Roadha Mihaaru
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ

އަދީބު ފުރާނީ ހުކުރު ދުވަހު، 26 ގައި އެނބުރި އަންނާނެ: އިމްރާން

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިމްރާން ވިދާޅުވި ގޮތުގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށެވެ. ފަރުވާ އަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާ ނަމަ މި މަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ޓިކެޓު ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ވާނީ ހިއްސާ ކުރެވިފައި. އެހެންވީމާ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.

"މިހާރު އޮތް ޝެޑިއުލަށް ދާ ނަމަ، ނުވަތަ ޑޮކްޓަރުން [ފަރުވާ އަށް މަޑުކުރަން] އިތުރު ލަފައެއް ނުދެއްވާ ނަމަ 26 ގައި އެނބުރި ގެނެވޭނެ. އަދި މުއްދަތު އިތުރުކުރަން އެދެފި ނަމަ ވެސް އެކަން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ހަމަޖޭނީ."

ހޯމް މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަނުގެ އިސްވެރިއަކު ކޮމިޓީ އަށް ހާޒިރުކުރި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ބޭސްފަރުވާ އަށް އޭނާ ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ވަނީ ދީފައި. --ފޮޓޯ/މިހާރު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ބޭސްފަރުވާ އަށް އޭނާ ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ވަނީ ދީފައި. --ފޮޓޯ/މިހާރު

އަދީބުގެ ޕާސްޕޯޓް ދުލެއް ނުކުރެ އެވެ. އޭނާ ފުރުވާލަނީ، ކަރެކްޝަންސް އިން ބުނިގޮތުގައި ޓްރެވަލް ޑޮކިއުމެންޓެއްގަ އެވެ. އިންޑިއާގެ ސަރުކާރަށް ވެސް އެކަން އަންގާފައިވާ އިރު، މި ހާލަތުގައި، އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުންޏެވެ.

އިމްރާން ވެސް ވިދާޅުވި ގޮތުގައި ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެ އެވެ. އެ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބު ފުރުވާލަން ނިންމީ ރާއްޖެ އިން ބޭސްފަރުވާ ކުރެވެން ނެތިގެންނެވެ. ބޭރުގެ ޑޮކްޓަރަކު ގެނެސްގެން ފަރުވާ ދޭން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ ޑޮކްޓަރުގެ ވެސް ލަފައަކަށް ވީ ބޭރުން ފަރުވާ ދިނުން ކަމަށް އިމްރާން ވިދާޅުވި އެވެ.

ޖަލުގައި ތިބި ގައިދީންގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގަތުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ. އޭގައި އަދީބު ނުވަތަ އެހެން ގައިދީއަކާ މެދު ތަފާތުކުރުމެއް ވެސް ނުގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އަދީބާ އެކު ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ބައިވެރިވާނެ ކަމަށެވެ. ފުލުހުންގެ އެޑްވާންސް ޓީމު މާދަމާ އިންޑިއާ އަށް ފުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލުމާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު ހަމީދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަހްމަދު އަދީބު އަބްދުލް ޣަފޫރަކީ މުޅި ދައުލަތުގެ މަސްލަހަތާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތަކަށް ވާތީ އާއި މިހާރު ވެސް ހިނގަމުންދާ ވަރަށް ގިނަ ތަހުގީގުތަކަށް ނިސްބަތްވާ ފަރާތަކަށް ވާތީވެ އަޅުގަނޑުމެންގެ ވެސް ދައުރެއް މީގައި އެބައޮތް،" ހަމީދު ވިދާޅުވި އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އަދީބު، ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލާތީ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހާޒިރުކޮށް ސުވާލު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.