Roadha Mihaaru
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް

ލަންކާގައި ވިސާ ނެތް ދިވެހިންގެ ތެރޭގައި ފިލައިގެން އުޅޭ ކުށްވެރިން ވެސް

22 މެއި 2019

ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ތެރޭގައި، އެ ގައުމަށް ބޭހަށް ގޮސް ފިލައިގެން އުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ތެރޭގައި، އެ ގައުމަށް ބޭހަށް ގޮސް ފިލައިގެން އުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާއާ ވާހަކަ ދައްވަމުން ޝާހިދު ވިދާޅުވީ، ވިސާ ނެތި ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅައި އެ މީހުންގެ މައުލޫމާތު މިހާރު ދެމުން އަންނަ ކަމަށެވެ.

"އެ މީހުންގެ ނަމާއި ހުރިހާ މައުލޫމާތެއް އެމްބަސީ އަށް ގުޅާފައި އެބަދޭ. އެކަމަކު ހުންނަ ތަނެއް ބުނާކަށް ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގައި ފިލައިގެން އުޅޭ މީހުންގެ ތެރޭގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ އިސް މޭސްތިރި އަބްދުﷲ ލުތުފީ ވެސް ހިމެނެ އެވެ. އޭނާ 2010 ން ފެށިގެން ފިލައިގެން ލަންކާގައި އުޅޭ ކަމަށް ވެ އެވެ.

އެކަމަކު، އޭނާ އެމްބަސީ އަށް ގުޅި ކަމެއް ޝާހިދު ވިދާޅެއް ނުވެ އެވެ.

ވިސާގެ މުއްދަތު ހަމަވެފައިވާ ގިނަ ދިވެހިންތަކެއް ލަންކާގައި ދިރިއުޅެމުންދާއިރު، އެ މީހުން "ފަޅާއެރީ" އެ ގައުމުގައި މިދިޔަ މަހު ގޮއްވާލި ބޮންތަކާ ގުޅިގެން، ބިދޭސީންތައް ލަންކާގެ ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓަރީވާން އެންގުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިސާ އާ ނުކޮށް، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ކިޔަވާ ދަރިވަރުން ވެސް ހިމެނޭކަން ޝާހިދު ހިތާމައާ އެކު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސާ އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅެ އެވެ. އަދި ވިދާޅުވީ، ލަންކާގެ ގާނޫނުތަކުގެ ތެރެއިން އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު، ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ލިޔުމަކަށް ބަލައި ވިސާ އާ ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި ރާއްޖެ އިން އެދިފައިވާ ކަމަށެވެ. އަދި އެ ގައުމުން އެކަން ކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.