Roadha Mihaaru
ރައީސާއި ގާސިމް ތިއްބަވާނީ އެކުގައި: އަލީ ވަހީދު

ދައުރު ނިމެންދެން ރައީސާއި ގާސިމް ތިއްބަވާނީ އެކުގައި: އަލީ ވަހީދު

22 މާޗް 2019

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވަންދެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތިއްބަވާނީ އެކުގައި ކަމަށާއި ރައްޔިތުން އެދޭ ގޮތަކީ ވެސް އެއީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވަންދެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތިއްބަވާނީ އެކުގައި ކަމަށާއި ރައްޔިތުން އެދޭ ގޮތަކީ ވެސް އެއީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދަނގެތި ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ކެމްޕެއިން އިވެންޓެއްގައި ގާސިމާ އެކު ބައިވެރިވެވަޑައިގެން އަލީ ވަހީދު ވިދާޅުވީ މިވަގުތަކީ ސަރުކާރުގެ ތެރެއިންނާއި ބޭރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވާން ވީ ވަގުތު ކަމަށެވެ. އެހެން ނޫން ނަމަ އަބަދުވެސް ތިބެން ޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަނުޖެހުމުގެ ތެރޭގައި ކަމަށް އަލީ ވިދާޅުވި އެވެ.

މިއީ، ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލީހުގެ އިންތިޚާބަށް ވާދަ ކުރަން ނިންމި ފަހުން ގާސިމާއި އަލީ ވަހީދު އެކުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ޕާޓީގެ އެ ނިންމެވުމާއެކު އަލީ ވަނީ ނުސީދާކޮށް ގާސިމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެކަން ބަލައި ނުގަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަލީ ވިދާޅުވީ މިސަރުކާރު ގެނައީ ކޯލިޝަން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށާއި ހިތާމައަކީ މަސައްކަތް ކުރި މީހުންގެ މަތިން ބައެއް ބޭފުޅުން ހަނދާން ނެތޭތީ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރަން ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނިންމި ހިސާބުން ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މިސަރުކާރު ގެނައީ ހަމައެކަނި ލީޑަރުންގެ މަސައްކަތުން ނޫން ކަމަށާއި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުމެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު: ގާސިމާއި ރައީސް އެކުގައި ތިއްބަވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު: ގާސިމާއި ރައީސް އެކުގައި ތިއްބަވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޖޭޕީ

އަދި މިސަރުކާރު ގެނައީ އެތައް ބައެއްގެ މަސައްކަތުންކަން ރައީސް ހަނދާން އެބަހުންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ކޯލިޝަން އެއްވެސް ޕާޓީއަކަށް ދެރަކޮށް ކަންތައް ނުކުރައްވާނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"އެއް ޕާޓީއަކުން ނޫން މި ސަރުކާރު ގެނައީ. އެކަން ހަނދާން ކުރަން ޖެހޭނެ." އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތުގައި ގާސިމް އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު ކަމެއް ބޭނުންވީމައި އެމަނިކުފާނާ ކައިރިވެލާފައި އެކަމެއް ފުދުމުން ދެން ދޫކޮށްލާ ވިސްނުމުގެ ބައެއް ލީޑަރުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އަލީ މިއަދު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އަލިއަޅުވާލައްވައި އަލީ ވިދާޅުވީ ވަޒީރު ކަމުގައި ހުންނަވަން ބޭނުންވަނީ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް ކަމަށާއި މީގެ ކުރިންވެސް މަޖިލީހުން ވަޒީރުން ޖަވާބުދާރީ ކުރުވާފައިވާ އިރު އޭގެ ރަނގަޅު ނަތީޖާ ފެންނިފައިވާ ކަމަށެވެ.