Roadha Mihaaru
މައްކާ ސަމިޓަށް ފަހު ގަތަރަށް އަނެއްކާވެސް ފާޑުކިއުން

މައްކާ ސަމިޓަށް ފަހު ގަތަރަށް އަނެއްކާވެސް ފާޑުކިއުން

03 ޖޫން 2019

މާތްވެގެންވާ މައްކާގައި މިދިޔަ ހަފުތާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓްގައި ފާސްކުރި ގަރާރަށް ތާއީދު ނުކުރުމުން ސައުދީ އަރަބިއްޔާގެ ބައިވެރިން ގަތަރަށް އަނެއްކާ ވެސް ފާޑުކިޔަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާތްވެގެންވާ މައްކާގައި މިދިޔަ ހަފުތާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓްގައި ފާސްކުރި ގަރާރަށް ތާއީދު ނުކުރުމުން ސައުދީ އަރަބިއްޔާގެ ބައިވެރިން ގަތަރަށް އަނެއްކާ ވެސް ފާޑުކިޔަން ފަށައިފި އެވެ.

އީރާނާ ދެކޮޅު ހެދުމުގައި ސައުދީ އާއި އެ ގައުމުގެ ބައިވެރިންނާ އެއް ވިސްނުމަކަށް ނައުމުން އެ ގައުމުތަކުން 2017 ވަނަ އަހަރު ގަތަރާ ގުޅުން ކަނޑައިލި އެވެ. އެ ފަހަރު ގުޅުން ކަނޑައިލުމަށް ފަހު އެ ގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު ވެސް އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ސައުދީން އިސްނަގައިގެން މައްކާގައި ބޭއްވި ސަމިޓުގައި ބައިވެރިވުމަށް ގަތަރުގެ އަމީރަށް ސައުދީ ރަސްގެފާނު ދައުވަތު ދެއްވި އެވެ.

އެކަމަކު މައްކާ ސަމިޓްގައި ފާސްކުރި ގަރާރަށް ތާއީދު ނުކުރާކަން ގަތަރުން އިއްޔެ ވަނީ ބުނެފަ އެވެ. އެ ގައުމުން ބުނީ އެ ގަރާރަށް ތާއީދު ކުރެވެން ނެތީ ގަތަރުގެ ޚާރިޖީ ސިޔާސަތާ ހިލާފު ގަރާރަކަށް ވާތީ ކަމަށެވެ. ގަތަރުން ދެކޮޅު ހެދި ގަރާރުގައި ގޮވާލާފައި ވަނީ ގަލްފު ސަރަހައްދުގެ ކަންތައްތަކާ އީރާނުން ނުބެހުމަށެވެ.

މައްކާ ސަމިޓްގައި ފަލަސްތީނު މައްސަލަ ފަދަ މުހިއްމު މައްސަލަތަކަށް ސަމާލުކަން ދޭނެ ކަމަށް އުންމީދުކުރި ކަމަށް ގަތަރުން ބުންޏެވެ.

ގަރާރަށް ފުރިހަމައަށް ތާއީދު ކުރެވެން ނެތް ކަމަށް ގަތަރުން ބުނުމުން އެ ގައުމަށް ފާޑުވިދާޅުވަމުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވީ ގަތަރުން ހަގީގަތް އޮޅުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަތަރުން ދެކޮޅު ހަދާ ކަންތައްތަކެއް ހުރި ނަމަ ބައްދަލުވުމުގައި އެކަން ފާޅުކުރަން ޖެހޭނެ ކަމަށާއި އެކަން އަންނަން ޖެހޭނީ ބައްދަލުވުމުގެ ފަހުން ނޫން ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަންވަރު ގަރުގާޝް ވިދާޅުވީ ބައްދަލުވުމަށް ފަހު ގަތަރުގެ ސިޔާސަތު ބަދަލުވުމަކީ އެގައުމުގެ ބަލިކަށިކަން ދައްކައިދޭ އަދި އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށެެވެ. ބަހްރައިނުން ބުނީ ގަތަރުގެ ނިންމުމުން ދޭހަވަނީ ސަރަހައްދުގެ ގައުމުތަކާ އެގައުމާ ދެމެދު އޮތް ގުޅުމުގެ ބަލިކަށިކަން ކަމަށެވެ.