Roadha Mihaaru
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި

އެމްއެންޔޫގެ އިންޓޭކަށް ބަދަލު ގެނައުމުގެ ވިސްނުން އެބަހުރި: ޑރ. ޝަރީފް

08 މާޗް 2021

ދިރާސީ އާ އަހަރަށް ގެނައި ބަދަލާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޓޭކަށް ވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރަށް ގެނައި ބަދަލާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޓޭކަށް ވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

މީގެ ކުރިން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގަ އެވެ. ނަމަވެސް މި އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަން ސަރުކާރުން އިއްޔެ ރަސްމީކޮށް އިއުލާނުކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު "މިހާރު" އަށް ވިދާޅުވީ ކޯސްތަކަށް ހުޅުވާލާ އިންޓޭކް ބަދަލުކުރުމުގެ ވިސްނުން ހުއްޓަސް އެކަމާ ގުޅޭ ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

ޑރ. ޝަރީފް ވިދާޅުވީ ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމުން އެމްއެންޔޫގެ އިންޓޭކަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެންމެ ގިނަ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޔުނިވާސިޓީގައި ކޮންމެ އަހަރަކު ވެސް ދެ އިންޓޭކަށް ހުޅުވާލަ އެވެ. އެއީ ޖެނުއަރީ އަދި ޖުލައި މަހުގެ އިންޓޭކެވެ. ޑިމާންޑު ބޮޑުވުމުން ނާސިން ކޯހަށް ހާއްސަކޮށް އިތުރު އެއް އިންޓޭކް ހުޅުވާލަ އެވެ.

ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން މަހުގެ ތެރޭގަ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުން ގާތްގަނޑަކަށް 9،000 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.