Roadha Mihaaru
އަމީނިއްޔާގެ އަހަރީ ދުވަހުގެ ބޮޑު ޕެރޭޑު ހޮނިހިރުދުވަހު

އަމީނިއްޔާގެ އަލިމަސްޔޫބީލް ބޮޑު ޕެރޭޑް ހޮނިހިރު ދުވަހު ހުޅުމާލޭގައި

17 އޮކްޓޯބަރ 2019

އަމީނިއްޔާ ސްކޫލްގެ އަލިމަސް ޔޫބީލާ ގުޅިގެން ބާއްވާ ބޮޑު ޕެރޭޑް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލްގެ އަލިމަސް ޔޫބީލާ ގުޅިގެން ބާއްވާ ބޮޑު ޕެރޭޑް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝުއައިބަތު ސައީދު މިއަދު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ރެހެންދި ސްކޫލުން ފަށާ ޕެރޭޑް ގައި 1700 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. ތަފާތު ހަރަކާތްތަކާ އެކު ކުރިއަށް ގެންދާ ޕެރޭޑް ނިންމާލާނީ ސެންޓްރަލް ޕާކަށެވެ.

މި ޕެރޭޑްގައި، އަމީނިއްޔާ ގައި މިހާރު ކިޔަވާ ކުދިންނާއި މުވައްޒަފުންނާއި މުސްކުޅި ދަރިވަރުން ވެސް ބައިވެރިވާނެ އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އަމީނިއްޔާގެ ކުރީގެ ދަރިވަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝުއައިބަތް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކު ބައިވެރިވާ ޕެރޭޑް ގައި އަމީނިއްޔާގެ ދިގު ތާރީޚު ދައްކައިލާނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަމީނިއްޔާގެ ނަމުގައި ހިމެނޭ އަކުރުތައް ހިފައިގެން ތިބޭ މީހުންނާ އެ،ކު ޕެރޭޑު ފެށުމެވެ. އެއީ އެ ސްކޫލުގައި މީގެ އަހަރުތަކެއް ކުރިން ޕެރޭޑުތައް ފެށި ގޮތެވެ.

"ކުރީގެ ކެޕްޓަނުންނާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން ތިބޭނީ އަކުރުތައް ހިފައިގެން. ދެން ފްލެގް ޕާފޯމަންސްތައް ވެސް އޮންނާނެ،" ޝުއައިބަތު ވިދާޅުވި އެވެ.

އެންމެން ބައިވެރިވުން ވެސް ހިމެނޭ ގޮތަށް އެކި ތަންތަނަށް ހުއްޓި ހުށަހެޅުންތައް ހުށަހަޅާއިރު، ދަރިވަރުން ނަށަން ހަމަޖައްސާފައި ވަނީ އަމީނިއްޔާގެ އަހަރީ ދުވަހަށް ތައްޔާރުކުރި ލަވަ އަށެވެ. ބޭންޑުގެ ހަރަކާތްތައް ވެސް ހުށަހަޅާނީ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އެއްކޮށްލައިގެން ކަމަށް ޝުއައިބަތު ވިދާޅުވި އެވެ.

އަމީނީއްޔާގެ އަހަރީ ދުވަހަކީ ނޮވެމްބަރު 28 އެވެ. އެކަމަކު، އެ ދުވަސް ދިމާވަނީ ބޮޑު ޗުއްޓީއާ ކަމަށް ވުމުން، އަހަރީ ދުވަހުގެ ޖަލްސާ ބާއްވާނީ އަންނަ އަހަރެވެ.