Roadha Mihaaru
ލަންކާ ހަމަލާ: ދިވެހި ޓޫރިޒަމަށް އޮތީ ކޮން އަސަރެއް؟

ލަންކާގެ ބޮމުގެ ހަމަލާ: ރާއްޖޭގެ ޓޫރިޒަމަށް ކުރާނީ ކޮން އަސަރެއް؟

25 އެޕްރީލް 2019

މިދޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ ތިން ޗާޗަކަށާއި ފައިވް ސްޓާ ތިން ހޮޓަލަކަށް ދިން ހަމަލާއާ އެކު އެ ގައުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ލަންކާ އަށް އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާ އިރު އެއީ އޭޝިއާގައި ވެސް ޓޫރިޒަމް ދާއިރާ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ ތިން ޗާޗަކަށާއި ފައިވް ސްޓާ ތިން ހޮޓަލަކަށް ދިން ހަމަލާއާ އެކު އެ ގައުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ލަންކާ އަށް އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާ އިރު އެއީ އޭޝިއާގައި ވެސް ޓޫރިޒަމް ދާއިރާ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ.

މިހާރު އުފެދޭ ސުވާލަކީ އަވަށްޓެރި ލަންކާގެ ހަމަލާ އިން ރާއްޖޭގެ ޓޫރިޒަމަށް ކުރާނީ ކޮން އަސަރެއްތޯ އެވެ؟ މީގެ ޖަވާބުގައި ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވަނީ އޭގެ ނުބައި އަސަރު މިހާރު ވެސް ފެންނަން ފަށައިފި ކަމަށެވެ. އެގޮތުން ލަންކާ އާއި ރާއްޖެ އެއްކޮށްލައިގެން ޗުއްޓީ ހޭދަކުރަން އަންނަ އެތައް ބައެއްގެ ބުކިންސް މިހާރު ކެންސަލްކުރަމުން އަންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"މިދިޔަ ހަތަރު ދުވަހު ކޮންފާމްކޮށް، ޕޭކޮށްފައިވާ 90 ޕަސެންޓް ބުކިން ކެންސަލްކޮށްފި. މިކަމުން ޓްރެވެލް އޭޖެންސީތަކަށް ވެސް ގެއްލުން ވާނެ،" ޓްރެވެލް އޭޖެންސީއެއްގެ ކަމަށްވާ ސަން ސޭންޑް މޯލްޑިވްސްގެ މެނޭޖަރު އައިމިނަތު ޝަތުރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ހައެއްކަ ބުކިން ކެންސަލްކުރެ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ބުކިންތައް ކެންސަލްކުރަމުންދާ ކަމަށެވެ.

"އާންމުކޮށް ކެންސަލް ކުރަނީ ކޮމްބައިން ދަތުރުތައް. ވަރަށް ގިނަ ޓޫރިސްޓުން ހުންނާނެ ރާއްޖެ އާއި ސްރީލަންކާ އަށް އަންނަން އެރޭންޖު ކުރާ ޓޫރިސްޓުން،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވި ގޮތުގައި މި ދުވަސްވަރު ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިރު ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ އުޅެނީ 90 ޕަސެންޓް މަތީގަ އެވެ. ލަންކާ ހާދިސާގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރީ ކިހާ ވަރަކަށް ކަން އެންމެ ފުރިހަމަ އަށް ދެނެގަނެވޭނީ ދެތިން ހަފްތާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލަންކާގައި ހިނގި ޓެރަރިޒަމްގެ ހަމަލާ ޓޫރިސްޓުންނަށް ވެސް އަމާޒު ކުރެވުނު. އެހެންވީމަ، ޓޫރިސްޓުންގެ މެދުގައި ދަތުރު ކުރުމަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް މިހާރު ވާނީ އުފެދިފައި،" ފިރާގު ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޗެކިން ކައުންޓަރު ކައިރީގައި ކިއުގައި ޖެހިގެން ---ފޮޓޯ:ނިޝާން އަލީ/މިހާރު

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޗެކިން ކައުންޓަރު ކައިރީގައި ކިއުގައި ޖެހިގެން ---ފޮޓޯ:ނިޝާން އަލީ/މިހާރު

ކެޕިޓަލް ޓްރެވެލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އަދިވެސް ޑައިރެކްޓް ފްލައިޓް މަދު ގައުމަކަށް ވުމާ އެކު ލަންކާ މެދުވެރިކޮށް ޓޫރިސްޓުންގެ ގިނަ ބަޔަކު ދަތުރުކުރެ އެވެ. އެހެންކަމުން އެ ހަމަލާއާ ގުޅިގެން އޭގެ ބައެއް ދަތުރުތައް ކެންސަލް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެންސަލް ވަނީ ސިލޯނު މަގުން އަންނަން ޖެހިލުންވާތީ،" އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިނަކީ ގިނަ މަންޒިލުތަކަށް ދަތުރު ކުރާ އެހެން އެއާލައިނުތަކަށް ވުރެ އަގު ހެޔޮ އަދި ރާއްޖެ އަށް ދުވާލަކު އަށް ވަރަކަށް ފްލައިޓް ބާއްވާ އެއާލައިނެކެވެ.

ރިއްފަތު ގަބޫލުކުރައްވަނީ މި ދުވަސްވަރު ބުކިންތައް ކެންސަލު ކުރި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ލަންކާ އަށް ދާ ޓޫރިސްޓުން މަދުވުމުން އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއަށް އައުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ސޫދުގެ ނަޒަރުގައި ވެސް ލަންކާގެ ހަމަލާއިން ރާއްޖޭގެ ޓޫރިޒަމަށް މާ ބޮޑު އަސަރެއް ނުކޮށްފާނެ އެވެ. އެކަމަކު އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާ މިންވަރު ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ފްލައިޓްތައް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް،" ލަންކާ މަގުން އަންނަ ޓޫރިސްޓުން މަދުވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ލޭއޮހޮރުވުން ބޮޑު މި ހަމަލާތައް ލަންކާއަށް އަމާޒު މިވީ، ދާހިލީ ހަނގުރާމައަށް ފަހު އެ ގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ ހިއްދެމިލަމުން ދަނިކޮށެވެ. މިދިޔަ 10 ވަރަކަށް އަހަރު ލަންކާގެ ޓޫރިޒަމް ސެކްޓަރު ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. އަނެއްކާވެސް މި އޮތީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.