Roadha Mihaaru
ނެތީ އިލްމާ އެއްވަރަށް ކަންކަން ކުރާނެ މީހުން: ރައީސް

ނެތިގެން މިއުޅެނީ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު ކަންކުރާނެ މީހުން: ރައީސް

11 އެޕްރީލް 2019

އެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައި ތިބި މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ނެތިގެން މި އުޅެނީ ލިބިފައިވާ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު ކަންކަން ކުރާނެ މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައި ތިބި މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ނެތިގެން މި އުޅެނީ ލިބިފައިވާ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު ކަންކަން ކުރާނެ މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ހަފުުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، މީހާގެ ކިބައިގައި ހިކުމަތްތެރިކަން އުފަންވެގެން އަންނަނީ، އޭނާގެ ބުއްދި އާއި ވިސްނުން ތަރައްގީ ކުރި މިންވަރަކުން ކަމަށެވެ. ޔުނިވާސިޓީން އިލްމާއި ހުނަރު ދެވިދާނެ ކަމަށާއި އެކަމަކު ބުއްދި ތަރައްގީ ކުރުމަކީ އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއްކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫން މިރޭ ބޭއްވި ދަސްވެނިވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެމްއެންޔޫން މިރޭ ބޭއްވި ދަސްވެނިވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"އިންސާނާގެ ޝަހުސިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި އިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި. ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކު ވެސް، މިރެއިން ފެށިގެން އަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު އިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚުސިއްޔަތެއް އުފަން ކުރުވަން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޝަހުސިއްޔަތު ވާންޖެހޭނީ އެހެން މީހުންނަށް އޯގާތެރިވެ ކަމޭހިތާ އަދި އިހުސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދޭން އިސްނަގާ ޝަޚްސިއްޔަތަކަށެވެ. އަދި އެއީ ކޮރަޕްޝަނާ ހިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްސިއްޔަތަކަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ގައުމު މިއަދު އޮތް ހާލަތާ މެދު ވިސްނައި މި ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ގޮވާލައްވައިފަ އެވެ.

ރާއްޖެ އަށް މަތީ ތައުލީމް ފުޅާކުރުމަށް ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ރައްޖޭގެ މެދުގައި އޮންނަ ލ. އަތޮޅުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެފަދަ ކެމްޕަސްތަކަކީ ރާއްޖޭގެ ސިނާއަތްތައް ދިރުވައި އާލާކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވިދާނެ ތަންތަންކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޔޫން މިރޭ ބޭއްވި ދަސްވެނިވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ: ރައީސް އޮފީސް

އެމްއެންޔޫން މިރޭ ބޭއްވި ދަސްވެނިވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ދާއިރާއިން ޔުނިވާސިޓީގެ ކެމްޕަސްތަކުގައި ހާއްސަ ދިރާސާތައް ހެދުމަކީ ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން އިލްމީ ހުނަރާއި ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. އަދި ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގައުމީ ޔުނިވާސިޓީއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށް ވިދާޅުވި އެވެ.

"ތައުލީމީ މައިދާނުގައި ކުރިއަރައިގެން ތިޔަ ދާ ހަލުވިމިނުގައި، ހަަޔާތުގެ އެހެން މައިދާންތަކުގައި ވެސް ކުރިއަރައި ދިއުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. މި ރާއްޖޭގެ ސިޔާސީ މަސްރަހަށް، އަދި ގައުމުގެ މަތީ މަގާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

މިރޭ 558 ދަރިވަރުން ވަނީ އެމްއެންޔޫން ދަސްވެނިވެފަ އެވެ. އޭގެ ތެރެއިން 78.2 ޕަސެންޓަކީ އަންހެނުންކަން ރައީސް ފާހަގަކުރެއްވި އެވެ.