Roadha Mihaaru
މިގޮތަށް ކުޅެގެން ޗެމްޕިއަންސް ލީގު ނުހޯދޭނެ: މެސީ

މިގޮތަށް ކުޅެގެން ޗެމްޕިއަންސް ލީގު ނުހޯދޭނެ: މެސީ

18 ޖުލައި 2020

ބާސެލޯނާ (ޖުލައި 18) - މިހާރު ބާސެލޯނާ އޮތް ހާލަތުގައި ކުރިއަށްގޮސްގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ނުހޯދޭނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ބާސެލޯނާ (ޖުލައި 18) - މިހާރު ބާސެލޯނާ އޮތް ހާލަތުގައި ކުރިއަށްގޮސްގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ނުހޯދޭނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ރެއާލް މެޑްރިޑުން ބާކީ އެއް މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރިއިރު، އެރޭ ކުޅުނު މެޗުން ބާސެލޯނާ ވަނީ 2-1 އިން އޮސަސޫނާ އަތުން ބަލިވެފަ އެވެ. މިއީ 43 މެޗަށް ފަހު ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

"އަހަރެމެން ޗެމްޕިއަންސް ލީގު ހޯދަން ބޭނުންނަމަ އެބަޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވާން. އެހެންނޫނީ އަހަރެމެން ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗުން ވެސް ބަލިވާނެ،" އޮސަސޫނާ އަތުން ބަލިވި މެޗަށް ފަހު މެސީ ބުންޏެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އިޓާލިއަން ކަޕް ކާމިޔާބުކުރި ނަޕޯލީއާ ދެކޮޅަށް ބާސެލޯނާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

މެސީ ބުނީ ޗެމްޕިއަންސް ލީގަށް ތައްޔާރުވާއިރު މި ފަހަރުގެ ސްޕެނިޝް ލީގު ބާސެލޯނާ އަށް ގެއްލިގެންދިޔަ ގޮތް އެއީ ފިލާވަޅު ނަގަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިދިޔަ ދެ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ރޯމާ އާއި ލިވަޕޫލް އަތުން ބަލިވި މެޗުތަަކާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށް މެސީ ބުނެފައިވެ އެވެ.

"ލަލީގާ ދިޔަ ގޮތަކީ އަހަރެމެން ވިސްނާލުން ރަނގަޅު ކަމެއް. އަހަރެމެން އަތުގައި އޮތް ކޮންޓްރޯލް ގެއްލިގެން މިދިޔައީ. މީގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި. މިއީ ޓީމެއްގެ ގޮތުގައި ކުރިމަތިލާން ޖެހޭ ކަމެއް،" މެސީ ބުންޏެވެ.

ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕުން ކެޓުމާ އެކު ބާސެލޯނާ އިން ވަނީ އޭރުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސްޕެނިޝް ލީގުގެ ފަހު މެޗު ނިމުމާ އެކު މިހާރު ހުރި ކޯޗު ކީކޭ ސެޓިއެން ވެސް މަގާމުން ދުރުކުރާނެ އެވެ. އެންމެ ފަހުން ކުޅުނު މެޗަށް ފަހު ސެޓިއެން ބުނީ އަންނަ މަހު ކުޅެން އޮތް ޗެމްޕިއަންސް ލީގު މެޗުގައި އޭނާ ޓީމުގައި ހުންނާނެކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.

"އަަހަރެން އުއްމީދުކުރަނީ ޗެމްޕިއަންސް ލީގުގައި އަހަންނަށް ޓީމުގެ ބެންޗުގައި ހުރެވޭނެކަމަށް،" ސެޓިއެން ބުނެފައިވެ އެވެ.

ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ބާސެލޯނާ އަށް ނުހޯދިއްޖެނަމަ މި ސީޒަން ވެގެންދާނީ 12 އަހަރަށް ފަހު ބާސެލޯނާ ހުސްއަތާ ނިންމާލާ ފުރަތަމަ ސީޒަނަށެވެ.