Roadha Mihaaru
ނުގަވައިދުން ގައިދީއަކު ދޫކުރި މައްސަލަ ޕޮލިހަށް

ނުގަވައިދުން ގައިދީއަކު ދޫކުރި މައްސަލަ ތަހުގީގު ކުރަން ޕޮލިހަށް

07 ޖޫން 2019

ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރެއިން މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވައިފި އެވެ.

ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރެއިން މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް މާފު ދެއްވި ގައިދީންގެ ލިސްޓުގައި ނުހިމެނޭ މީހަކު ދޫކުރިކަން ހޯމް މިނިސްޓަރު އިމްރާނަށް އެނގިވަޑައިގަތުމުން އެކަން ބައްލަވާފައިވާ ކަމަށެވެ.

އެހެންވެ، އެކަން ހިނގައިދިޔަ ގޮތް އިތުރަށް ބަލައި، ދިރާސާ ކުރުމަށް ފަހު އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް މިނިސްޓަރު އިމްރާން އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގު ހިންގަން ފުލުހުންނަށް ވެސް މިނިސްޓަރު އިމްރާން އަންގަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އުސޫލުތަކުގެ ބޭރުން ދޫކުރި ގައިދީ މިހާރު ހުރީ ތަހުގީގަށް ބަންދުކޮށްފައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައިދީ ދޫކުރި މައްސަލައިގައި، ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ސްޓާފް ސާޖެންޓަކު މިދިޔަ މަހުގެ 23 ގައި ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭނާ އަކީ ކުށްވެރިން ދޫކުރަން ޗިޓް ހަދާ މީހާ އެވެ.

އެނގިފައިވާ ގޮތުގައި، މިނިވަން ކުރަން ނުޖެހޭ ގައިދީ ދޫކުރުމުގެ ޗިޓް ހެދީ އެ އޮފިސަރެވެ. އެ ޗިޓުގައި، އެ ޑިޕާޓްމަންޓުގެ ވެރިޔާ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ސޮއިކުރެއްވުމަށް ފަހު އެ ކުށްވެރިޔާ މިނިވަން ވެސް ކުރި އެވެ.