Roadha Mihaaru
ޑެންގީ ޖެހިގެން ފަސް އަހަރުގެ ކުއްޖަކު އައިސީޔޫގައި

ފަސް އަހަރުގެ ކުއްޖަކަށް ޑެންގީ ޖެހިގެން އައިސީޔޫގައި

11 އެޕްރީލް 2019

އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޑެންގީ ހުން ޖެހިގެން، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޑެންގީ ހުން ޖެހިގެން، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މާފުށީ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު ކުޑަ އަންހެން ކުއްޖާ މާލެ ގެނައީ އެއްގޮތަކަށް ވެސް ހުން މަޑުނުވާތީ އެވެ. އައިޖީއެމްއެޗުން ހެދި ޓެސްޓުތަކުން ޑެންގީ އަށް ޕޮޒިޓިވް ވެފައިވާކަން އެނގުމުން އެ ކުއްޖާ އަށް މިހާރު އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކުޑަކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުން އައިސް ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވުމުން، މާފުށީ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި އެތަނުން އެދުނީ ޓެސްޓެއް ހެދުމަށް ކަމަށެވެ. އެކަމަކު ޓެސްޓުގެ ނަތީޖާއަށް ބަލާފައި އެއްވެސް މައްސަލައެއް ނެތް ކަމަށް ސިއްހީ މަރުކަޒުން އެންގި ކަމަށާއި މާލެ ނައިސް މަޑުކުރީ އެހެންވެ ކަމަށެވެ.

އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު އައިސީޔޫއަށް ބަދަލު ކުރީ، ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން ފުއްޕާމެއަށް އަސަރުކޮށްގެން ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ މަންމަ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުޑަކުއްޖާގެ ސިކުނޑިއަށް ޝޮކެއް ޖެހިފައިވާއިރު އެ ކުއްޖާގެ ހާލު މިހާރު ވެސް ވަރަށް ސީރިއަސް އެވެ.

''ޑޮކްޓަރުން ބުނަނީ ސިކުނޑިއަށް ޝޮކެއް ލިބިފައި ހުރުމުން ރެސްޕޮންްޑް ނުކުރަނީއޭ، މަންމަ ވެސް ވަކިކުރާކަށް ނޭނގެ،" ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މަންމަ ބުންޏެވެ.

"ދެން މިހާ ހިސާބުން ކާކު މިކަމުގެ ޒިންމާ ނަގާނީ. ކުއްޖާގެ މައިންބަފައިންތަ. ނޫނީ މާފުށީ ހެލްތު ސެންޓަރުންތަ. މިއަދާ ހަމައަށް ވެސް އެ ކުއްޖާ އޮތީ އައިސީޔޫގައި."

މިކަމާ ގުޅޭގޮތުން މާފުށީ ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް، އެތަނުގެ ހިންގުމާ ހަވާލު ހުންނެވި ބޭފުޅާއަށް ގުޅުމުން އެދިވަޑައިގަތީ "ރަސްމީ ގަޑީގައި" ގުޅުމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ދަނީ އިތުރުވަމުންނެވެ. އަދި މަދިރީގެ ސަބަބުން ޖެހޭ ޑެންގީއާއި ޗިކުންގުންޔާއަށް ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.