Roadha Mihaaru
މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް

މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 މެއި 2019

ބާސެލޯނާ (1 މެއި) – ހިތްގައިމު ހިލޭ ޖެހުމަކުން ވައްދާލި ގޯލާ އެކު ކްލަބް ލެވެލްގައި ލިއޮނަލް މެސީ 600 ވަނަ ގޯލް ހަމަކުރި މެޗުން އިނގިރޭސި ގަދަބާރު ލިވަޕޫލް 3-0 އިން ބަލިކޮށް ސްޕެއިނުގެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ދާދި ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސެލޯނާ (1 މެއި) – ހިތްގައިމު ހިލޭ ޖެހުމަކުން ވައްދާލި ގޯލާ އެކު ކްލަބް ލެވެލްގައި ލިއޮނަލް މެސީ 600 ވަނަ ގޯލް ހަމަކުރި މެޗުން އިނގިރޭސި ގަދަބާރު ލިވަޕޫލް 3-0 އިން ބަލިކޮށް ސްޕެއިނުގެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ދާދި ގާތަށް ޖެހިލައިފި އެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ލިވަޕޫލުގެ އެންފީލްޑުގައި ކުޅޭ މެޗުން ލިވަޕޫލަށް އޮތީ މި ފަރަގު ނައްތާލެވެނޭ ފަދަ ބޮޑު ނަތީޖާއަކުން މޮޅުވުމެވެ. ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ނުވަތަ 2-0 އިން ބަލިވިޔަސް ބާސެލޯނާ އަށް ފުރުސަތު އޮންނާނެ އެވެ. ލިވަޕޫލް 3-0 އިން މޮޅުވެއްޖެ ނަމަ އިތުރު ވަގުތު ކުޅޭނެ އެވެ. ލިވަޕޫލަށް ފުރުސަތު އޮތީ 4-0 އިން މޮޅުވުމެވެ. އެކަމަކު ބާސެލޯނާ އިން ޖަހާ ކޮންމެ ގޯލަކާ އެކު، ލިވަޕޫލް މޮޅުވާން ނެރެން ޖެހޭ ފަރަގު ބޮޑުވާނެ އެވެ.

މިދިޔަ ސީޒަނުގެ ފައިނަލުގައި ކުޅެ ރެއާލް މެޑްރިޑް އަތުން ބަލިވި ލިވަޕޫލުން ވަނީ ރޭގެ މެޗުގައި ބާސެލޯނާ އަށް ނުރައްކާކޮށް ޖުމްލަކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންގެ ސޭވްތަކާއި އަދި މެސީގެ މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ ބާސެލޯނާ އިން ނަތީޖާ ނެރުމެވެ.

އިވާން ރަކިޓިޗާއި ފިލިއްޕެ ކުޓީނިއޯ ނުރައްކާކޮށްފައި ވަނިކޮށެ ބާސެލޯނާ އިން ލީޑު ނެގީ 26 ވަނަ މިނެޓުގައި ލިވަޕޫލުގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ. ޖޯޑީ އަލްބާ ޖައްސާލި ބޯޅައަށް، ލިވަޕޫލުގެ ވާޖިލް ވެން ޑައިކާއި ޔޮއެލް މަޓިޕް ކައިރިން އަރައި ސުއަރޭޒް ވެއްޓިގެންފައި އެ ބޯޅަ އެތެރެކޮށްލީ އެވެ. ކުރީގެ ޓީމު ކޮޅަށް ގޯލް ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރަން ލިވަޕޫލުގެ ސަޑިއޯ މާނޭ އަށް ލިބުނު ފުރުސަތުގައި މުޅިން ހުހަށް އަރައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ. މި ހާފުގައި ލިވަޕޫލަށް ދިމާވި މައްސަލައަކީ މުހިއްމު މިޑްފީލްޑަރު ނަބީ ކެއިޓާ އަށް އަނިޔާވެ ބާލަން ޖެހުމެވެ. ބަދަލުގައި އެރީ ޖޯޑަން ހެންޑަސަން އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލުގެ ޖޭމްސް މިލްނާ ފޮނުވާލި ދެ ޝޮޓާއި މުހައްމަދު ސަލާހު ފޮނުވާލި ޝޮޓް ބާސެލޯނާގެ ކީޕަރު ސްޓެގަން މަތަކުރި އެވެ.

ނަތީޖާއަކަށްވީ ބާސެލޯނާ އިން ލިބުނު ފުރުސަތުތަކުގެ ބޭނުންކުރުމެވެ. އެގޮތުން އެ ޓީމުގެ ތިން ވަނަ ގޯލް މެސީ ވައްދާލީ 75 ވަނަ މިނެޓުގަ އެވެ. އޭނާ ބޯޅަ ހިފައިގެން ކުރިއަށް އަރައި ކުޓީނިއޯ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ލިވަޕޫލުގެ އެންޑީ ރޮބަޓްސަން ދިފާއުކުރަން ޖައްސާލުމުން ލިބުނު ސުއަރޭޒަށެވެ. އޭނާ ޖެހި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މެސީ އަށް ލިބުމުން އޭނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެސީ އޭނާގެ ކެރިއަރުގައި ކްލަބް ލެވެލްގައި 600 ވަނަ ގޯލް ޖެހީ 82 ވަނަ މިނެޓުގައި ވައްދާލި ހިލޭޖެހުމުންނެވެ. ޑީ އޭރިއާ ކުރިމަތިން އޭނާ ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ ތަތްކޮށްލީ ގޯލުގެ މަތީ ކަނުގަ އެވެ. ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ 803 މެޗުން 600 ގޯލް ހަމަކުރިތާ ފަސް ވަރަކަށް ދުވަސް ފަހުން މެސީ 600 ގޯލް ހަމަކުރީ 683 މެޗުންނެވެ.

ލިވަޕޫލަށް ފަހުން ވަނީ މުހިއްމު އަވޭ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މިލްނާ ފޮނުވާލި ޝޮޓް ބާސެލޯނާ ކުޅުންތެރިން ގޯލް ރޮނގު މަތިން ދިފާއުކުރިއިރު ރީބައުންސް ބޯޅައިގައި ސަލާ ޖެހި ޝޮޓް ވެސް ބާސެލޯނާ ކުޅުންތެރިން ރޮނގު މަތިން ސަލާމަތްކުރި އެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ އަށް ވެސް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އެކަނިމާއެކަނި، މުޅިން ހުހަށް ހުރެ ބޭނުން ގޮތަކަށް ގޯލް ޖަހަން ލިބުނު ފުރުސަތުގައި ބޯޅަ ފޮނުވާލި ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާ އަތަށެވެ.

މެޗަށް ފަހު މެސީ ބުނީ އަދި ފައިނަލް ކަށަވަރުނުވާ ކަމަށާއި ދެ ވަނަ ލެގު ފަސޭހަނުވާނެ ކަމަށެވެ. އަދި އެ މެޗު ކުޅެން ޖެހޭ ލިވަޕޫލުގެ ދަނޑަކީ ތާރީހެއް އޮތް، ވަރަށް އުނދަގޫ މާހައުލެއްކަން އޭނާ ފާހަގަކުރި އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ބުނީ މި ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އެކަމަކު އަދި ވެސް ލެގު އޮތީ ހުޅުވިފައި ކަމަށެވެ. ލިވަޕޫލަށް އަދިވެސް ބާސެލޯނާ އަށް އުނދަގޫކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ މެސީ އަށް ތައުރީކޮށްފަ އެވެ. އޭނާ ބުނީ މެސީ އަކީ ހުއްޓުވޭނެ ކުޅުންތެރިޔެއް ނޫން ކަމަށާއި އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. އެކަމަކު އެކަން ކުރިން ވެސް އެނގޭ ކަމަށާއި އެހެންވެ މި މެޗުން އެއްވެސް ހައިރާންކަމެއް ނުލިބޭ ކަމަށް ބުންޏެވެ. އިތުރަށް ބުނީ ފެންވަރުގެ ޓީމަކާ ދެކޮޅަށް ލިވަޕޫލުން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށް ކުޅުންތެރިން ގާތު ބުނި ކަމަށާއި އެކަމަކު މައްސަލައަކީ ގޯލެއް ނުޖެހުން ކަމަށެވެ.

"ރަށުން ބޭރުގައި ބަލިވުމަކީ ބޮޑު މައްސަލައެއް ނޫން އަވޭ ގޯލެއް ޖެހެންޏާ. މިރޭ އަހަރެމެންނަށް ދިމާވި އެ މައްސަލަ،" ކްލޮޕް ބުންޏެވެ.