Roadha Mihaaru
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް

ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން، އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

11 ސެޕްޓެމްބަރ 2024

މަދަނީ މައްސަލައެއްގައި ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ މައްސަލައެއްގައި ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގްރީން އޮފީސް ބިލްޑިންގެ މަސައްކަތްކުރި ކޮންޓެކް ކުންފުންޏަށް ފައިސާ ނުދޭތީ އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރީ އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ. ނަމަވެސް އެ ދައުވާއަށް ޖަވާބު ހުށަހަޅަން އޮންނަ މުއްދަތުގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ އެކަމަށް ގާނޫނުގައި އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގައި އޮންނައިރު، ދައުވާކުރި ކުންފުނިން އެގޮތަށް ކޯޓުގައި އެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދުން ފެށިގެން ތިން މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ގާޒީ ފަރުހާދު ރަޝީދު އިއްވެވި އެ ހުކުމުގައިވެ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް ހަވާލުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަނާޅައިފިނަމަ އެ ފަރާތެއްގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވިދާނެ އެވެ. ނަމަވެސް ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން ހަ މަސް ތެރޭގައި ކޯޓުގައި އެދުމުގެ ފުރުސަތު އޮވެ އެވެ.

މީގެ ކުރިން ވެސް މިގޮތަށް ބައެއް މައްސަލަތަކުގައި ކޯޓުތަކުން ހުކުމް ކޮށްފައިވެ އެވެ.