Roadha Mihaaru
އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު މަރުވެއްޖެ

އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު މަރުވެއްޖެ

02 ޑިސެމްބަރ 2019

އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު އިއްޔެ މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު އިއްޔެ މަރުވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންފްލުއެންޒާ ޖެހިގެން މަރުވެފައި ވަނީ މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު 51، އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

އޭނާގެ ކަށު ނަމާދު މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންފްލުއެންޒާ އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅު އަޅައި، ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު އިންފްލުއެންޒާ އަށް ޝައްކުވެގެން 261 މީހަކު ޓެސްޓުކުރި އިރު 130 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު އޮކްޓޫބަރު މަހު އެ އަދަދު އުޅުނީ 38 ގަ އެވެ. މި ދުވަސްކޮޅު ރާއްޖެ އިން ފެންނަނީ އިންފްލުއެންޒާ-އޭ ގެ ބާވަތެވެ.

އެ ބަލީގައި ހުން އައިސް ރޯގާ ޖެހުމުގެ އިތުރުން، ނޭފަތް ބެދި ގިނައިން ކެއްސައި، ކިނބިހި އަޅަ އެވެ. އަދި ބޮލާއި ކަރުގެ އިތުރުން މުޅި ގައިގައި ރިއްސައި، ހީކަރުވައި ވަރުބަލި ވުން ވެސް އެކަށީގެންވެ އެވެ.

މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނީ އުމުރުން ދުވަސްވީ މީހުންނަށާއި، ބައެއް ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

އިންފްލުއެންޒާ އަށް ވެކްސިން ހުރެ އެވެ. އެހެންކަމުން ރައްކާތެރިވުމުގެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ވެކްސިން ޖެހުމެވެ.