Roadha Mihaaru
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ: ސުއޫދު

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަންޖެހޭ: ސުއޫދު

23 އެޕްރީލް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެހެންވެ އެ ހުރިހާ ބޭފުޅުން ވެސް އެ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަމަ ހުރިހާ ބޭފުޅުން ވެސް އެބަޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިޔަސް، މަގާމުން ދުރުކުރާ ނަމަ އެކަން ކުރަން ޖެހޭނީ އޮންނަ އިޖްރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ހާމަކަން ބޮޑުކޮށް ކަމަށެވެ. އެގޮތުން ގާނޫނުތަކާ އެއްގޮތަށް އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާއި ފަނޑިޔާރު ކަމަށް ގާބިލްތޯ ބެލުމަށް ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ބެލުންތައް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނޫން ގޮތަކަށް އެކަން ކުރާކަށް އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވޭނެ. އަޅުގަނޑުމެން ދުށިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަނޑިޔާރުން ބަދަލު ކުރެވިގެން ދިޔަ ތަން. ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުން ވަކިކުރެވުނުތަން އަޅުގަނޑުމެން ދުށިން. އެ ބޭފުޅުންނަށް ޖަވާބުދާރީވާން އެއްވެސް ފުރުސަތެއް ނުލިބޭ. އެހެންވީމަ އެ އުސޫލުން ދެން ކަން ކުރެވިގެން ނުވާނެ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ މެދު ހުރި ޝަކުވާތައް ބެލުމަށްޓަކައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލަން ޖެހޭނެ އެވެ. އަދި އެ ޝަކުވާތައް ބެލުމުގެ ނިޒާމު ކުރިއަށް ގެންދަންވާނީ ބޭރުގެ ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ކަމަށާއި އެހެން ނޫން ނަމަ، އެއީ ސިޔާސީ ގޮތުން ކުރިކަމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އެމްޑީޕީ ސަރުކާރުން އައިސް ހުރިހާ ފަނޑިޔާރުންތައް ބޭރުކޮށްލީއޭ، އެހެން ބުނެ ތުހުމަތު ކުރާނެ ޖާގަ ދީގެން ނުވާނެ. އޭގެ ބަދަލުގައި އެކަން ކުރާ ނަމަ، ކުރަންވާނީ ބޭރުގެ އެކްސްޕާޓުންގެ ބެލުމުގެ ދަށުން އޮބްޖެކްޓިވް ކްރައިޓީރިއާއެއް ކަނޑައެޅިފައި، ޝަކުވާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ބެލިގެން އެކަން ކުރަންވާނީ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލުން ފަނޑިޔާރުން އައްޔަންކުރާ ނަމަ، އެކަން ކުރަން ޖެހޭނީ ވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގަ އެވެ. އަދި ވަކި ބަޔަކު ބޭނުންވާ ފަނޑިޔާރުން އައްޔަންކުރީ ކަމުގެ ތުހުމަތު ކުރެވޭނެ ޖާގަ ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.