Roadha Mihaaru
ފައިސާ ދައްކަން ޖެހޭ ކަމަށް ޝަހީދު ގަބޫލެއް ނުކުރައްވާ

ފައިސާ ދައްކަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ޑރ. ޝަހީދު

02 ސެޕްޓެމްބަރ 2016

ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް ދައުލަތަށް އަނބުރާ ފައިސާ ދެއްކެވި ނަމަވެސް އެއީ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް ދައުލަތަށް އަނބުރާ ފައިސާ ދެއްކެވި ނަމަވެސް އެއީ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގެ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގަ އާއި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޑރ. ޝަހީދު ދައުލަތުން ކުރެއްވި ހަރަދުތަކުގެ ތެރެއިން، އަނބުރާ ދައްކަން ފިނޭންސް މިނިސްޓްރީން އެންގި 46،556ރ. ދެއްކެވި ކަމަށް އަންގަވައި އޭނާގެ ވަކީލު އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ، އެ ފައިސާ އަނބުރާ ހޯދުމުގެ ހައްގު ޑރ. ޝަހީދަށް އޮންނާނެ ކަމަށެވެ.

ޑރ. ޝަހީދަށް މި މައްސަލާގައި ގާނޫނީ ލަފާ އަރުވާ ޗެމްބާސް އިންގެ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ އަބުރާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ފިނޭންސުން އެންގީ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއްވި ކަމަށް ބުނާ 30،788ރ. އާއި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޑރ. ޝަހީދުގެ ފޯނު ބިލް ދެއްކުމަށް ހަރަދުކުރި 15،768ރ. ކަމަށެވެ.

ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބުގެ މަގާމު މިހާރު ފުރުއްވާ ޑރ. ޝަހީދުގެ ވަކީލުގެ ސިޓީއާ އެކު، އޭނާ އަނބުރާ ދައްކަން ޖެހޭ ފައިސާގެ ޗެކް ވެސް އިއްޔެ ވަނީ ފިނޭންސަށް ފޮނުވައިފަ އެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެކެވެ.

"އިސްވެ ހަވާލާ ދެވުނު ފައިސާއަކީ އަޅުގަނޑުމެންގެ މުވައްކިލު ދައުލަތުގެ ހާރިޖީ ވަޒީރުގެ މަގާމާއި އަދި ދައުލަތުގެ މުޝީރެއްގެ މަގާމުގައި ހުންނެވިއިރު، އެ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކުރެއްވި ހަރަދުތަކަށް ވެފައި، އެ ހަރަދުތަކުގެ އެންމެހައި ލިޔެކިޔުންތަކަކީ ވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމުން، އެ ފައިސާއަކީ އަޅުގަނޑުމެންގެ މުވައްކިލު ދޭން ޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރުމަށް 7 ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަގަކުރަމެވެ،" އެ ސިޓީގައިވެ އެވެ.

ޑރ. ޝަހީދަށް މި މައްސަލާގައި ގާނޫނީ ލަފާ އަރުވާ ޗެމްބާސް އިން ގެ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ އަބުރާ ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ފިނޭންސުން އެންގީ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއްވި ކަމަށް ބުނާ 30،788ރ. އާއި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޑރ. ޝަހީދުގެ ފޯނު ބިލް ދެއްކުމަށް ހަރަދުކުރި 15،768ރ. ކަމަށް.

ޑރ. ޝަހީދުގެ އިތުރުން އެމްޑީޕީ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އެހެން ހަ ބޭފުޅަކު އަނބުރާ ފައިސާ ދައްކަވަން އެންގީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް އަދި އެ ފައިސާ ހޯދަން ދައުލަތަށް އަރުވާފައިވާތީ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

ދެން ފައިސާ ދައްކަން އަންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ހުސެއިން ރަޝީދު އަހުމަދުގެ އިތުރުން ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި މުހައްމަދު އަސްވާނަށެވެ.

މީގެ ތެރެއިން މިހާތަނަށް ފައިސާ ދެއްކެވީ ޑރ. ޝަހީދު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.

ފިނޭންސުން ބުނީ ފައިސާ ދައްކަން ދިން ހަތް ދުވަހުގެ ތެރޭގައި އެކަން ނުކުރެއްވި ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"އެބޭފުޅުންނަށް ފިޔަވަޅު ނާޅާކަށް އަދި ނުނިންމާ،" ފިނޭންސްގެ އޮފިޝަލް ރޭ ވިދާޅުވި އެވެ.

ފިނޭންސުން ބުނެފައި ވަނީ ހަތް ބޭފުޅަކު އަނބުރާ ދައުލަތަށް ފައިސާ ދައްކަން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެންގެވީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކަމަށާއި މިއީ ފެށުމެއް ކަމަށެވެ. އޮޑިޓަ ޖެނެރަލާއި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޭފުޅުންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އެމްޑީޕީން ބުނެފައި ވަނީ އަނބުރާ ފައިސާ ހޯދަނީ ސަރުކާރުގެ ކޮރަޕްޝަންތައް ފޮރުވުމަށް ކަމަށެވެ.