Roadha Mihaaru
"އޭސީސީއަށް މި ސަރުކާރުން ލީ މެމްބަރުން ފެއިލްވެއްޖެ"

އޭސީސީއަށް އެމްޑީޕީގެ މެމްބަރުންގެ ނުރުހުން، ބައެއް ބޭފުޅުން ވިދާޅުވީ ފެއިލްވެއްޖެ ކަމަށް

06 ޖުލައި 2020

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުރި މައްސަލަތަކަށް ވީނުވީ ނޭނގޭތީ އެ ކޮމިޝަނާ މެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އޭސީސީގެ ޚާއްސަ އޮޑިޓެއް ހަދަން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުރި މައްސަލަތަކަށް ވީނުވީ ނޭނގޭތީ އެ ކޮމިޝަނާ މެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އޭސީސީގެ ޚާއްސަ އޮޑިޓެއް ހަދަން މިއަދު ފާސްކޮށްފި އެވެ.

އޭސީސީގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ގޮސްފައިވާ ހިސާބު މަޖިލީހުން ބަލައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދޭން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އޭސީސީގައި ހުރި މައްސަލަތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، އޭސީސީ އަށް އައްޔަންކުރި މެމްބަރުން ފެއިލްވެއްޖެ ކަމަށާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ގިނަ ތަފްސީލުތައް ވެސް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތައް ނުދޭ ކަމަށެވެ. މިދިޔަ އަހަރު ވެސް އޭސީސީން ގިނައިން ބެލީ އިދާރީ މައްސަލަތައް ކަމަށާއި ދައުވާކުރަން ފޮނުވީ ވެސް އެންމެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް އަންގާ އެންގުންތަކަށް އެ ކޮމިޝަނުން ތަބާ ނުވެ އެ އޮތީ. އެއީ ކުރަންޖެހޭ ކަމެއް ގާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ ކަމެއް. އެކަން ނުކުރީމާ އެ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ގާނޫނުއަސާސީއާ ޚިލާފް ވެފައި،" --- ހަސަން

"އޭސީސީއަށް މި ސަރުކާރުން އަޅުގަނޑުމެން އަލަށް ލީ މެމްބަރުން ފެއިލް ވެއްޖެ. އެމްއެމްޕީއާރުސީ އާއި މިހިރަ ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓާއާ ހަމައަށް ލިސްޓެއް ހަދާފައި ފޮނުވަން ބުނެގެން ވެސް އޭސީސީގެ ރައީސް ސީދާ ލިޔުމުން އެބައޮތް ބުނެފައި އެކަމެއް ނުކުރާނަމޭ، ނުދޭނަމޭ ބުނެފައި. އެހެންވީމަ މިއީ ވަރަށް ބިރުވެރިކަމެއް،" ހަލީމް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވި ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަކަށް ތަބާވާން އޭސީސީން ވަނީ ފާޅުގައި ދެކޮޅު ހަދައިފަ އެވެ. އެހެންވެ، އެ ކޮމިޝަން މިހާރު ގާނޫނުއަސާސީއާ ޚިލާފްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް އެ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރު ކުރަން އޭނާ ހުށަހެޅުއްވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް އަންގާ އެންގުންތަކަށް އެ ކޮމިޝަނުން ތަބާ ނުވެ އެ އޮތީ. އެއީ ކުރަންޖެހޭ ކަމެއް ގާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ ކަމެއް. އެކަން ނުކުރީމާ އެ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ގާނޫނުއަސާސީއާ ޚިލާފް ވެފައި،" ހަސަން ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން ހުރި މައްސަލަތައް އޭސީސީގައި އެބަހުރި ކަމަށާއި އެކަމަކު ބައެއް މައްސަލަތަކަށް ވީނުވީއެއް މިހާރު ނޭނގޭ ކަމަށެވެ. އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަ އަށް ކުރިއަށް ދާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

"އޭސީސީއަށް މި ސަރުކާރުން އަޅުގަނޑުމެން އަލަށް ލީ މެމްބަރުން ފެއިލް ވެއްޖެ. އެމްއެމްޕީއާރުސީ އާއި މިހިރަ ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓާއާ ހަމައަށް ލިސްޓެއް ހަދާފައި ފޮނުވަން ބުނެގެން ވެސް އޭސީސީގެ ރައީސް ސީދާ ލިޔުމުން އެބައޮތް ބުނެފައި އެކަމެއް ނުކުރާނަމޭ، ނުދޭނަމޭ ބުނެފައި. އެހެންވީމަ މިއީ ވަރަށް ބިރުވެރިކަމެއް،"--- ދޮންބިލެތް ހަލީމް

"މައްސަލަތަކަށް ވީ ކިހިނެއް ކަން އެބަޖެހޭ ސާފުވާން. އެއީ ވަކި މައްސަލައެއް ބަލަން އަޅުގަނޑުމެން ފޯސް ކުރަނީ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ވިސާމް ވިދާޅުވި އެވެ.

އެކަމަކު އެހެން ބައެއް މެމްބަރުން ވިދާޅުވީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރުމުގެ ކުރިން މައްސަލަތައް ގޮސްފައިވާ ހިސާބާ ގުޅޭ އޮޑިޓެއް ހެދުން މުހިންމު ކަމަށެވެ.

އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އޭސީސީގެ ޚާއްސަ އޮޑިޓެއް ހެދުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުން މެމްބަރުންގެ އިއްތިފާގުން ފާސްވި އެވެ. އެކަމަކު އޭސީސީގެ މެމްބަރުން ހާޒިރު ކުރަން ހަސަން ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދެއް ނުލިބުނެވެ.

ކިމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަކަށް އޭސީސީގެ މެމްބަރުން ދެކޮޅު ހެދިކަން ކޮމިޓީ އަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމުން ކޮމިޓީގެ މެމްބަރުންނާ އެކަން ހިއްސާ ކުރާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.