Roadha Mihaaru
އިންތިޚާބު ފަސް ކުރަން ޕީޕީއެމުން އެބައުޅޭ: ރައީސް

އިންތިޚާބު ފަސްކުރެވޭތޯ ޕީޕީއެމުން އެބަ އުޅޭ، އެކަމެއް ނުވާނެ: ރައީސް

31 މާޗް 2019

އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ފަސް ކުރުމަށް ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށާއި އެކަން އެހެންވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ފަސް ކުރުމަށް ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށާއި އެކަން އެހެންވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދާ އެކު ބޮޑުތިލަދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހަނިމާދޫގައި ހުންނަވައި ރައީސް ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރަނީ އެ ބޭފުޅުން ސަރުކާރުގައި ތިއްބެވިއިރު ވެސް ކަންކުރި ގޮތަށް ކޯޓަށް ގޮސްގެން އިންތިޚާބު ފަސްކުރަން ކަމަށެވެ. ނަމަވެސް އެކަން ކަމަށް ސަމާލުވެ ތިއްބެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެ. އިރާދަކުރެއްވިއްޔާ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި އޮތް ހައެއް އޭޕްރީލްގައި އިންތިޚާބު ބޭއްވިގެންދާނެ،" ހަނިމާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން ފަސްކޮށްފަ އެވެ. އަދި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ނާކާމިޔާބު ވުމުން އެ އިންތިޚާބު ބާތިލް ކުރުމަށް ވެސް އެ ޕާޓީން ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއްނުވެ އެވެ.

ހަނިމާދޫގައި ރައީސް ވާހަކަ ދައްކަވަނީ: އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިލެއްވި-- ފޮޓޯ: އެމްޑީޕީ

ހަނިމާދޫގައި ރައީސް ވާހަކަ ދައްކަވަނީ: އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިލެއްވި-- ފޮޓޯ: އެމްޑީޕީ

މަޖިލިސް އިންތިޚާބު ފަސްކުރަން ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމަށް އަޑު ފެތުރިފައިވާއިރު މި އިންތިޚާބަށް އެންމެ ފޯރީގައި ކެމްޕެއިން ކުރަމުން އަންނަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. މަނީ ލޯންޑްރިން މައްސަލާގައި ބަންދުގައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން މިނިވަން ކުރި، ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކެމްޕެއިންގައި ނޫޅެއްވުމާއި އެކައުންޓް ފްރީޒް ކޮށްފައި ހުރުމުން ކެމްޕެއިނަށް ހަރަދުކުރަން ހުރި ފައިސާގައި އަތްލެވޭގޮތް އަދި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލާގެ އިސްތިއުނާފް ހުކުމް މިއަދު ހައި ކޯޓުން އިއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިންތިޚާބު ކުރި މަޖިލީހާ އެކު ތަޖުރިބާތަކެއް ކުރެއްވުނު ކަމަށާއި އޭރު މަޖިލީހުގައި ކަންތައް ވެގެން ދިޔަ ގޮތަކީ ސަރުކާރު ހިނގުން ހުއްޓުވައި ގާނޫނުތައް ބަދަލުކޮށް ވެރިކަމުގެ ބާރުތައް ހުއްޓުވުން ކަމަށް ރައީސް ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތްއިރު މަޖިލީހުގެ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ލިބުނު ކަމަށާއި އޭގެ ނަތީޖާއަކަށްވީ ރާއްޖެ ދުށް އެންމެ ހުދުމުހުތާރު އަދި އަނިޔާވެރި ވެރިކަން ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލީހުގެ އަގުލަބިއްޔަތު މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ކެންޑިޑޭޓުން ކަނޑައެޅުމުގައި ވަރަށް ވިސްނަން ޖެހޭ ކަމަށެވެ. މިހާރު ކެމްޕެއިންގެ މިސްރާބު ހުރިގޮތުން ރާއްޖެ ކުރިން އޮތް ހާލަތަށް ހިނގައިދާނެ ކަމުގެ ބިރު އެބަ ހީވާ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބު ފެށިގެން އައިއިރު އަޅުގަނޑު މަޑުކޮށްލައިގެން ބަލަހައްޓައިގެން ހުރިން. އިންތިޚާބުގެ ކެމްޕެއިން ދާ މިސްރާބުން ރާއްޖެ ކުރީ އޮތްތަނަށް ހިނގައިދާނެ ބިރު އަޅުގަނޑަށް ހީވާން ފެށި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާއިރު އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެބޭފުޅުން އެ ތިއްބެވީ ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް ވައްކަން ނުކުރާވަރަށް ވައްކަންކޮށް ހިޔާނާތް ވެވަޑައިގެންފައި ކަމަށެވެ. އެ އަނދަވަޅަށް ރާއްޖެ ވައްޓާލުމުގެ ފުރުސަތު ދެން ނުދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ މިހާރު މި ހިނގާ މަޖިލީހަށް ޕީޕީއެމުން މެމްބަރުން ހޮވީ އެމްޕީއެލްއިން ޑޮލަރު ގަތުމަށް ކަމަށް ބުނެ 70 މިލިއަން ރުފިޔާ ނަގައި އެ ފައިސާ ބަހައިގެން ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވައްކަން ވެސް އޮތީ ކޮށްފައި. މިއަދު އެ ވިދާޅު ވަނީ ތިމަންނަށް ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެ ފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާ ވެސް ތިބެން ޖެހޭނީ ކުރިން ތިބި ހާލަތުގައޭ،" ރައީސް ވިދާޅުވި އެވެ.

އެސަބަބުތަކާ ހުރެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވާނެ އަދި އެމްޑީޕީގެ ސިޔާސަތުތައް ގަބޫލު ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރާއިރު ޔާމީން ވަނީ ހަމަނޭވާލެވެން އޮތީ އެބޭފުޅުންނަށް މެޖޯރިޓީ ދީގެން ކަމަށް ވިދާޅުވެފަ އެވެ.