Roadha Mihaaru
އަމީނިއްޔާގެ އަލިމަސްޔޫބީލް ފާހަގަކުރަން ފުޓްބޯޅަ މެޗެއް

އަމީނިއްޔާގެ އަލިމަސްޔޫބީލް ފާހަގަކުރަން ހާއްސަ ފުޓްބޯޅަ މެޗެއް

23 އެޕްރީލް 2019

އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ނިންމައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ މެޗުގައި އަމީނިއްޔާގެ ތާރީހީ ހަނދާންތައް އާ ކުރާނެ ކަމަށެވެ. އެގޮތުން މުސްކުޅި ދަރިވަރުން ހިމެނޭގޮތަށް ކުޅޭ މެޗުގައި، ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުރަތަމަ މެޗުގައި ކުޅޭނީ، މުސްކުޅި ދަރިވަރުންގެ ދެ ޓީމެކެވެ. އެ ޓީމުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އަދި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ތަރިން ބައިވެރިވާނެ އެވެ. އެ މެޗުގައި ކުޅޭނީ 15 މިނެޓުގެ ދެ ހާފެވެ.

ދެ ވަނަ މެޗުގައި ބައްދަލުކުރަނީ އަމީނިއްޔާގެ މިހާރުގެ ދަރިވަރުންނާއި މުވައްޒަފުންގެ ޓީމެކެވެ. މި މެޗްގައި ކުޅޭނީ 10 މިނެޓުގެ ދެ ހާފެވެ.

"ފުޓްބޯޅަ ކުޅެމުން ދާއިރު ކޮމެންޓްރީ ވެސް ދޭނެ. އޭގެ ތެރޭގައި ސްކޫލުގެ ތާރީހު ވެސް ކިޔައިދޭނެ،" ނާޒްލީން ވިދާޅުވި އެވެ.

ފަސްޓްލޭޑީ ފަޒްނާ އަހުމަދު ޝަރަފްވެރިކޮށްދެއްވާ މެޗު ފަށަން ހަމަޖައްސާފައިވަނީ 8:30 ގަ އެވެ. އެ މެޗަށް ހިލޭ ވަދެވޭނެ އެވެ.

އަމީނިއްޔާއަށް 75 އަހަރު ފުރޭނީ ނޮވެމްބަރު 28 ގަ އެވެ. އެކަން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އެކަންކަމުގެ ތެރޭގައި ޓީއެފްޖީއާ ގުޅިގެން ދުވުމެއް ބޭއްވުމާއި އާޓް މުބާރާތެއް ހިމެނެ އެވެ.