Roadha Mihaaru
މަލިކުގައި ދިވެހި ފިރިހެނުންގެ ޑީއެންއޭ ގިނަ

މަލިކުގައި ދިވެހި ފިރިހެނުންގެ ޑީއެންއޭ ގިނަ

07 މެއި 2019

މަލިކު ނިސްބަތްވާ ލަކްޝަދީބުގައި މީހުން އާބާދުވި ގޮތް ދެނެގަތުމަށް ހެދި ޑީއެންއޭ ދިރާސާއެއްގައި، އެ އަތޮޅުގެ އަހުލުވެރިންނާއި ދިވެހިން އަދި އިންޑިއާ އާއި ސްރީ ލަންކާއާ ހުރި ގުޅުންތައް ހާމަވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަލިކު ނިސްބަތްވާ ލަކްޝަދީބުގައި މީހުން އާބާދުވި ގޮތް ދެނެގަތުމަށް ހެދި ޑީއެންއޭ ދިރާސާއެއްގައި، އެ އަތޮޅުގެ އަހުލުވެރިންނާއި ދިވެހިން އަދި އިންޑިއާ އާއި ސްރީ ލަންކާއާ ހުރި ގުޅުންތައް ހާމަވެއްޖެ އެވެ.

ސެންޓަ ފޯ ސެލިއުލާ އެންޑް މޮލެކިއުލާ ބަޔޮލިޖީ (ސީސީބީއެމް) އިން ހެދި ދިރާސާ އިން އެނގުނު ގޮތުގައި މަލިކުގައި އެންމެ ވަރުގަދައީ ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާ މީހުންގެ ޑީއެންއޭ އެވެ. އިރުމަތީ އަދި ހުޅަނގު އޭޝިއާގެ ގައުމުތަކުގެ މީހުންގެ ޑީއެންއޭގެ އަސަރު ވެސް މަލިކު މީހުންގެ ހަށިގަނޑުން ވަނީ ކޮންމެވެސް ވަރަކަށް ފެނިފަ އެވެ.

ސައިންޓިފިކް ރިޕޯޓްސްގެ މި މަހުގެ ހަ ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ދިރާސާ އަށް މަލިކުގެ މައިގަނޑު އަށް ރަށުން 557 މީހެއްގެ ޑީއެންއޭ ނެގި އެވެ. އަދި ސަރަހައްދުގެ 166 މީހެއްގެ ތަހުލީލުތައް ވެސް ކުރި އެވެ.

މަލިކު އަތިރިމަތި

މަލިކު އަތިރިމަތި

ހޯދުންތަކުން ދެއްކި ގޮތުގައި މަލިކު މީހުންގެ މައި ފުށުގެ އަދި ބަފައި ފުށުގެ ގުޅުންތައް ވެސް ދިވެހިރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއާ ވަރަށް ބޮޑަށް ގުޅެ އެވެ.

ރާއްޖޭގެ އުތުރުގައި އޮންނަ ލަކްޝަދީބަކީ އެފްރިކާ އިން އަންޑަމަން އަދި އޮސްޓްރޭލާ އަށް މީހުން ހިޖުރަކުރި ޒަމާނުގައި އެ މީހުން މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި ފާހަގަވެފައިވެ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ކުމާރަސާމީ ތަންގަރާޖް ވިދާޅުވި ގޮތުގައި، ދިރާސާ ފެށި އިރު، ލަކްޝަދީބު މީހުން އެންމެ ބޮޑަށް ގުޅޭނީ އަންޑަމަން އާއި އޮސްޓްރޭލިއާއާ ކަމަށް ވަރަށް ބޮޑަށް ހީކުރެވުނެވެ.

"...އަހަރެމެންނަށް ފެނުނީ [ލަކްޝަދީބު މީހުންގެ] މައި ފުށުގެ ކާބަފައިން ބޮޑަށް ގުޅިފައި ވަނީ ދެކުނު އިންޑިއާ މީހުންނާ ކަމަށް. އަދި ބަފައިފުށު މީހުންގެ ކާބައިންގެ ޑީއެންއޭ އެންމެ ގިނައީ ދިވެހިރާއްޖެ އާއި އުތުރު އިންޑިއާގެ މީހުންނާ،" ކުމާރަސާމީ ވިދާޅުވެފައިވެ އެވެ.

މަލިކު ބައްތި

މަލިކު ބައްތި

އޭނާ ވިދާޅުވި ގޮތުގައި މަލިކުގައި މައިގަނޑު ގޮތެއްގައި ތިބީ ދެކުނު އޭޝިއާ އާއި އިރުމަތީ އަދި ހުޅަނގު އޭޝިއާ ސަރަހައްދުން އައި މީހުން ކަމަށް ޑީއޭންއޭ ދިރާސާ އިން ދައްކަ އެވެ.

ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ބަނަރާސް ހިންދޫ ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ގައިނޭޝްވަރް ޗައުބޭ ވިދާޅުވީ ލަކްޝަދީބާ ދުނިޔޭގެ އެކި ގައުމުތަކާ ތާރީޚީ ގުޅުންތަކެއް ހުރި ކަމުގައި ވިޔަސް ޑީއެންއޭގެ ގުޅުންތައް ސަރަހައްދުގެ ގައުމުތަކާ ބޮޑަށް ގުޅިފައި ހުރުމަކީ ޝައުގުވެރި ހޯދުމެކެވެ. މިއީ ލަކްޝަދީބުގައި މިގޮތަށް ކުރި ފުރަތަމަ ޑީއެންއޭ ތަހުލީލެވެ. އެއިން ހާމަވީ ލަކްޝަދީބަކީ އިހުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ދަތުރުކުރާ މަގެއްގައި އޮތް އަތޮޅަކަށް ވިޔަސް ޑީއެންއޭގެ ގޮތުން މައިގަނޑު ގޮތެއްގައި ގުޅެނީ އެންމެ ތިން ގައުމަކަށް ކަމެވެ. ޑރ. ތަންގަރާޖް ވިދާޅުވި ގޮތުގައި ލަކްޝްދީބުގެ ހުރިހާ ރަށަކަށް ބަލާއިރު ތަފާތު ޑީއެންއޭތައް އެންމެ ގިނައީ މަލިކުގަ އެވެ. މީގެ މާނަ އަކީ ދަތުރުވެރިން އެންމެ ގިނައިން ގޮސް އުޅުނީ އެ ރަށަށް ވުމެވެ.

ލަކްޝަދީބުގެ އާބާދީ އަކީ ގާތްގަނޑަކަށް 65،000 އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ލަކްޝަދީބަށް މީލާދީން ހަ ވަނަ ގަރުނުގައި ބުދު ދީން ތައާރަފްވި އެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ތުރާކުނާ ލަކްޝަދީބުގެ މަލިކާ ދެމެދު ހުންނަނީ ގާތްގަނޑަކަށް އެންމެ 70 ނޯޓިކަލް މޭލެވެ. "މަލިކު އަތޮޅު" ގައި އަދި ވިރިނގިލި ކިޔާ ރަށެއް ވެސް އޮވެ އެވެ.

މަލިކުގެ އަޮފީހެއް

މަލިކުގެ އަޮފީހެއް

މަލިކާއި ލަކްޝަދީބުގެ ތާރީހުން އެނގޭ ގޮތުގައި ލަކްޝަދީބާއި ދިވެހިރާއްޖޭގައި އެއް ވެރިކަމެއްގެ އޮތް ޒަމާނެއް ދިޔަ އެވެ. އޭގެ ފަހުން ކަންނަންނޫރުގައި އަރައްކަލް ދަރިކޮޅުގެ ވެރިކަން މަލިކުގައި ފެށުނެވެ. އަދި މަލިކާއި ލަކްޝަދީބުގެ ރައްޔިތުން ކަންނަންނޫރު ރާޖާއިންގެ ވެރިކަމުގެ ދަށަށް ދިޔައެވެ. މީލާދީން 1573 ވަނަ އަހަރު، ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި އިރު ވެސް މަލިކުގައި ވެރިކަންކުރީ ކަންނަންނޫރު ރާޖާއިންނެވެ. ޕޯޗުގީޒުންނާ ދެކޮޅު ޖިހާދަށް ބޮޑުތަކުރުފާނުމެން ނުކުމެވަޑައިގަތުމަށް އެ ތަކުރުފާނުގެ އާއިލާތަކަށް ހިމާޔަތް ހޯއްދެވީ މަލިކުންނެވެ. އަދި ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ ވެސް މަލިކުގައިކަން އެނގެ އެވެ. ބޮޑުތަކުރުފާނުގެ އާއިލާގެ ބޭފުޅުން މަލިކުގައި ދިރިއުޅުއްވި "ދިވެހިގަނޑުވަރު" އަދިވެސް އެބަހުއްޓެވެ.

އެއްވެސް ދުވަސްވަރެއްގައި، ވަކި ގައުމެއްގެ ފުރިހަމަ ވެރިކަމެއް މަލިކުގައި އޮތް ކަމެއް ޔަގީނެއް ނުވެ އެވެ. މަލިކު މީހުން ކިޔައި އުޅޭ ގޮތުގައި މަލިކުގައި މިހާރު ތިބީ ރާއްޖެއިން އެ ރަށަށް ހިޖުރަކުރި ކަނބޯރަނިންނާއި ކޮހޮރަތުކަމަނާ އާއި އެ މީހުންނާ އެކު ދިޔަ މީހުންގެ ދަރިދަރިކޮޅެވެ. މަލިކުގައި މީހުންގެ ބަހަކީ ވެސް ދިވެއްސެވެ.