Roadha Mihaaru
އިލްހާމާއި ލަތީފްގެ ބަހުގެ ހަމަލަތައް ސަރުކާރަށް!

އިލްހާމާއި ލަތީފްގެ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށް!

25 އެޕްރީލް 2019

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއީ އާންމު އިންތިޚާބަށް ފަހު، ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންތަކެއް މިހާ ބޮޑަށް ސަރުކާރަށާއި ރައީސަށް ރައްޔިތުންގެ މަޖިލިހުގައި ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ބަލިވި ދެ ބޭފުޅުން، ރައީސަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އިލްހާމާއި ލަތީފްގެ އިތުރުން، ސަރުކާރު ކޯލިޝަންގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ހުރީ ޖަލުގައި، އަޅުގަނޑުގެ އާއިލާ އޮތީ ތިޔަ ބޭފުޅުންނާ އެކީގައި ކެމްޕެއިންގައި. އަންހެނުން ލައްވައި އިންޓަވިއު ނަގައިގެން އިލްހާމަށް، އާއިލާ އަށް އަނިޔާ ކުރަމުންދާ ކަމަށް، ރައީސް ޔާމީންގެ ވެރިކަން ވައްޓަން ވޯޓު ދޭށޭ ކިޔާފައި އަންހެނުންނާއި ދަރިން ލައްވައި އިންޓަވިއު ނެގީ. މި ހަގީގަތްތަކެއް އޮޅުވައެއް ނުލެވޭނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަށް މަސް ދުވަސް ވަންދެން ޖަލަށް ލާފައި ހުރި އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ ކޮމިޝަންތައް އުފައްދައިގެން، ބަދަލު ހިފައި މީހުން ޖަލަށްލުމެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުކުރީ ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރަން ފެށުމުންކަން އިލްހާމް ފާހަގަ ކުރެއްވި އެވެ.

"އެންމެން ބޭނުންކޮށްގެން، ގާސިމްގެ ޖޭޕީ ބޭނުންކޮށްގެން ވެރިކަމަށް އައީ. ދެހާސް އަށެއްގައި ވެސް އެހެން [ވެރިކަމަށް] އައީ. ހަނދާނެއް ނެތް ވައުދާއި އަހުދެއް،" މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް އިޝާރާތް ކުރައްވައި އިލްހާމް ވިދާޅުވި އެވެ.

އަބަދުވެސް މިހާރު ދައްކަނީ މީހުން "ކޮމިޝަނަށް ހާޒިރުކުރާ ވާހަކަ" އާއި މީހުން "ޖަލަށްލާ ވާހަކަ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއާ ދެކޮޅަށް ވާހަކަ ދައްކައިގެން ނޫންތޯ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރީ. ބަދަލުކޮށްފައި ބަހައްޓާފައި އަނެއްކާ މި ވާހަކަތައް ދައްކަން ފެށީ." މި ފަހަރުގެ އާންމު އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި އިލްހާމް ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އާންމު އިންތިޚާބުގައި އަށް 65 ގޮނޑި ލިބުނަސް، ރައްޔިތުން އަދިވެސް ތިބީ އެ ޕާޓީއާ އެއްކޮށް ނޫން ކަމަށް އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ ފިޔަވައި އެހެން ފިކުރުތަކަށް ވޯޓު ދިން ރައްޔިތުންގެ އަދަދު މާ ގިނަ އެވެ.

"އެންމެން ބޭނުންކޮށްގެން، ގާސިމްގެ ޖޭޕީ ބޭނުންކޮށްގެން ވެރިކަމަށް އައީ. ދެހާސް އަށެއްގައި ވެސް އެހެން [ވެރިކަމަށް] އައީ. ހަނދާނެއް ނެތް ވައުދާއި އަހުދެއް،" އިލްހާމް

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން ހުންނެވި އަދި ގާސިމް އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް ވިދާޅުވީ، އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ލިބުނަސް، ކުރިމަގުގައި މަޖިލިހުގައި ކަންކަން ކުރާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.

ލަތީފް ވެސް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ގާސިމްގެ ބުރަ މަސައްކަތްޕުޅުންނެވެ. އަދި މި ކަމުގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ސަރުކާރު ހިންގަމުން ދަނީ ޅ. ހިންނަވަރުގެ ފަޅުތެރޭގައި އަޅާފައި އޮތް ވަކަރު ދޯންޏެއްގައި "ޓޫޓީ އިންޖީނެއް" އަޅައިގެން ހިންގާ ގޮތަށް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

މި ފަހަރުގެ އިންތިޚާބުގައި ވެސް ދިއްދޫ ދާއިރާ އަށް ވާދަކުރެއްވި ލަތީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ ކަމަށެވެ. އަދި ސަރުކާރުން ވި ވައުދުތައް ރައްޔިތުންނަށް ފުއްދައި ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރެއް ނުހިނގާ. ހިނގަންވާ މިންވަރާ ގާތަށް ވެސް،" އާންމު އިންތިޚާބުގައި އެންމެ ބޮޑު ތަފާތަކުން ބަލިވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ލަތީފް ވިދާޅުވި އެވެ.