Roadha Mihaaru
އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާއެކު

އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާ އެކު

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖޭގައި ދެވެން ނެތް ފަރުވާއަކަށް އިންޑިއާ އަށް ފޮނުވަން މެޑިކަލް ބޯޑުން ވަނީ ނިންމައިފަ އެވެ. ބޮޑެތި ކުށްތަކެއް ސާބިތުވެ އިއްވި 33 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަދީބު ބޭރަށް ފޮނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ހޯމް މިނިސްޓްރީން ބުނީ، އަދީބުގެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށެވެ. އަދި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދީބުގެ ދަތުރުގައި އޮފިސަރުން ބައިވެރިވާނެ ކަން އާއިލާ އަށް ވެސް އަންގާފައިވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ވިދާޅުވެފަ އެވެ.

އަދީބުގެ އަނބިކަނބަލުންގެ ޓުވީޓް.

ހޯމް މިނިސްޓްރީން ބުނިގޮތުގައި އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ކަށަވަރު ކޮށްދޭންޖެހޭ އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ އިންސާފުގެ ކުރިމައްޗަށް އެމަނިކުފާނު ހާޒިރުކުރަން ހުރަސްއެޅޭނެ ކަމެއް ނޫނެވެ.

އަދީބު މިހާރު ހުންނެވީ 15 ދުވަހުގެ ގޭ ބަންދެއްގަ އެވެ. އެ މަނިކުފާނު ބަންދުކުރަން އަމުރުކުރީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގި އިރެވެ. އެނގިފައިވާ ގޮތުގައި މި ހަފުތާ ތެރޭގައި އެ މުއްދަތު ހަމަވެ އަދީބު ގޭބަންދުން ވެސް މިނިވަންވާނެ އެވެ.