓުގެ ފަޅުވެރިން

- 2010: ރަސްމީކޮށް ދަތުރުތަކަށް ފެށި އަހަރު

- 547 މިލިއަން ޑޮލަރު: ބޯޓު ބަންނަން ހޭދަކުރި މިންވަރު

- 32: މި އަހަރު ދަތުރުކުރާނެ ގައުމުތައް

- 119: ދަތުރުތަކަށް ހޭދަވާ ދުވަސްތައް

ބޯޓުގެ ހާއްސަކަން

މިއީ ކްރޫޒްތަކުގައި ދަތުރުކުރާ މީހުންނަށް މަތީ ފެންވަރު ހިދުމަތާއި ހިތްހަމަޖެހުން ގެނެސްދޭނެ ގޮތަށް ހަދާފައިވާ ވޯޓެކެވެ. މި ބޯޓުގެ އެންމެ ފާހަގަކޮށްލެވެނީ އޭގެ ޑިޒައިނެވެ. ބޯޓުގައި ހުންނަ ފަސް ރެސްޓޯރެންޓުން ދުނިޔޭގެ މަޝްހޫރު ހުރިހާ ގައުމެއްގެ ކެއުންތައް ލިބެ އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުތައް އުފައްދާ ކުންފުނީގެ އެއް ބޯޓެވެ. ގާތްގަނޑަކަށް 10 ބުރީގެ އިމާރާތެއް އުސް މިނުގެ މި ބޯޓުގައި ފައިވް ސްޓާ ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެން ހުރެ އެވެ.

އެމްއެސްސީ މެގްނިފިކާގެ ޑެކް--ފޮޓޯ:ގޫގުލް

އެމްއެސްސީ މެގްނިފިކާގެ ޑެކް--ފޮޓޯ:ގޫގުލް

އޭގެ ތެރެއިން އެވޯޑު ހާސިލުކޮށްފައިވާ "އެމްއެސްސީ އޯރާ ސްޕާ" ގެ ބެލިނީސް މަސާޖަކީ އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތެވެ. އެހެނިހެން ބޮޑީ ޓްރީޓުމެންޓްތަކާއި ސޯނާ އާއި އަރާމުކުރާނެ ތަންތަން ވަރަށް ރީތިކޮށް ހަދާފަައިވެ އެވެ.

މި ބޯޓުގައި ފޫހިވެގެން އުޅޭކަށް ނުޖެހޭނެ އެވެ. އޯޕަން އެއާ ޕޫލާއި ސްކައިލިޓް އިންޑޯ ޕޫލާއި ހަތަރު ވާލްޕޫލް ހިމެނެ އެވެ. ކުޅިވަރުތަކުގެ ތެރޭގައި ޓެނިހާއި ބިލިޔާޑުގެ އިތުރުން ބޯލިން ހޯލެއް ވެސް ހުރެ އެވެ. ހައިޓެކް ޖިމެއްގެ އިތުރުން ޖޮގިން ޓްރެކެއް ވެސް ވަނީ ހަދާފަ އެވެ.

މީގެ އިތުރުން ފޯޑީ ސިނަމާއަކާއި އިންޓަނެޓް ކެފޭ އާއި 1200 މީހުންގެ ތިއޭޓަރެއް ވެސް ހުރެ އެވެ.