Roadha Mihaaru
ސިސިލްފަރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފަށައިފި

ސިސިލްފަރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފަށައިފި

15 މެއި 2019

ހައްޖަށް މީހުން ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ކުންފުނިން ސިިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައްޖަށް މީހުން ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ކުންފުނިން ސިިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ މިއަދު ފަށައިފި އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ފަސް ކުންފުންޏަކަށް އެ ހުއްދަ ދޭން ނިންމައިި، އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެކަން އާންމުކޮށްފަ އެވެ. އެ ހުއްދަ ދެނީ އެންމެ މަތިން މާކްސް ލިބޭ ކުންފުނިތަކަށެވެ. އެކަމަކު ސިސިލްފަރަކަށް މި ހުއްދަ މި އަހަރު ލިބިފައެއް ނުވެ އެވެ.

އެ މައްސަލާގައި ސިސިލްފަރު ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުންފުނިތަކަށް މާކްސް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުންތައް މިއަދު ހެނދުނު ފެށުމުން ދައުލަތުން އެދުނީ ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށެވެ. އެހެންވެ، މާދަމާއާ ހަމައަށް ދައުލަތަށް ވަނީ ފުރުސަތު ދީފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށާނީ ޑިސްޕިއުޓް މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމަ އެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަނީ މާކްސް ދިނުމުގައި މިނިސްޓްރީން އަމަލުކުރީ މައުލޫމާތު ދިން ގޮތާ ޚިލާފަށް ކަމަށާއި އަދި އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ވެސް އެ މިނިސްޓްރީން އަމަލުކުރި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި 35 އަހަރުގެ ތަޖްރިބާ އެ ކުންފުންޏަށް ލިބިފައިވާއިރު، މާކްސް ދިންއިރު ތަޖްރިބާގެ ބައިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއްގެ މާކްސް ވެސް ލިބިފައިނުވާ ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް އެ މައްސަލާގައިވެ އެވެ.