Roadha Mihaaru
މަލިކުގައި ހެދި އިންޑިއާގެ ނޭވަލް ބޭސް ހުޅުވައިފި

މަލިކުގައި ހެދި އިންޑިއާގެ ކަނޑުގެ ސިފައިން މަރުކަޒު ހުޅުވައިފި

07 މާޗް 2024

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ މަލިކުގައި އިންޑިއާއިން ހެދި ކަނޑުގެ ސިފައިންގެ މަރުކަޒު އޮޕަރޭޝަނަށް ގެނެސްފި އެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ މަލިކުގައި އިންޑިއާއިން ހެދި ކަނޑުގެ ސިފައިންގެ މަރުކަޒު އޮޕަރޭޝަނަށް ގެނެސްފި އެވެ.

މަލިކުގައި އިންޑިއާގެ ކަނޑުގެ ސިފައިން ގާއިމުވެ ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު މިއީ އިންޑިއާ ކަނޑުގައި އިންޑިއާގެ އަސްކަރީ ބާރު އިތުރުކުރަން، ނޭވަލް ބޭސްއެއް އިންޑިއާއާ އެހާ ދުރުގައި ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މަލިކު އޮންނަނީ ރާއްޖެއާ އެންމެ 125 ކިލޯމީޓަރު ދުރުގަ އެވެ. މިއީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ އެކު ހީނަރުވެ ޗައިނާއާ ގާތްވުމާ އެކު ސަރަހައްދީ ގަދަހިފުމުގެ ތެރެއިން އިންޑިއާ އިން އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ.

"މިއީ ލަކްޝަދީބާ އެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ހަރަކާތްތެރިކަން އިތުރުކުރުމުގެ އިތުރުން އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރަން އެޅި މުހިންމު ފިޔަވަޅެއް،" އިންޑިއާ ނޭވީން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަލިކުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި މި ވަނީ، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެންނަން ފަށާފައި ވަނިކޮށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ދެ ގައުމުގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު، މެއި 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ވަނީ އެއްބަސްވެފަ އެވެ.

އެ މަސައްކަތުގެ ދަށުން، އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިން ބަދަލުކުރަން، މަދަނީ މީހުންގެ ޓީމެއް އައިސްފައިވާ އިރު، އެ އުޅަނދުގެ އޮޕަރޭޝަނާ އެ ޓީމުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ހަވާލުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.