Roadha Mihaaru
މޫސުން ގޯސްވެ ފެން އީދަކަށް ވެދާނެ

މޫސުން ގޯސްވެ ފެން އީދަކަށް ވެދާނެ

02 ޖޫން 2019

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވާން މޫސުމާ ބެހޭ އިދާރާ އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ. މޫސުން ގޯސް ދުވަސްތައް ދިމާވާނީ، ގިނަ ބަޔަކު ދަތުރުކޮށް އުޅޭ، ކުޑައީދުގެ ބަންދާ އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނީ މާދަމާ އިން ފެށިގެން 72 ގަޑި އިރު ވަންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އާއްމުގޮތެއްގައި ވައި ގަދަވާނީ މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށެވެ.

އެ އަތޮޅުތަކަށް އާއްމު ގޮތެއްގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

ދެކުނުގެ އަތޮޅު ތަކަށް އާއްމުގޮތެއްގައި އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި އެއަތޮޅުތަކަށް ވެސް ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާ ކުރެވެ އެވެ.

ކުރިއަށް އޮތް ތިން ދުވަހު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ އިރު މިދިޔަ ދެ ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން ލ. އަތޮޅާއި ގއ. އަތޮޅުގެ ބައެއް ރަށް ރަށުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަދެ ގެއްލުންތައް ލިބުނެވެ.