Roadha Mihaaru
މީހެއްގެ ފުރާނަ ސަލާމަތްކުރަން ޕޭ ލީވެއް ދެވިދާނެތަ؟

މީހެއްގެ ފުރާނަ ސަލާމަތްކުރަން ޕޭ ލީވެއް ދެވިދާނެތަ؟

25 މެއި 2019

ހަ ބެއިންގެ ތެރެއިން ހަމައެކަނި ހުރި އަންހެން ކުއްޖާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވުމުން ކޮއްކޮއަށްޓަކައި އިސްވެ ނުކުތީ އަބްދުލް މުހުސިން އަހުމަދު، 37، އެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމަށް ކިޑްނީ ހަދިޔާ ކުރި އެވެ. އެ ބޮޑު ގުރުބާނީ ވުމުގައި މުހުސިނަށް ދިމާވި ގޮންޖެހުންތައް ވަރަށް ވެސް ބޮޑެވެ. އެންމެ ބޮޑު ދައްޗަކަށް ދިމާވީ ވަޒީފާ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަ ބެއިންގެ ތެރެއިން ހަމައެކަނި ހުރި އަންހެން ކުއްޖާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވުމުން ކޮއްކޮއަށްޓަކައި އިސްވެ ނުކުތީ އަބްދުލް މުހުސިން އަހުމަދު، 37، އެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމަށް ކިޑްނީ ހަދިޔާ ކުރި އެވެ. އެ ބޮޑު ގުރުބާނީ ވުމުގައި މުހުސިނަށް ދިމާވި ގޮންޖެހުންތައް ވަރަށް ވެސް ބޮޑެވެ. އެންމެ ބޮޑު ދައްޗަކަށް ދިމާވީ ވަޒީފާ އެވެ.

އުފަން ރަށް، ލ. ހިތަދޫ ސިއްހީ މަރުކަޒުގެ ރިސެޕްސަނިސްޓަކަށް އުޅޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުހުސިން، ކިޑްނީ ހަދިޔާ ކުރުމަށް އިންޑިއާގެ ބެންގަލޫރަށް ދިޔައީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އޭނާގެ ކޮއްކޮއަށް ކިޑްނީ ލެއްވުން ނޫން އެހެން އެއްވެސް ގޮތެއް ނެތީމަ އެވެ.

ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުން އޮޕަރޭޝަން ކުރުމަށް، ގިނަ ޓެސްޓްތަކެއް ހަދަން ޖެހުނެވެ. މުހުސިންގެ ތައިރޮއިޑް މައްސަލަ ހުރުމުން އެކަމަށް ބޭސް ކުރަން ޖެހުމުން ވެސް އިތުރު މުއްދަތު ނެގި އެވެ. އަހަރީ ޗުއްޓީގައި ގޮސް އެކޮޅުގައި އުޅެނިކޮށް ޗުއްޓީ އާއި ސަލާމްތައް ވެސް ހުސްވީ އެވެ. އޭރު ވެސް ކިޑްނީ ހަދިޔާ ކުރެވޭނެ ދުވަހެއް އޮތީ ނޭނގި އެވެ. ނަމަވެސް އެކަން ކޮންމެހެން ވެސް ކުރަން ޖެހެ އެވެ. އިތުރަށް މުސާރައާ އެކު ޗުއްޓީ ލިބޭތޯ އެތައް މަސައްކަތެއް ކުރި ނަމަވެސް އެކަން، ވަޒީފާގެ އުސޫލުތައް އޮތް ގޮތުން، ކާމިޔާބެއް ނުވި އެވެ. އެންމެ ފަހުން ޖެހުނީ ނޯޕޭ ލީވް ނަގާށެވެ.

"އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. ހެލްތު މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވިން. ޖަވާބަކަށް ލިބުނީ ސިވިލް ސާވިސްގެ ތެރެއިން ނޯވޭ އެގޮތަށް ޕޭ ލީވްއެއް ދެވޭކަށް،" މާޗް މަހު ކިޑްނީ ދިނުމުގެ އޮޕަރޭޝަން ކުރި މުހުސިން ބުންޏެވެ.

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރަނީ

މާޗް މަހާ ހަމައަށް ހަ މަސް ދުވަހުގެ ނޯޕޭ ލީވްގައި ހުރި މުހުސިންގެ ބެލުމުގައި ދަށުގައި އަންހެނުންނާއި ދެ ދަރިން ތިބޭ އިރު، ކޮއްކޮގެ ދަރިފުޅު ވެސް ހުންނަނީ އޭނާ ކައިރީގަ އެވެ. ސްކޫލަށް ދާ ތިން ކުދިންގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން އައީ އޭނާ އެވެ. އެހެންކަމުން ކޮއްކޮގެ ފުރާނަ ސަލާމަތްކުރަން ކިޑްނީ ދޭން އޭނާ ހޭދަކުރި ދުވަސްތަކުގެ ސަބަބުން އާއިލާ ބަލަހައްޓަން އެތައް ދަތިތަކެއް ދިމާވި އެވެ.

އެ ދަތި ހާލާ އެކު މުހުސިން މިއަދު ރާއްޖެ އައިސް އަނބުރާ ވަޒީފާއާ ގުޅިފައި އެވަނީ ކިޑްނީ ހަދިޔާކޮށްފަ އެވެ. މިހާރު އޭނާ އަޑުއުފުލަމުން ގެންދަނީ ދިމާވާ އެފަދަ މައްސަލަތަކުގައި، މުސާރައާ އެކު ޗުއްޓީ ލިބޭނެ ގޮޮތް ހެދުމާ ބެހޭ ގޮތުންނެވެ. އޭނާ ބުނާގޮތުގައި ކިޑްނީ ހަދިޔާ ކުރުން ފަދަ ބޮޑެތި ކަންކަމުގައި އުޅޭ މީހުންނަށް މުސާރައާ އެކު ޗުއްޓީ ހަމަޖެހެން ޖެހެ އެވެ. އެހެން ނުވާ ނަމަ އެފަދަ ބޮޑެތި ކަންކަން ދިމާވެގެން އުޅޭ މީހުންނަށް ހުރިހާ ގޮތަކުން ވެސް ލިބޭނީ އަނިޔާ ކަމަށް އޭނާ ބުނެ އެވެ.

"އަޅުގަނޑަށް ނުލިބުނަސް އަޅުގަނޑުގެ އެދުމަކީ މިފަދަ ކަންކަން ދިމާވާ އެހެން މީހުންނަށް ޕޭ ލީވް ލިބުން. އެގޮތަށް ބަންދު ނުލިބުނީމައި ދިމާވާ ދަތިތައް އިހުސާސް ކުރެވިއްޖެ،" މުހުސިން ބުންޏެވެ.

އުސޫލެއް ނެތް އާއްމު މައްސަލައެއް

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަކާ ގުޅިގެން ޑޯނާއަށް މަދުވެގެން ތިން މަސް ދުވަސް ބޭނުންވެދާނެ އެވެ. ބައެއް ސަބަބުތައް ދިމާވެ އެ މުއްދަތު އަށް މަހަށް ވެސް އިތުރުވާ ފަހަރު އާދެ އެވެ. އެއީ އޮޕަރޭޝަން ކުރުމަށް ހަދާ ޓެސްޓްތަކުން ދިމާވާ އެކި ކަންކަން ހައްލުކުރުމަށެވެ. އެހެންކަމުން ކިޑްނީ ދޭ މީހާ ވެސް އެކަމުގައި ދުވަސްގަނޑެއް ހޭދަކުރަން ޖެހެ އެވެ. މިހާރު އުސޫލުތައް ހުންނަ ގޮތުން އާއިލާ މީހަކަށް ނޫނީ ފަސޭހައިން ކިޑްނީއެއް ނުދެވެ އެވެ. ކިޑްނީ ހަދިޔާ ކުރުމަކީ ގިނަ ބަޔަކު ޖެހިލުންވާ ކަމެކެވެ. އަދި ވަޒީފާގައި ލުއި ގޮތެއް ނެތުމުން ވެސް ބައެއް މީހުން އެކަމާ ދުރުވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ޗުއްޓީ ދޭ އުސޫލުތަކުގެ ތެރޭގައި މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މުސާރައާ އެކު ޗުއްޓީ ލިބޭނެ ގޮތެއް ނޯވެ އެވެ. އަދި މިފަދަ މީހުންނަށް ޗުއްޓީ ދިނުމަށް ގާނޫނަކުން ލާޒިމް ނުކުރާތީ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އުނދަގޫތައް ކުރިމަތިވެ އެވެ. އަނެއްކޮޅުން ސޯޝަލް ވެލްފެއާގެ ތެރެއިން އެފަދަ މީހުންނަށް އިނާޔަތެއް ލިބޭނެ އެއްވެސް ގޮތެއް ނޯވެ އެވެ.

"ޑޮކްޓަރު އެބަ ލިޔުން ދޭ ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނޭ މިކަމަށް. އެކަމަކު ވެސް ދާން މިޖެހެނީ ނޯ ޕޭގައި. ކިހިނެއް އަނބިދަރިން ގެންގުޅޭ މީހުން ނޯ ޕޭގައި އެހާ ގިނަ ދުވަހު ތިބޭނީ؟" އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ އަދި ކިޑްނީ ހަދިޔާކުރަން ބޭނުން މީހަކު ބުންޏެވެ.

ކިޑްނީ ފެއިލްވެފައިވާ މީހަކު ޑައިލަސިސް ހަދަނީ

ކިޑްނީ ފެއިލްވެފައިވާ މީހަކު ޑައިލަސިސް ހަދަނީ

އެޗްއާރުސީއެމްގެ އެމްބެސެޑަރު އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކިޑްނީ ހަދިޔާ ކުރަން ދާ މީހުންނަށް މުސާރައާ އެކު ޗުއްޓީ ނުލިބުމަކީ ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. ކިޑްނީ ދޭން ގިނަ މީހުން ފަސްޖެހޭ އިރު އެފަދަ އުނދަގޫތައް ހައްލުކޮށްދިނުމުން ވެސް ބައެއް މީހުންނަށް ހިތްވަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހައެއްކަ މަސް ދުވަހުގެ ޕޭ ލީވެއް ދޭން ޖެހޭ. ސިވިލް ސާވިސްއިން އެބަ ޖެހޭ މިކަން ކޮށްދީ ނަމޫނާ ދައްކައިދޭން. މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ދާ މީހާއަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް މިކަންކަން ކޮށްދޭން ޖެހޭ،" އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ހިޝާން ވިދާޅުވި އެވެ. ކިޑްނީގެ ބަލިތައް ރާއްޖޭގައި މިހާރު ވަނީ އާންމުވެފަ އެވެ. ޑައިލަސިސް ހަދަން ޖެހޭ މީހުން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެމީހުންނަށް ދާއިމީ ހައްލެއް ލިބެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްގެންނެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ކިޑްނީ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އޮތް ހުރަސްތަކުގެ ސަބަބުން ވެސް ފަސްޖެހޭ ގޮތް ވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވަޒީފާއަށް އެޅިދާނެ ހުރަހެވެ. އެހެންކަމުން މިކަމަށް ރަނގަޅު ހައްލެއް ގެނެވިދާނެތޯ ސަރުކާރުން ވިސްނަން ޖެހެ އެވެ.