Roadha Mihaaru
އެމްޑީޕީއަށް 96،000 ވޯޓު ލިބުނު

އެމްޑީޕީއަށް 96،000 ވޯޓު ލިބުނު

12 އެޕްރީލް 2019

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބު ކުރި އެމްޑީޕީ އަށް އެ އިންތިޚާބުގައި 96،347 ވޯޓް ލިބިފައިވާ ކަމަށް އިންތިޚާބުގެ ދާއިމީ ނަތީޖާއިން ދައްކައިފި އެވެ. އިދިކޮޅުން ނުކުތް މައިގަނޑު ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓުންނަށް ލިބިފައި ވަނީ 57،000 ވޯޓެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބު ކުރި އެމްޑީޕީ އަށް އެ އިންތިޚާބުގައި 96،347 ވޯޓް ލިބިފައިވާ ކަމަށް އިންތިޚާބުގެ ދާއިމީ ނަތީޖާއިން ދައްކައިފި އެވެ. އިދިކޮޅުން ނުކުތް މައިގަނޑު ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓުންނަށް ލިބިފައި ވަނީ 57،000 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެމްޑީޕީން ވަނީ އިންތިޚާބުގައި ވޯޓު ލީ މީހުންގެ 46 ޕަސެންޓް މީހުންގެ ވޯޓް ހޯދައިފަ އެވެ. އިންތިޚާބުގައި ޖުމްލަ 212،079 މީހުން ވަނީ ވޯޓު ލައިފަ އެވެ. އޭގެ ތެރެއިން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދީފައިވަނީ 96،347 މީހުންނެވެ.

އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ.

އިދިކޮޅުން ވާދަކުރި ޕީޕީއެމަށް ފަސް ގޮނޑި ކާމިޔާބު ކުރިއިރު ލިބިފައިވަނީ 19،599 ވޯޓެވެ. އެއީ ނުވަ ޕަސެންޓް ވޯޓެވެ. އަދި ޕީއެންސީން ތިން ގޮނޑި ކާމިޔާބު ކުރިއިރު ލިބިފައިވަނީ 13،924 ވޯޓެވެ. އެއީ ހަތް ޕަސެންޓެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިދިކޮޅު ފަރާތްތަކުގެ ތާއީދާ އެކު މަޖިލިސް އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރެވުނީ ފަސް ގޮނޑި އެވެ. އެ ޕާޓީިގެ ކެންޑިޑޭޓުން 23،590 ވޯޓް ހޯދާފައިވާއިރު އެއީ 11 ޕަސެންޓް ވޯޓެވެ. އެ ތިން ޕާޓީ އަށް ޖުމްލަ ލިބިފައިވަނީ 57,113 ވޯޓެވެ.

ދެ ގޮނޑި ކާމިޔާބު ކުރި އެމްޑީއޭއަށް ލިބިފައިވަނީ 6،111 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ ތިން ޕަސެންޓެވެ. ދެން އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާއި ލޭބާ ޕާޓީގެ އިތުރުން އެމްޓީޑީ އަށް އެއްވެސް ގޮނޑިއެއް ލިބިފައެއްނުވެ އެވެ.

އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ގޮނޑި ކާމިޔާބު ކުރިއިރު އެ މެމްބަރުން ވަނީ ޖުމްލަ 45،403 ވޯޓް ހޯދައިފަ އެވެ. އެއީ ވޯޓު ލީ މީހުންގެ 22 ޕަސެންޓެވެ.

ބާތިލް ވޯޓު ގިނަވާނެ ކަމަށް ބެލެވުނު އިންތިޚާބުގެ ބާތިލް ވޯޓުގެ އަދަދަކީ 4،800 އެވެ.

އާންމު އިންތިޚާބުގައި މިހާ ގިނަ އަދަދެއްގެ ވޯޓުތަކެއް ބާތިލް ގޮތުގައި ކަނޑައަޅާފައި މިވަނީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

އެ ބަދަލުގެ ސަބަބުން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު މިހާރު ގުނަނީ ބާތިލް ވޯޓުގެ ގޮތުގަ އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރިއިރު އިލެކްޝަންސްއިން އާންމު ކުރީ ޕާޓީތަކަށް ލިބުުުނު ޖުމުލަ ގޮނޑީގެ އަދަދެވެ. ވަކިވަކި ޕާޓީތަކަށް ލިބުނު ވޯޓުގެ އަދަދެއް އެ ކޮމިޝަނުން އިއުލާނެއް ނުކުރެ އެވެ.