Roadha Mihaaru
ދައްތައަށް ނުދެވުނު ކިޑްނީ ހަދިޔާކުރީ ބޭބެއަށް!

ދައްތަ އަށް ނުދެވުނު ކިޑްނީ ހަދިޔާކުރީ ބޭބެއަށް!

09 މާޗް 2024

އޭނާގެ އެއްމާބަނޑު ދައްތަ ވެސް މީގެ ހައެއްކަ އަހަރު ކުރިން ވަކިވެ ދިޔައީ ކިޑްނީ ބަލީގަ އެވެ. ކިޑްނީ ދޭން އެ ފަހަރު ވެސް އއ. މަތިވެރި، އަބްދުﷲ ވިސާހު ހުރީ ތައްޔާރަށެވެ. އެކަމަކު ދައްތަގެ ހާލު މާބޮޑަށް ސީރިއަސް ކަމުން ކިޑްނީ ޓްރާންސްޕްލާންޓް ނުހެދި އުޅެނިކޮށް ނިޔާވީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޭނާގެ އެއްމާބަނޑު ދައްތަ ވެސް މީގެ ހައެއްކަ އަހަރު ކުރިން ވަކިވެ ދިޔައީ ކިޑްނީ ބަލީގަ އެވެ. ކިޑްނީ ދޭން އެ ފަހަރު ވެސް އއ. މަތިވެރި، އަބްދުﷲ ވިސާހު ހުރީ ތައްޔާރަށެވެ. އެކަމަކު ދައްތަގެ ހާލު މާބޮޑަށް ސީރިއަސް ކަމުން ކިޑްނީ ޓްރާންސްޕްލާންޓް ނުހެދި އުޅެނިކޮށް ނިޔާވީ އެވެ.

އަނެއްކާ ވެސް އާއިލާ އަށް ކުއްލި ހިތްދަތިކަމެއް ލިބުނީ އެއްވެސް އަލާމާތެއް، އުނދަގުލެއް ކުރިމަތިނުވެ ކުއްލިއަކަށް ބޭބެ، ނާފިއު، 40، ގެ ކިޑްނީ ބަލީގެ ޝިކާރައަކަށް ވެގެންނެވެ. އެ ހިތާމައިގެ ތެރެއިން އޭނާ ނިންމީ އޭނާގެ ކިޑްނީ ބޭބެ އަށް ދޭށެވެ.

ވިސާހު ބުނި ގޮތުގައި ކިޑްނީ ފެއިލް ވެފައިވާ ކަން އެނގުނު ހިސާބުން ނާފިއުގެ މޫނު މަތިން އުފާވެރިކަން ގެއްލިއްޖެ އެވެ. މީހާ، މާބޮޑަށް ހާސްވެ، އެއްކޮށް މާޔޫސްކޮށްލި އެވެ.

އަނެއްކާ ވެސް ހަމަ އެ ހާލަތު ދިމާވީމަ އަޅުގަނޑު އަމިއްލައަށް ދޭން ނިންމީ. ދެން އެކަހަލަ ހާލަތެއް ދިމާވީމަ މީހާ އެއްކޮށް މާޔޫސްވެފައި ހުރީ. އެކަމަކު އަޅުގަނޑު ހިތްވަރުދިނިން އިންޑިއާއަށް ދާށޭ، ގޮސްފައި ޑައިލަސިސް ހަދަން ޖެހިއްޖެޔާ ހަދާށޭ. އަޅުގަނޑު މިކޮޅުން ގޮސްފައި ކްރޮސްމެޗް ހަދާފައި ތައްޔާރީތައް ވާނަމޭ -- ވިސާހު

ފުލުހެއްގެ ވަޒީފާގައި ހުރި ނާފިއު އަށް ކިޑްނީ ފެއިލްވެފައިވާ ކަން އެނގުނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އެއް ރޭ ދަންވަރު ވަރަށް ބޮޑަށް ހޮޑުލެވުން ފިޔަވައި އިތުރު އެއްވެސް އުނދަގުލެއް ކުރިން އޭނާއަކަށް ނުވެ އެވެ. ހަމަ ކުއްލިއަކަށް އެނގުނުއިރު އޭނާގެ އެއް ކިޑްނީ ވަރަށް ބޮޑަށް ހަލާކުވެ، މަސައްކަތްތެއް ނުކުރެ އެވެ.

އެ އާއިލާ އަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، ވިސާހު، އޭނާގެ ކިޑްނީ ބޭބެ ނާފިއު އަށް ހަދިޔާކުރަން ނިންމިއިރު، "މިހާރު" އާ ވާހަކަ ދައްކަމުން ވިސާހު ބުނީ ކުރިން ބޭބެއަކީ އެއްވެސް ބައްޔެއްގެ އުނދަގުލެއް ކުރިމަތިވި މީހެއް ނޫން ކަމަށެވެ.

"އެއް ރެއެއްގެ 5:30 ހާއިރު ބައްޕަ އަޅުގަނޑަށް ގޮވަނީ، ބޭބެއަށް ކޮންމެވެސް ގޮތެއް އެބަވެޔޭ. ވަރަށް ބޮޑަށް ހޮޑުލަނީއޭ ކިޔާފައި. ދެން އަޅުގަނޑުމެން އަވަހަށް ބޭބެ ގޮވައިގެން ދިޔައީ ރަށު ހޮސްޕިޓަލަށް. އެ ތަނުން ވަރަށް ސީރިއަސް ކަމަށް ބުނެފައި އިމަޖެންސީގައި މާލެ ފޮނުވީ،" ވިސާހު ބުންޏެވެ.

ވިސާހު ބުނިގޮތުގައި، ބޭބެގެ ކިޑްނީ މައްސަލަ ޖެހިފައިވާކަން އެނގުނީ އައިޖީއެމްއެޗުން ހެދި ޓެސްޓުތަކުގެ ނަތީޖާ އިންނެވެ. އޭރު ޑޮކްޓަރުން ލަފާދިނީ ޑައިލަސިސް ހެދުމަށެވެ. އެކަމަކު، ކަން ދިމާކުރި ގޮތުން އެކަން އެނގުނުއިރު ނާފިއު ދިޔައީ އޭނާގެ ދަރިފުޅުގެ ސިއްހީ މައްސަލައަކާ ގުޅިގެން އިންޑިއާއަށް ދިއުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ.

"ދެން ބޭބެ ބުނީ އިންޑިއާ އަށް ދާން ވެގެންނޭ މި އުޅެނީ، ޕާސްޕޯޓު ލިބުނީމާ ހަމަ ފުރަންވީއޭ. އެހެންވެ ޑޮކްޓަރުން ބުނީ ދާ ކަމަށް ވަންޏާ އެކޮޅަށް ގޮސްފައި ޓެސްޓް އިތުރަށް ހަދާފައި ޑިސިޝަނެއް ނަގާށޭ އެކޮޅުން ޑައިލަސިސް ފަށާނީތޯ،" މަތިވެރި ގެސްޓް ހައުސްއެއްގައި ވަޒީފާ އަދާކުރަމުން އަންނަ ދެ ކުދިންގެ ބައްޕަ ވިސާހު ބުންޏެވެ.

ވިސާހު އާއި ނާފިއުގެ އާއިލާ.

ވިސާހު އާއި ނާފިއުގެ އާއިލާ.

"ކުރިން އިންޑިއާ އަށް ދާން އުޅުނީ މިކަހަލަ ކަމަކު ނޫން. އޭރުގައި އުޅުނީ ބޭބެގެ ދަރިފުޅުގެ ގައިގައި އެއްޗެހިތަކެއް ނަގައިގެން ވަރަށް ބަލިކޮށް އުޅޭނީ. އެ ވާ ގޮތެއް ނޭނގިގެން އެކަމުގައި ދާން އުޅުނީ."

އެއާ އެކު، ދެ ދުވަހެއްގެ ތެރޭގައި އެކި ގޮތްގޮތުން އެހީ ހޯދައިގެން އެ މީހުން ވަނީ އިންޑިއާ އަށް ނާފިއު ގެންގޮސްފަ އެވެ. އޭނާ މިވަގުތު ފަރުވާ ހޯދަމުން އަންނަނީ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުންނެވެ.

ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުން، އޭރު ނާފިއުއާ އެކު ނުދެވުނަސް އޭގެ ދެތިން ދުވަހެއް ފަހުން ވިސާހު ވެސް ވަނީ ބެންގަލޫރަށް ގޮސްފަ އެވެ. އޭރު ދެވަނަ ފަހަރަށް ޓެސްޓު ހެދުމުން ވެސް ކިޑްނީ ބަލި ޖެހިފައިވާ ކަމަށް އަންގައި ޑައިލަސިސް ހަދަން އެތަނުގެ ޑޮކްޓަރުން ވެސް އޮތީ އަންގައިފަ އެވެ.

އެކަމަކު ޑޯނަރެއް ލިބިފައިވާ ނަމަ، އަދި މަޑުކުރެވިދާނެ ކަމަށް ބުނެފައިވާތީ ޑައިލަސިސް ނުފަށާ ކަމަށް ވިސާހު ބުންޏެވެ.

"ޑޮކްޓަރު ވިދާޅުވެފައި އޮތީ އޭނާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައި ނެތީމާ އާއި އަދި މިކޮޅުން ފަހުން ދިޔައިރު ވެސް ވަރަށް ވަރުގަދަކޮށް، އެއްވެސް ކަހަލަ ބަލިކަމެއް ވެސް ނެތީމަ ވިދާޅުވީ އޭނާގެ ސްޓްރެންތު އަދި ވަރަށް ރަނގަޅޭ،" މިވަގުތު މަތިވެރީގައި ހުރި ވިސާހު ކިޔައިދިނެވެ.

ވިސާހު ބުނި ގޮތުގައި ބޭބެ މި ވަގުތު ހުރީ ރާއްޖޭގަ އެވެ. ޑައިލަސިސް މިވަގުތު ނުފެށިޔަސް ވަކި ހާއްސަ ޑައިޓެއް ފޮލޯކުރަން ޖެހުމާ އެކު ވަރަށް ބަލައިގެން އުޅެން ޖެހޭތީ އެއިން މީހަކު އަބަދުވެސް ބޭބެ ގާތުގައި ހުންނަ ކަމަށް ވިސާހު ބުންޏެވެ.

ކިޑްނީ ހަދިޔާ ކުރަން ނިންމައި ކްރޮސް މެޗް ހެދިއިރު ވިސާހުއާ ދިމާވެ އެވެ. އެހެންވެ ކިޑްނީ ޓްރާންސްޕްލާންޓު ހެދުން އޮތީ ރޯދަމަހުގެ ފަހުން ކަމަށް އޭނާ ބުންޏެވެ. އެކަމުގެ ތައްޔާރީތައް މިހާރު ވެސް އާއިލާ އިން ވަމުން އަންނަ ކަމަށް ވިސާހު ބުންޏެވެ.

"އެކަމަށް ތައްޔާރުވެގެން އަންނަން އިންޑިއާ އިން ޑޮކްޓަރު ދީފައި އިނީ މަހެއް. ރޯދައިގެ ފަހުން ދާން ޖެހޭ. ދެން މިކޮޅުގައި ހުންނައިރު ވެސް އެއްވެސް އުނދަގުލެއް ފެނިއްޖިއްޔާ ޑައިލަސިސް ފައްޓަން ޑޮކްޓަރު ވިދާޅުވެފައި ވަނީ،" ހަ އަހަރުގެ ކުއްޖަކު ވެސް ހުންނަ ނާފިއުއާ ގުޅިގެން ވިސާހު ބުންޏެވެ.

ނާފިއުއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް: މި ނޫން އިތުރު އެކައުންޓު ނަމްބަރަކުން އެމީހުން އެހީ ހޯދުމުގެ މަސައްކަތެއް ނުކުރެ އެވެ.

ނާފިއުއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް: މި ނޫން އިތުރު އެކައުންޓު ނަމްބަރަކުން އެމީހުން އެހީ ހޯދުމުގެ މަސައްކަތެއް ނުކުރެ އެވެ.

ބޭބެއަށް ކިޑްނީ ދޭން ވިސާހު ނިންމިއިރު، މީގެ ހައެއްކަ އަހަރުކުރިން އޭނާގެ ދައްތަ މިދުނިޔެއާ ވަކިވީ ވެސް ކިޑްނީ ބަލީގަ އެވެ. އޭރު އޭނާގެ ދައްތަ، ޑައިލަސިސް ހަދަމުންދަނިކޮށް ނިޔާވިއިރު ކިޑްނީ ދޭން އޭރު ވެސް އޭނާ ހުރީ ތައްޔާރަށެވެ. އެކަމަކު އެކަން ނުކުރެވުނީ ދައްތަގެ ހާލު ސްޓޭބަލް ނުވެގެންނެވެ.

"އަޅުގަނޑުގެ ޓްވިން ދައްތައެއް ހުރި. އޭނާ ވެސް 2017 ގައި މިދުނިޔެއިން ދިޔައީ ކިޑްނީ ބަލީގައި. ޑައިލަސިސް ހަދަން އުޅުމުގައި ނިޔާވީ. އޭރު ވެސް އަޅުގަނޑު ޓެސްޓް ހަދަން އުޅުނީ ކިޑްނީ ދޭން ވެގެން. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އެކަން ނުވީ، އެކަމަކު ދައްތަ ވަރަށް ބަލިކޮށް އުޅުނީ އޭރު ވެސް،" އުމުރުން 31 އަހަރުގެ ވިސާހު ބުންޏެވެ.

ވިސާހު ބުނި ގޮތުގައި އާސަންދައިން ހުރިހާ އިންތިޒާމުތަކެއް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ. އަދި އިތުރު ލިޔެކިޔުންތަކެއްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެހީގެ އިންތިޒާމު ވެސް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ބުނެ އެވެ.

ޑޮކްޓަރުގެ ލިޔުން.

ޑޮކްޓަރުގެ ލިޔުން.

އާއިލާގެ ޒިންމާތައް އުފުލުމުގައި އުޅޭ ދެ މީހުން، ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި ބޭސް ފަރުވާގައި އުޅެން ޖެހޭނެތީ އެމީހުން އާންމުންގެ އެހީއަށް ވެސް އެދެ އެވެ. ސަބަބަކީ އެތަނުގައި ހައެއްކަ މަހު މަޑުކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން އަންގާފައި އޮތުމުންނެވެ.

"ހޮސްޕިޓަލު ތެރެއިން ކުރާ ހުރިހާ ކަމެއްގެ އާސަންދަ ހުރީ ހަމަޖެހިފައި. އެކަމަކު އެކޮޅުގައި ކެއުން ބުއިމާއި ހުރުމުގެ ހަރަދުތައް ހިނގާނެ. އެކޮޅުން ބުނެފައި އިނީ މަދުވެގެން ހައެއް ނޫނީ ހަ މަސް ދުވަހު ހުންނަން ޖެހޭނެއޭ. އެހެންވެ އެހީ ހޯދަނީ."

ދައްތައަށް ނުދެވުނު އެ ކިޑްނީ ބޭބެއަށް ހަދިޔާކުރުމަށް ފަހު، ވިސާހު ހުރީ ގަދަވެ ސަލާމަތުން އާދެވި ބޭބެއާ އެކު އުފާވެރި ދުވަސްތަކެއް އުޅެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އިތުރު މައުލޫމާތު:

އަބްދުﷲ ވިސާހު: 9171795