Roadha Mihaaru
މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަށް ދިރުމެއް ނާންނާނެ

މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ: ނައިބު ރައީސް

04 މެއި 2019

މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމެއްގައި ހަމަޖެހުން އަންނާނީ ވެސް މިނިވަން ނޫސްވެރިކަމާ އެކު ކަމަށެވެ.

ފާއިތުވި އަހަރުތަކަކީ ނޫސްވެރިކަމަށް ކަޅު ދުވަސްތަކެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ނޫސްވެރިން އޭރު މަސައްކަތް ކުރީ ދަތި އުނދަގޫ މާހައުލެއްގައި ކަމަށެވެ. އެކަމަކު، އެ ބިރުވެރިކަމުގެ ތެރޭގައި ވެސް ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކޮށް، ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފައިސަލް ވިދާޅުވި ގޮތުގައި، އެ މަސައްކަތްތަކުން އިންސާނީ ހައްގުތައް ކަށަވަރުވެ، ރައްޔިތުންނަށް ދިމާވި އެކި މައްސަލަތަކާއި ގޮންޖެހުންތައް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.

"ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ނޫސްވެރިކަމުގެ މަސައްކަތް ކުރަން ޖެހުނީ. މި ބިރުވެރިކަމުގެ ތެރޭގައި ވެސް ސާބިތުކަމާ އެކު މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައިވޭ. ދަތި އުނދަގޫ ވަގުތު ކުރި މަސައްކަތަކީ ގައުމުގެ ހައްގުގައި، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރި ކަމެއްކަން ކަށަވަރު،" އާޓު ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މީޑިއާގެ މީހުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު ތޯ އެމްއެމްސީން ބަލަންޖެހޭ ކަމަށެވެ. ނޫސްވެރިކަމުގެ ތެރޭގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަކިވަކި މީޑިއާތަކަށް އަދި ނޫސްވެރިންނަށް އަމާޒުކޮށްގެން، ނޫސްވެރިކަން އެއްކޮށް ނައްތައިލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީ ސްޓޭޝަންތައް ކުރި ބޮޑެތި ޖޫރިމަނާތަކަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ނޫސްވެރިން، ނައިބު ރައީސް ފައިސަލް (މ) އާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ނޫސްވެރިން، ނައިބު ރައީސް ފައިސަލް (މ) އާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ދަށަށް ދިޔައިރު، މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އަބުރުގެ ގާނޫނެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، އެމަނިކުފާނު އެންމެ ފުރަތަމަ އުވައިލެއްވި ގާނޫނަކީ ވެސް އެއީ އެވެ.

ނައިބު ރައީސް ވިދާޅުވީ، ބޮޑެތި އަދަދުތަކުން ޓީވީ ސްޓޭޝަންތައް ޖޫރިމަނާ ކުރަމުން ދިޔައިރު ނޫސްވެރިންނަށް އަނިޔާވެރިކަން ތަހައްމަލުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް ފެނުނީ އެ ކަންތަކަށް ވެސް ޖެހިލުން ނުވެ ގައުމީ ޒިންމާ އަދާކުރަމުން ދިޔަ މަންޒަރު ކަމަށް ވިދާޅުވި އެވެ. އެކަމަކު މަންޒަރު ބަދަލުވެ، ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމްވެފައިވާކަން، ރިޕޯޓާސް ވިތައުޓް ބޯޑާސްގެ މި އަހަރުގެ އިންޑެކްސް އިން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ނޫސްވެރިން.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ނޫސްވެރިން.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ފައިސަލް ވިދާޅުވި ގޮތުގައި، ލިބިފައި އޮންނަ މިނިވަންކަމުގެ ބޭނުން ނޫސްވެރިން ހިފަންޖެހޭނީ ހެޔޮގޮތުގަ އެވެ. ލިބިފައިވާ މިނިވަންކަމެއް، ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފި ނަމަ ކަންތައް ވާނެ ގޮތް މާޒީން ފެނިފައިވާ ކަމަށާއި އެހެންވެ މަސައްކަތް ކުރުމުގައި ވީހާ ވެސް ތެދުވެރިކަމާ އެކު ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިބުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.

"ކަމެއް ގޯސްވެގެންދާއިރު ގައުމެއްގައި އިޖުތިމާއީ ކަންކަން ރަނގަޅު ކުރަންޖެހޭ ވަގުތު އެންމެ ބޮޑަށް ބަލައިލެވެނީ މީޑިއާ އަށް. އިޖުތިމާއީ މަސައްކަތްތައް ހައްލު ކުރުމަށް ނޫސްވެރިން ކުރިއަށް ވުރެ ބުރަކޮށް މަސައްކަތް ކޮށްދޭށޭ. ރާއްޖޭގައި ވެސް އިޖުތިމާއީ ގޮތުން ގިނަގުނަ މައްސަލަތަކެއް އެބަހުރި،" ނައިބު ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު ވަކިވުމަކީ އެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް އަދި ހިތްދަތިކަމެއް ކަމަށާއި އުއްމީދުކުރައްވަނީ އެ ދެ ޖަރީމާ ހިންގި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް ފައިސަލް ވިދާޅުވި އެވެ.