Roadha Mihaaru
ނިއު ޕޯޓް ހުސްކޮށް، ބިމުގެ ކުލި ހޯދަން ކޯޓަށް

ނިއު ޕޯޓް ވިއު ހުސްކޮށް، ބިމުގެ ކުލި ހޯދަން ކޯޓަށް ހުށަހަޅައިފި

15 އެޕްރީލް 2019

ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ ބިން ހުސްކުރަން ޕްލޭނިން މިނިސްޓްރީން އެންގި އެންގުމަށް ސްޓްރާޑާ އިން އަމަލުކޮށްފައި ނުވާ ކަމަށެވެ. މީގެއިތުރުން، ޑިސެމްބަރު، 1، 2018 އިން ފެށިގެން އެ ބިމުގެ ކުލި ދައުލަތަށް ނުދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އޭނާ ވިދާޅުވި ގޮތުގައި، އެ މުއްދަތުން ފެށިގެން ފެބުރުއަރީ، 27، 2019 އާ ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،149،271 ރުފިޔާ ހޯދުމަށެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރާށެވެ. އެ ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ. އެ އެއްބަސްވުމަށް 2017 ގައި ބަދަލުގެނެސް އަށް އަހަރަށް މުއްދަތު އިތުރުކުރީ އެވެ.

އޭރު ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައި އޭނާގެ އަންހެނުންނާ ހަވާލުކޮށްފަ އެވެ. ހިއްސާދާރުންގެ ގޮތުގައި ތިބެނީ ޒާހިދާއި އޭނާގެ އަންހެނުންނެވެ.

އެ ބިން ހުސްނުކޮށްގެން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޓްރާޑާ އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ މި މަހުގެ ހަތް ވަނަ ދުވަހު އެ އެއްބަސްވުން އޮތީ ބާތިލްކޮށްފަ އެވެ. އެ ކުންފުނިން ނިއު ޕޯޓް ވިއު މިހާރު ހިންގަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސްޓްރާޑާގެ ކުރީގެ އެންމެ އިސް އެއް ވެރިޔާ، ޒާހިދުގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހެދިއިރު، ބްރިޖް ވިއު ޕްލެޓް ފޯމާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ފުޓްސަލް ދަނޑެއް އެ ސަރަހައްދުގައި ހަދަން ސަރުކާރާ އެކު އޭރު އެއްބަސްވުން ހެދީ އާންމުންގެ ފައިދާއަކަށްޓަކައި ކަމަށެވެ. އަދި ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް އެ ތަން ހުސްކުރަން އެންގީ ކުންފުނިން ކުރި ޚަރަދު ވެސް އަނބުރާ ނުލިބެނީސް ކަމަށް ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ލިޔުއްވާފައިވާ ގޮތުގައި ނިއު ޕޯޓް ވިއުގެ އިތުރުން އެ ކުންފުންޏަށް ދޫކުރި އިތުރު ތިން ތަނެއްގެ އެއްބަސްވުން ވެސް ބާތިލްކޮށް، މި ސަރުކާރުން އެތަންތަން ވަނީ އަތުލައިފަ އެވެ. އެކަމަކު އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި ނުނިމި އޮތީ ނިއު ޕޯޓް ވިއުގެ މައްސަލަ އެކަނި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.